ޚަބަރު

އަމަންއަމާންކަން ގެއްލޭފަދަ ކޮންޓެންޓް ނުފެތުރުމަށް އިންޒާރުދީފި


ޤައުމުގެ އަމަންއަމާންކަން ގެއްލޭފަދަ މަޢުލޫމާތު ފެތުރުން ވަގުތުން ހުއްޓާލުމަށް ޑިފެންސް މިނިސްޓްރީން އިންޒާރު ދީފިއެވެ.

ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުއްލި ނުރައްކަލުގެ ޙާލަތާއި ގުޅިގެން ބައެއް ފަރާތްތަކުން ރާއްޖޭގެ ޤައުމީ ސަލާމަތަށް ނުރައްކާވާފަދަ މަޢުލޫމާތާއި ކޮންޓެންޓް ހާމަކުރަމުންދާކަން ފާހަގަކުރެވިފައިވާކަމަށް. އަދި ތަފާތު ވަޞީލަތްތައް މެދުވެރިކޮށް ފަތުރާ މަޢުލޫމާތާއި ވަގުތުން ދުރަށް ފޮނުވަމުންގެންދާ ޕްރޮގްރާމްތަކުގައި ދިވެހި ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފައްދައި، ޤައުމުގެ އަމަންއަމާންކަން ގެއްލޭފަދަ ގޮތްގޮތަށް، މަޢުލޫމާތު ފަތުރަމުންދާކަންވެސް ފާހަގަ ކުރެވިފައިވާކަމަށެވެ.

މި ބަޔާނުގައު ބުނެފައިވަނީ، ޤައުމުގެ އަމާންކަމާއި ޞުލްޙަ މަސަލަސްކަން ޤާއިމުކުރުމަށްޓަކައި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރަށް ލާޒިމުކުރާ ޤާނޫނީ ވާޖިބުތައް އަދާކުރުމަށްޓަކައި ޤައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ނޭދެވޭ އަސަރުކޮށްފާނެ މަޢުލޫމާތާއި ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެދި، ޤައުމުގެ އަމަންއަމާންކަން ގެއްލޭފަދަ މަޢުލޫމާތު ފެތުރުން ވަގުތުން ހުއްޓާލުމަށް ނަޞޭޙަތްތެރިވެ އިންޒާރުދޭކަމަށެވެ. އަދި ރާއްޖޭގެ ޤައުމީ ސަލާމަތަށް ނުރައްކާވާފަދަ މަޢުލޫމާތާއި ކޮންޓެންޓް ހާމަކުރާ ފަރާތްތަކާއިމެދު އިތުރު އިންޒާރެއް ދިނުމެއްނެތި ފިޔަވަޅު އަޅަމުންގެންދާނެކަން އަންގާ ކަމަށެވެ.