ޚަބަރު

ނަސްރު ލިބުނީ ސިފައިންނާއި ފުލުހުންގެ މަސައްކަތުން


އިދިކޮޅު ފަރާތްތަކުން ހިންގަން އުޅުނު ޖަރީމާއިން ސަލާމަތްވެ ދިވެހި ދައުލަތަށް ނަޞްރު ލިބުނީ ދިވެހި ފުލުހުންނާއި ސިފައިންގެ ކުރި ހިތް ވަރުގަދަ މަސައްކަތުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ވެރިކަންކުރާޕާޓީ ޕީޕީއެމްގެ ރުމާލު 2 ޖަގަހައިގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ރާވާފައި އޮތީ ދެވަނަ ހަތެއް ފެބްރުއަރީއެއް ގެނެސް، ރާއްޖެ ނުރައްކާތެރި ޙާލަތަކަށް ވައްޓާލުމަށްކަމަށެވެ. އެހެންނަމަވެސް މިފަހަރު މަގުމަތީގެ ކުރިމަތިލުމަކަށް ނުގޮސް އަމާންކަން ޤާއިމުވެގެންދިޔައީ ރައީސުލްޖުމްހޫރިއްޔާ ދެއްވި ނަޞޭޙަތާއި އިރުޝާދު، އެއްވެސް ވަހުމެއް ނެތި ފުލުހުންނާއި ސިފައިން ޤަބޫލުކޮށްގެން ކުރި ހިތްވަރުގަދަ މަސައްކަތުންކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ ސުޕްރީމްކޯޓަށް މުތްލަޤަށް ދީފައިވާ ބާރުގެ ނާޖާއިޒު ފައިދާ ނަގަން ބަޔަކު އުޅުނުކަން ފާހަގަކުރައްވައި އެއީ މުޅި ޤައުމު ހަލާކުގެ ތެރެއަށް ވައްޓާލުންކަމަށް ވިދާޅުވެފައެވެ. އަދި ފެބްރުއަރީ 1 ވަނަ ދުވަހުގެރޭ ސުޕްރީމްކޯޓުން ނެރުނު އަމުރަކީ ދިވެހިރާއްޖޭގެ ޤާނޫނީ ވެރިކަން ނިމުމަކަށް ގެނެސް، މުޅި ނިޒާމް އެކޮޅުކޮޅުން ޖަހާލުމަށް ބަޔަކު ކުރި މަސައްކަތެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ސިފަ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހިރާއްޖެއަށް ބޮޑު ނުރައްކަލެއް ކުރިމަތިނުވެ، ސަލާމަތްވީ މާތް ﷲގެ ހެޔޮ ރަހްމަތްފުޅުންކަން ފާހަގަކޮށް، އެކަލާނގެއަށް ހަމްދުކޮށް ޝުކުރު ދަންނަވާފައެވެ. އަދި އިދިކޮޅުފަރާތްތަކުން ހިންގަންއުޅުނު މިޖަރީމާ ހިންގަން އުޅުނު ފަރާތްތަކަށް ރާއްޖޭގައި ރައްޔިތުންގެ ތާޢީދެއް ނެތްކަމާއި، ޑިމޮކްރަސީގެ އުސޫލުން ވޯޓުން ކަންކަން ނިންމުގެ ހިތްވަރެއްވެސް އެފަރާތްތަކު ކިބާގައި ނެތްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.