ޚަބަރު

ޤައުމުތަކުން ރާއްޖޭގެ މިނިވަންކަމަށް އިޙްތިރާމްކުރަންޖެހޭ


ދިވެހިރާއްޖޭގެ އިސްތިޤްލާލާއި ސިޔާދަތަށް ބައިނަލްއަޤްވާމީ މުޖްތަމަޢުން އިޙްތިރާމުކުރަން ޖެހޭނޭކަމަށް، ޗައިނާއިން ބުނެފިއެވެ. 

އދގެ ސަލާމަތީ މަޖިލީހަށް ހުށަހެޅޭ މައްސަލަތައް ބޭރުކޮށްލުމުގެ ބާރު ލިބިފައިވާ ޗައިނާއިން މިކަން ހާމަކުރީ، އދގެ ސަލާމަތީ މަޖިލީހަށް ރާއްޖޭގެ މައްސަލަތަކެއް ހުށަހަޅާފައިވާކަމަށް ބުނެ ޙަބަރު ފެތުރިފައިވަނިކޮށެވެ.

މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ޗައިނާގެ ޚާރިޖިއްޔާގެ ތަރުޖަމާނު ގެންގް ޝުއާންގް ވިދާޅުވީ، ރާއްޖޭގައި މިހާރު ދިމާވެގެން އުޅޭ މައްސަލައަށް ޙައްލެއް ގެންނަން ޖެހޭނީ ރާއްޖޭގެ ކަމާބެހޭ ފަރާތްތަކުގެ މެދުގައި މަޝްވަރާކޮށްގެންކަމަށެވެ. އަދި އެކަމަށް ބައިނަލްއަޤްވާމީ މުޖްތަމަޢުގެ އެހީތެރިކަން ފޯރުކޮށްދޭންޖެހޭކަމަށްވެސް ޗައިނާގެ ޚާރިޖިއްޔާގެ ތަރުޖަމާނު ވިދާޅުވިއެވެ.

ރާއްޖޭގައި އުފެދިގެން އުޅޭ މައްސަލަ ޙައްލުކުރުމަށް އދ މެދުވެރިއެއްގެ ރޯލު އަދާކުރުމާ ގުޅޭގޮތުން ޗައިނާގެ ޚާރިޖިއްޔާއިން ބުނީ، ރާއްޖޭގައި ޖެހިގެން އުޅެނީ ދާޚިލީ މައްސަލައެއްކަމަށާއި، އެކަން ޙައްލުކުރަންޖެހޭނީ ދިވެހިންކަމަށެވެ. އަދި ޗައިނާއިން ދަނީ ރާއްޖޭގައި ހިނގަމުންދާ ކަންކަން ގާތުން ބަލަމުންދާކަމަށާއި ރާއްޖޭގައި ހަމަޖެހުން ޤާއިމްކުރުމަށް ޗައިނާގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށްވެސް ޗައިނާގެ ޚާރިޖިއްޔާގެ ތަރުޖަމާނު ވިދާޅުވިއެވެ.

ޗައިނާގެ ޚާރިޖިއްޔާއިން ބޭއްވި ޕްރެސް ކޮންފަރެންސްގައި، ރާއްޖޭގެ ތަންތަން ޗައިނާއަށް ވިއްކަމުންދާކަމަށް ބުނެ ކުރީގެ ރައީސް ނަޝީދު ރާއްޖެއާއި ޗައިނާއާ ގުޅުވައިގެން ދައްކަވާ ހަޤީޤަތާއި ޚިލާފު ވާހަކަތައް ދޮގުކޮށް، އެކަމަށް ރައްދުދިނެވެ.

ޗައިނާގެ ޚާރިޖިއްޔާގެ ތަރުޖަމާނު ގެންގް ޝުއާންގް ވިދާޅުވީ ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައިވެސް ޗައިނާއިން ރާއްޖެއާ ގުޅިގެން ގިނަ މަސައްކަތްތަކެއްކޮށް، އެކަމުގެ ފައިދާ ރާއްޖެއަށް ކޮށްފައިވާކަމަށެވެ. އަދި އެއީވެސް ތަންތަން ވިއްކުންކަމަށް ނަޝީދު ސިފަ ކުރައްވާނެތޯ ޝުއާންގް ސުވާލުކުރެއްވިއެވެ.

ތަރުޖަމާނު ވިދާޅުވީ ޗައިނާއިން ރާއްޖެއާ ގުޅިގެން އުމްރާނީ ތަރައްޤީއާއި އިޤްތިޞާދީ ކުރިއެރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އެއީ ސިޔާސީ މަޤްޞަދެއް ހާޞިލުކުރުމަށް ކުރާ މަސައްކަތެއް ނޫންކަމަށާއި އެއީ ހުރިހާ ދިވެހިންގެ ތަރައްޤީއާއި ކުރިއެރުމަށާއި ދެޤައުމުގެ ފައިދާއަށް ކުރާ މަސައްކަތްތަކެއްކަމަށް ޗައިނާގެ ޚާރިޖިއްޔާއިން ވިދާޅުވިއެވެ.