ޚަބަރު

ރާއްޖޭގައި ހިނގާ ކަންކަމުގެ އަޑީގައި ބޮޑެތި ބާރުތަކެއް!


ރާއްޖޭގައި މިހާރު ހިނގަމުންދާ ބައެއް ކަންކަމަކީ ދުނިޔޭގެ ބޮޑެތި ބާރުތަކެއް އަޑީގައި ތިބެގެން ކުރާކަމެއްކަމަށް ބޭރުގެ ބައެއް މީޑިއާތަކުން ސިފަކޮށްފިއެވެ.

މިދިޔަ ބުރާސްފަތިދުވަހު ސުޕްރީމްކޯޓުން ނެރުއްވި ކުއްލި ޢަމުރަކާއެކު މުޅި ޤައުމަށް ސިހުން ލިބިގެންދިޔައެވެ. ޖަލު ޙުކުމްތަކެއް އިއްވާފައިވާ ބަޔަކު ވަގުތުން ދޫކޮށްލުމަށް ސުޕްރީމް ކޯޓުން ޙުކުމްކުރިއިރު، އޭގެ ތެރޭގައި ޓެރަރިޒަމްގެ ދަޢުވާއާއި ދަޢުލަތަށް ޚިޔާނަތްތެރިވުންފަދަ މަޢާފް ނުލިބޭފަދަ ކުށްތައް ކުރި މީހުންވެސް ހިމެނެއެވެ.

ސުޕްރީމްކޯޓުން ހަމައެކަނި ޙުކުމްކުރީ އެމީހުން ދޫކޮށްލާކަށްވެސް ނޫނެވެ. މަޖިލީހުގެ މެމްބަރުކަމުން ވަކިވެފައިވާ ބަޔަކަށް މަޖިލީހުގެ މެމްބަރުކަންވެސް މިޙުކުމުން ލިބިގެންދިޔައެވެ. އަދި މިޙުކުމް އިއްވެވި ފަރާތްތަކުގެ މައްސަލަތައް ބަލަން ޤާނޫނުން ހަދާފައިވާ މުޢައްސަސާގެ ބާރުވެސް ހަމަ އެޙުކުމުން ކަނޑާލިއެވެ. ޑިމޮކްރެޓިކް ވެރިކަމެއް ހިނގާ ޤައުމެއްގައި މީގެކުރިން މިފަދަ ޙުކުމެއް ނެރެފައެއް ނުވެއެވެ.

އަނެއްކޮޅުން ދަޢުލަތުގެ އެއްވެސް ކަމާބެހޭ މުޢައްސަސާއަކާ މަޝްވަރާކުރުމެއް ނެތި ޕޮލިސް ކޮމިޝަނަރަކަށް ހުންނެވި ބޭފުޅާ އުޅުއްވީ ސިއްރު ސިއްރުން މިޙުކުމް ތަންފީޒުކުރާށެވެ. އެހެންކަމުން މިއީ ދުރާލާ ރޭވިގެން ބަޔަކު ހިންގަން އުޅުނު ބޮޑު ބަޣާވާތެއްކަމަށް ސަރުކާރުގެ އިސް ފަރާތްތަކުންނާއި ޤާނޫނީ ބޭފުޅުންވެސް ދަނީ ވިދާޅުވަމުންނެވެ.

ނަމަވެސް މިކަމުގައި ހިނގައިދިޔަ ކަންކަން މަޑުމަޑުން ތިލަވާން ފެށިއިރު، މިޖަރީމާ ހިންގުމުގައި ބޭރު ބަޔަކު ޝާމިލްވެފައިވާކަން މިދަނީ ހާމަވަމުންނެވެ. ރާއްޖޭގައި ހިނގާދިޔަ ކަންކަން ބޭރުގެ ބައެއް މީޑިއާތަކުގައި ރިޕޯޓްކުރަމުންދާއިރު، ބައެއް މީޑިއާތަކުން ބުނެފައިވަނީ ރާއްޖޭގައި މިހާރު ހިނގަމުންދާ ކަންކަމުގެ އަޑީގައި ރާއްޖެއާ އަވަށްޓެރި ޤައުމަކާއި ދުނިޔޭގެ ބޮޑު ބާރަކާއި ހައްދުފަހަނަ އަޅާފައިވާ ޔަހޫދީ ދައުލަތް އިސްރާއީލުވެސް އެބައޮތްކަމަށެވެ. 

އެރިޕޯޓްތައް ބުނާގޮތުން މި ތިން ޤައުމުން އެކީގައި މަސައްކަތްކުރަނީ މިޞަރަޙައްދުގެ ޤައުމުތަކާއެކު ޗައިނާއިން ބާއްވާ ގުޅުންތައް ކަނޑާލާ، ދުނިޔޭގެ ބޮޑު ބާރަކަށް ޗައިނާ ވިޔަ ނުދިނުމެވެ. މިމަސައްކަތުގައި އުޅޭ ރާއްޖެއާ އަވަށްޓެރި ޤައުމަށް އެހީތެރިވަނީ ދުނިޔޭގެ އެންމެ ބޮޑު ބާރުކަމަށް ބުނާ ޤައުމުންނެވެ. އަދި އެމަސައްކަތުގައި އެމީހުންނަށް އިތުރު އެހީތައް ފޯރުކޮށްދެނީ އިސްރާއީލުންނެވެ. މިމަސައްކަތްތައް ކުރިއަށްދަނީ މި ތިން ޤައުމުގެ މެދުގައި ޤާއިމްކުރެވިފައިވާ ބޮޑެތި އެއްބަސްވުންތަކެއްގެ ތެރެއިންކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ޗައިނާއާއި ރާއްޖެއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް މިދިޔދ އަހަރުގެ ޑިސެމްބަރުމަހު ޤާއިމްކުރި ހިސާބުން، މިބުނާ ތިން ޤައުމުގެ މަސައްކަތް އިތުރަށް ހަލުވިކުރިއެވެ.

ފުރަތަމަ ފެށި މަސައްކަތަކީ ދުނިޔޭގެ އެންމެ ބޮޑު ބާރާއި އިސްރާއީލް ކޮންޓްރޯލްކުރާ ދުނިޔޭގެ ބޮޑެތި މީޑިއާތައް ބޭނުންކޮށްގެން ރާއްޖޭގެ އަގު ވައްޓާލުމެވެ. މިގޮތުން ރާއްޖެއަކީ ޚުދުމުހްތާރު ވެރިކަމެއް ހިނގާ ޤައުމެއްކަމަށްބުނެ ބޭރުގެ ބައެއް މީޑިއާތަކުން ދޮގު ޚަބަރުތައް ފެތުރިއެވެ.

ކަންކަން ރާވާފައި އޮތީ ސަރުކާރުގެ އަގު ވައްޓާލުމުގެ ޚަބަރުތައް ފަތުރާލުމަށްފަހު، ސުޕްރީމްކޯޓުން ކުއްލިއަކަށް އަމުރުތަކެއް ނެރުމަށެވެ. އަމުރުތައް ނެރެން ރާވާފައި އޮތީ، މީހާވެސް އަވަހަކަށް ސަރުކާރު ބަދަލުކޮށްލެވޭނެ ގޮތަކަށް އަމުރުތައް ނެރުމަށެވެ. އަދި ސުޕްރީމްކޯޓުގެ ހުކުމަށްފަހު، މަޖިލީހުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގާ، އެހެން ފަރާތަކާ ވެރިކަން ހަވާލުކުރެމެވެ. އަދި ވެރިކަން ހަވާލުކުރާ ފަރާތުން އަވަށްޓެރި ބޮޑު ޤައުމެއްގެ އަސްކަރީ އެހީ ލިބޭނެ ގޮތަށް ކަންކަން ރާވާފައި އޮތްކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ނަމަވެސް އޭގެ ކުރިން ސަރުކާރުން އެޅުއްވި ފިޔަވަޅުތަކާއެކު މިކަންކަން ހިންގަން އުނދަގޫވީއެވެ. ޤާނޫނާ ޚިލާފު، ދައުލަތް ހިންގުން ހުއްޓުވާލާފަދަ އަމުރުތަކާއި ނިންމުންތައް ތަންފީޒްކުރުމުގެ ކުރިން، ދަޢުލަތުގެ އެންމެ މަތީވެރިޔާގެ ހައިޞިއްޔަތުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ ބާރުތަކުގެ ދަށުން އެމަސައްކަތް ނާކާމިޔާބުކޮށްލެއްވިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން ރާއްޖެއާ އަވަށްޓެރި ބޮޑު ޤައުމެއްގެ އިންޓެލިޖެންސުން މިކަމުގައި ސީދާ ހަރަކާތްތެރިވާއިރު، އިސްރާއީލުގެ ޖާސޫސީ އިދާރާ މޮސާޑުންވެސް މިކަމުގައި އެމީހުންނަށް އެހީތެރިވެދިނެވެ. އިސްރާއީލުގެ ބޮޑު ވަޒީރު ދާދީ ފަހުން ވަނީ މިބުނާ ޤައުމުގެ އެންމެ އިސް ފަރާތާ ބައްދަލުކޮށް މަޝްވަރާތަކެއްކޮށްފައެވެ. މިހުރިހާ ކަމެއްކުރުމުގެ ބޭނުމަކީ ދުނިޔޭގެ ބޮޑު ބާރެއްގެ އިތުރުން، މިސަރަޙައްދުގެ އެންމެ ބޮޑު ބާރަށް ޗައިނާ ވިޔަނުދިނުމެވެ. ކޮންމެހެން ރާއްޖޭގެ ކަންކަން ގޯސްވުމެއް ނޫނެވެ. ނުވަތަ ސަރުކާރުން ޤާނޫނާ ޚިލާފުކަމެއް ކޮށްގެނެއް ނޫނެވެ. ހުސް އަމިއްލަ އެދުމެވެ.