ބަޔަކު ރާއްޖެއަށް ގެންނަން އުޅުނު ބަޣާވާތް ރައީސުލްޖުމްހޫރިއްޔާ އެޅުއްވި ހިކުމަތްތެރި ފިޔަވަޅުގެ ސަބަބުން ނާކާމިޔާބު ކޮށްލެވިފައިވާކަމަށް ދިފާއީ ވަޒީރު އާދަމް ޝަރީފު އުމުރު ވިދާޅުވެއްޖެއެވެ.
ސިފައިންގެ މައި މަރުކަޒު ބަންޑާރަ ކޮށީގައި ހުންނަވައިގެން ވީޑިއޯ މެދުވެރިކޮށް ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި ޑިފެންސް މިނިސްޓަރ ވިދާޅުވީ ބަޔަކު ރާއްޖެއަށް ގެންނަން މަސައްކަތްކުރި ބަޣާވާތް ނާކާމިޔާބު ކޮށްލެވުނީ ރައީސް ގެންނެވި ސްޓެޓެޖިކް ބަދަލުގެ ސަބަބުންކަމަށެވެ. އަދި އެ ބަޣާވާތް ނާކާމިޔާބު ކޮށްލުމުގެ އުފާ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފާހަގަކުރަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވީނަމަވެސް އާއްމު ދިރިއުޅުމުގެ އެއްވެސް ކަމަކަށް ބުރޫނާރާނެކަމަށެވެ. ވަޒީފާއަދާކުރުމާއި ދަތުރުފަތުރުކުރުމާއި ވިޔަފާރިކުރުން ފަދަ ކަންކަމަށް ރައީސްގެ ޤަރާރުގެ ސަބަބުން އެއްވެސް ހުރަހެއް ނެތްކަމަށެވެ.
މިނިސްޓަރ ވިދާޅުވީ ލަސްތަކެއްނުވެ ރާއްޖެ އަމާން ބަނދަރަކަށް ގެންދެވޭނެކަމަށާއި ކުރިމަތިވެދާނެ ކޮންމެ ހާލަތަކަށް ދިފާއީ ބާރުތަކުން ފުރިހަމައަށް ތައްޔާރުވެފައިވާކަމަށެވެ. އަދި ރާއްޖޭގައި ހިންގަމުންދާ ކަންތައްތައް ދެ ފުށް ފެންނަގޮތައް ޤާނޫނުތައް ތަންދޭ އެންމެ ފުޅާ މިނެއްގައި ރިޕޯޓް ކުރުމުގެ ފުރުސަތު ނޫސްވެރިންނަށް ލިބިފައިވާކަމަށްވެސް މިނިސްޓަރ އާދަމް ޝަރީފު ވިދާޅުވިއެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި ވީނަމަވެސް ރާއްޖެއިން ޤާއިމުކޮށްފައިވާ ހާރިޖީ ގުޅުންތަކެއް އެއްވެސް ބުރުލެއް އަރާފައިނުވާކަމުގެ ޔަޤީންކަން މިނިސްޓަރ އާދަމް ޝަރީފު އުމަރު ވަނީ ދެއްވާފައެވެ.
ރާއްޖޭގެ ހަމަޖެހުން ނަގާލަން ބަޔަކު މަސައްކަތްކުރަމުންދާކަމަށާއި އެކަމަށް ދިވެހި ރައްޔިތުން ޖާގަ ނުދިނުމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފު ވަނީ އިލްތިމާސްކުރައްވާފައެވެ.