ރާއްޖޭގެ ހާލަތު ބެލުމަށް ބައިނަލް އަޤްވާމީ ފަރާތްތަކަށް ދިވެހި ސަރުކާރުން ދައުވަތު ދީފިއެވެ.
ފޮރިން މިނިސްޓްރީ ޑރ މުޙައްމަދު އާސިމް ވިދާޅުވީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކޮށްފައިވީ ނަމަވެސް އާއްމު ދިރިއުޅުމާއި ވިޔަފާރިއާއި އެހެނިހެން ހިދުމަތްތަކަށް އެއްވެސް ހުރަހެއްނެތަކަމަށެވެ. އަދި ރާއްޖޭގައި އުޅުމަށް އެއްވެސް ނުރައްކަލެއް ނެތްކަމަށާއި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށްވެސް ނުރައްކަލެއް ނެތްކަމަށް ފޮރިން މިނިސްޓަރ މުޙައްމަދު އާސިމް ވިދާޅުވިއެވެ. މިނިސްޓަރ އާސިމް ވިދާޅުވީ ބައެއް ޤައުމުތަކުން ޓްރެވަލް އެޑްވައިޒަރީތައް ނެރެމުން ގެންދާތީ އެކަމުގެ އަސަރު ރާއްޖޭގެ ފަތުރުވެރިކަމަށް ކުރާނެތީ ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ
"އަޅުގަނޑުމެން މިއަދު ދައުވަތު އެބަ އަރުވަން ބޭރުގެ އެކިފަރާތްތަކަށް. ހާއްސަކޮށް ރާއްޖޭގެ ޑިވަލޮޕްމަންޓް ޕާޓްނާރސްތަކަށާއި ބައިނަލްއަޤުވާމީ ޖަމްއިއްޔާ ތަކަށް ރާއްޖެވަޑައިގެން ރާއްޖޭގެ ހާލަތު އެސެސްކޮށްދެން. އަމިއްލައަށް ވަޑައިގެން ރާއްޖޭގެ ހާލަތު ބައްލަވާ މޮނިޓާރ ކުރެއްވުމަށް. މިއީ ވަރަށް މުހިންމު ކަމެއް. އޭއީ ރާއްޖޭގެ ރައްޔިތުން ދިރިއުޅެމުން ދަނީ އާންމު ހާލަތެއްގައި " ފޮރިން މިނިސްޓަރ ޑރ މުޙައްމަދު އާސިމް ވިދާޅުވިއެވެ.
ރާއްޖޭގެ ހާލަތު ބައިނަލް އަޤްވާމީ ދުނިޔެއަށް އަންގައިދިނުމުގެ މަސައްކަތް ފަތުރުވެރިކަމާއިބެހޭ ވުޒާރާއާއި އެމްއެމްޕީއާރުސީއާއި ޓްރެވަލް އެޖެންސީތައް މެދުވެރިކޮށް ކުރަމުން ގެންދާކަން ފާހަގަކުރައްވަމުން މިނިސްޓަރ އާސިމް ވިދާޅުވީ ބޭރު ޤައުމުތަކުގައި ތިއްބެވި ދިވެހި ސަފީރުންވެސް ބުރަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ. އަދި ދުނިޔޭގެ ބައެއް ގައުމުތަކުން އެޤައުމުތަކުގެ ނިންމުންތައް ހާމަކުރަމުންގެންދާއިރު އެ ޤައުތަކަށް ރާއްޖޭގައި ކަން ހިނގަމުންދާގޮތް ސަރުކާރުން ހިއްސާކުރަމުން ގެންދާކަމަށް އާސިމް ވިދާޅުވިއެވެ.