ޚަބަރު

މައުމޫން ހައްޔަރުކުރަންޖެހުނީ ނަޝީދުގެ ސަބަބުން - ދުންޔާ


ރައީސް މައުމޫނަށް މިހާރު ކުރިމަތިވެވަޑައިގެންފައިވާ ކަންކަމަކީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސަބަބުން ދިމާވާ ކަންކަންކަމަށް، ރައީސް މައުމޫންގެ ދަރިކަނބަލުން ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވީ ރައީސް މައުމޫން ފުލުހުން ހައްޔަރުކުރީ، ރައީސް ނަޝީދު ހިންގެވި ސިޔާސީ ކަންތައްތަކެއްގެ ސަބަބުންކަމަށެވެ. އަދި ބޭރުގެ ފަރާތްތަކުން ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަނުމަށް ނަޝީދު ގޮވާލެއްވި ގޮވާލެއްވުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ޢަމަލެއްގެ ގޮތުގައި ދުންޔާ ސިފަކުރެއްވިއެވެ.

ދުންޔާ ވިދާޅުވީ ޙައްލުކުރަންޖެހޭ މައްސަލަތަކެއް އެބަހުރިކަމަށާ ނަމަވެސް އެއީ އަޅުގަނޑުމެންގެ ތެރޭގައި މަޝްވަރާކޮށްގެން ހައްލުކުރެވިދާނެ ކަންކަންކަމަށެވެ.

ދުންޔާ ވިދާޅުވީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރުމުން ބައެއް ފަރާތްތަކުން ކަންބޮޑުވާކަމަށާއި ނަމަވެސް އެއީ ޤައުމުގެ ސަލާމަތާއި ހަމަޖެހުމަށް ރައީސުލްޖުމްހޫރިއްޔާ ކޮންމެހެންވެސް ކުރައްވަންޖެހޭ ކަމެއްކަމަށެވެ. އަދި މިދަނޑިވަޅުގައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޒިންމާދާރު ގޮތެއްގައި ދިވެހި ސިފައިންނާއި ފުލުހުން ޢަމަލުކުރަމުންދާތީ، އެކަމާ އުފާކުރައްވާކަމަށްވެސް ދުންޔާ ވިދާޅުވިއެވެ.

އިންޑިއާގެ ނޫހަކަށް ދެއްވި އިންޓަވިއުގައި އެކަމަނާ ވަނީ ރައީސް ޔާމީނާއެކު ސާބިތުކަންމަތީ ހުންނެވިކަން ފާހަގަކުރައްވާފައެވެ. އަދި ވީ އެންމެ އަވަހަކަށް އެކަމަނާގެ ބައްޕާފުޅު ބަންދުން މިނިވަންވެވަޑައިގަތުމަށް އެދިވަޑައިގަންނަވާކަމަށްވެސް ދުންޔާ ވިދާޅުވިއެވެ.