ޚަބަރު

ރާއްޖޭގެ ސިޔާސީ މަސްރަހު ހުރިގޮތް ޗައިނާ ސަރުކާރާ ހިއްސާކޮށްފި


ރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަޙާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ރާއްޖޭގެ ބައެއް އެކުވެރި ޤައުމުތަކާއި ޙިއްޞާ ކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ޚާއްޞަ މަންދޫބުންގެ ތެރެއިން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙައްމަދު ސަޢީދު، ޗައިނާގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

އެމަނިކުފާނު ޗައިނާއަށް ކުރައްވާ ދަތުރުފުޅުގައި ފުރާވަޑައިގަތީ ރޭގެ ވަގުތެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބެއްގެ ގޮތުގައި މިނިސްޓަރ ސަޢީދު ޗައިނާއަށް ފޮނުއްވިއިރު، ސަޢޫދީ ޢަރަބިއްޔާއަށާއި ޕާކިސްތާނަށްވެސް ވަނީ މަންދޫބުން ފޮނުއްވާފައެވެ. ސަޢޫދީ ޢަރަބިއްޔާއަށް ފޮނުއްވީ، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ މުޙައްމަދު ޝައިނީއެވެ. ޕާކިސްތާނަށް ފޮނުއްވީ ފޮރިންގ މިނިސްޓަރ ޑރ. މުޙައްމަދު ޢާޞިމްއެވެ.