ތަރައްްޤީ

ފުނަދޫ އެއަރޕޯޓަށް ބޭނުންވާ ބިމުގެ ބޮޑުބައި ހިއްކާ ނިމިއްޖެ


ށ.ފުނަދޫގައި އަޅާ އެއަރޕޯޓަށް ބޭނުންވާ ބިމުގެ ބޮޑުބައި ހިއްކާ ނިމިފައިވާކަމަށް ފުނަދޫ ކައުންސިލުން ބުނެފިއެވެ.

މޯލްޑިވްސް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ ޙަވާލުކޮށްގެން ކުރިޔަށްގެންދާ މިމަޝްރޫޢުގެ ދަށުން، ފުނަދޫ އެއަރޕޯޓް ހެދުމަށް އެރަށުގެ އުތުރުގެ ހުޅަނގު ފަރާތު މޫދުން 21 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. .

ފުނަދޫ ކައުންސިލްގެ ރައީސް އަޙުމަދު އިބްރާޙިމް ވިދާޅުވީ، އެމްބަސްވެފައިވާ ގޮތައް ބިންހިއްކުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ. ބިންހިއްކުމުގެ މަޝްރޫޢުގެ މަސައްކަތް ކުރިޔަށްދާގޮތައް ބަލާލާއިރު، ބައުންޑުވޯލް ޖަހާފައިވާ ޞަރަޙައްދުގެ ހަތްދިހަ ފަހެއް އިންސައްތައަށްވުރެ ބޮޑުބައެއް ވަނީ ހިއްކާ ނިމިފައެވެ.

ފުނަދޫގައި ހަދާ އެއަރޕޯޓް ރަންވޭގެ ބޮޑުމިނަކީ 1200 މީޓަރެވެ. ދައުލަތުން މިއަހަރަށް ލަފާކުރި ބަޖެޓުގައި 4 އެއަރޕޯޓެއް ހެދުމަށް 336 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ. އޭގެތެރެއިން ށ ފުނަދޫގައި އެއަރޕޯޓެއް އެޅުމަށް 89 މިލިއަން ރުފިޔާވަނީ ކަނޑައަޅާފައެވެ. ފުނަދޫ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފެށީ މިދިޔަ މަހުގެ މެދުތެރޭގައެވެ.

މިއަހަރުގެ ތެރޭގައި ހަތަރު އެއަރޕޯޓެއްގެ މަސައްކަތް ފެށުމަށް ސަރުކާރުން އިޢުލާންކޮށްފައިވެއެވެ. އޭގެތެރޭގައި ހިމެނެނީ ހދ.ކުޅުދުއްފުށި އެއަރޕޯޓާއި ށ .ފުނަދޫ އެއަރޕޯޓްގެ އިތުރުން ފ.ނިލަންދޫ އަދި ގދ.މާވަރުލު ހަދާ އެއަރޕޯޓެވެ. މި ހަތަރު އެއަރޕޯޓުގެ މަސައްކަތް އަންނަ ރިޔާސީ އިންތިޚާބުގެ ކުރިން ނިންމަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވަނީ ވިދާޅުވެފައެވެ.