ޚަބަރު

ބީއެމްއެލްގެ ސެލްފް ސަރވިސް ބޭންކިންގެ ޚިދްމަތް ވިލިމާލެއަށް


ވިލިމާލޭގައި ބޭންކް އޮފް މޯލްޑިވްސްގެ އާ ޚިދުމަތެއް ތަޢާރުފްކޮށްފިއެވެ. އެގޮތުން މިހާރު ދެމުންދާ ޚިދުމަތްތައް އިތުރަށް ތަރައްޤީކޮށް އައު ސެލްފް ސަރވިސް ބޭންކިންގ ސެންޓަރެއްވަނީ ޤާއިމުކޮށްފައެވެ. މި އޭޓީއެމް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ފައިސާ އަދި ޗެކް ޖަމާކުރުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ލިބޭނެކަމަށް ބީއެމްއެލުން ބުނެެއެވެ.

މި ސެންޓަރަކީ ދިވެހި މުޖުތަމަޢުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކުން މިހާރު ކުރިޔަށްގެންދާ "އަހަރެންގެ ބޭންކް" ޕްރޮގްރާމްގެ ދަށުން ޤާއިމްކުރި ސެންޓަރެކެވެ.

ބީއެމްއެލްގެ ހެޑް އޮފް ރީޓެއިލް ބޭންކިންގ، މޫސާ ނިމާލް ވިދާޅުވީ ވިލިމާލޭ އޭޓީއެމުން ސައުވީސް ގަޑިއިރު ޙިދުމަތްދޭނެކަމަށެވެ. އަދި އަލަށް ތަޢާރަފްކުރި މި ދެ ޚިދުމަތާއިއެކު، ކަސްޓަމަރުންނަށްދޭ ޚިދުމަތް އަވަސްވެގެންދާނެކަމަށާއި ކިއުގައި މަޑުކުރަންނުޖެހި ފަސޭހަކަމާއިއެކު ޚިދުމަތް ލިބޭނެކަަމަށެވެ.

 "ވިލިމާލެއަކީ ބީއެމްއެލްގެ ބޮޑު ކަސްޓަމަރ ބޭސްއެއް އޮތް ތަނެއް. މި ސެލްފް ސަރވިސް އޭޓީއެމްއިން 24 ގަޑިއިރު ޚިދުމަތް ލިބޭނެ. އެގޮތުން ނަގުދު ފައިސާ ޖަމާކުރުމާއި ޗެކު ޖަމާކުރުމުގެ ޚިދުމަތް ލިބޭނެ." ބީއެމްއެލްގެ ހެޑް އޮފް ރީޓެއިލް ބޭންކިންގ، މޫސާ ނިމާލް ވިދާޅުވިއެވެ.

ވިލިމާލޭގައި  ސެލްފް ސަރވިސް ބޭންކިންގެ ޚިދުމަތް ފައްޓަވައިދެއްވީ ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އެންޑްރޫ ހީލީއެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ވިލިމާލޭ ބްރާންޗުން ބޭންކް އެހެނިހެން ބްރާންޗަކުން ލިބެންހުންނަ ހުރިހާ ޚިދުމަތްތަކެއް މިހާރު ލިބޭނެކަމަށް މޫސާ ނިމާލް ވިދާޅުވިއެވެ. އެގޮތުން އެކައުންޓް ހުޅުވުމާއި، ފައިސާ ޖަމާކޮށް ނެގުމާއި، ލޯނަށް އެދުމާއި، ކާޑަށް އެދުމުގެ ޚިދުމަތް ލިބޭނެކަމަށް އޭނާ ވިދާޅުވިއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 34  ސެލްފްސަރވިސް ބޭންކިންގ ސެންޓަރ މިލާރުވެސް ބީއެމްއެލްއިން ގެންދަނީ އޮޕަރޭޓް ކުރަމުންނެވެ.