ޚަބަރު

ފުވައްމުލަކުގަ ފެނާ ނަރުދަމާގެ ޚިދުމަތްދޭން މާޗްމަހު ފަށަނީ


ފުވައްމުލަށް ސިޓީގައި ޤާއިމްކުރަމުންދާ ފެނާ ނަރުދަމާ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ނިމި އަންނަ މާރޗު މަހު ބޭނުން ކުރަން ފެށޭވަރު ވާނެކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ބުނެފިއެވެ.

ފުވައްމުލައްސިޓީ ކައުންސިލުން ބުނީ މިހާރު އެންމެ ބާރަށް ކުރިއަށްދަނީ ވެކިއުމް ޕަމްޕް ސްޓޭޝަންތަކުގެ މަސައްކަތާއި ފެން ހޮޅިތައް ވަޅުލުމުގެ މަސައްކަތްތައްކަމަށެވެ. ސްރީލަންކާގެ ސިއެރާ ކުންފުންޏާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މިމަޝްރޫޢުގެ މަސައްކަތް ފަށާފައިވަނީ 2016 ވަނަ އަހަރެވެ. ޙަވާލުކުރާތާ އެކާވީސް މަސްދުވަހުގެ ތެރޭ ނިންމުމަށް ޙަވާލުކުރި މިމަޝްރޫޢުގެ ޢަމަލީ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ބުނެއެވެ. ކުވައިތު ސަރުކާރުގެ ހިލޭ އެހީގެ ގޮތުގައި މި މަޝްރޫޢަށް 175 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު މަޝްރޫޢުގެ ބާކީ ޚަރަދުކުރަނީ ދައުލަތުގެ ބަޖެޓުންނެވެ. މި މަޝްރޫޢުގެ ދަށުން ދުވާލަކަށް 500 ޓަނުގެ ފެން އުފައްދާ ޕްލާންޓުތަކެއް ޤާއިމް ކުރުމުގެ މަސައްކަތް ކުރިއަށް އެބަދެއެވެ. އަދި ފެން ރައްކާ ކުރާނެ ތާނގީތަކާއެކު ގޭގެއަށް ފެން ހޮޅި ގުޅުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މިމަސައްކަތްތައް ނިންމާ ރައްޔިތުންނަށް ޚިދުމަތް ދޭން ކުރިއަށް އޮތް އެއްމަސް ދުވަހުގެތެރޭ ފަށާނެކަމަށް އެރަށު ކައުންސިލުން ބުނެއެވެ.