ހަތަރު އަހަރު

ޓިވެޓުން އަށްހާހަށްވުރެގިނަ ދަރިވަރުން ތަމްރީންކޮށްފި


2014ވަނަ އަހަރުން ފެށިގެން މިދިޔައަހަރުގެ ނިޔަލަށް ޓިވެޓް އޮތޯރިޓީން އަށްހާހަށްވުރެ ގިނަ ދަރިވަރުން ތަމްރީންކޮށްފައިވާކަމަށް އެއޮތޯރިޓީން ބުނެފިއެވެ. ތޭރަ ދާއިރާއަކުން މީހުން ތަމްރީންކޮށްފައިވާއިރު، މީގެތެރޭގައި ސްކޫލް އުމުރުފުރާތަކުގެ ދަރިވަރުންނާއި 18އަަހަރުން މަތީގެ މީހުންނަށް ހިންގާފައިވާ އެކިކަހަލަ ކޯސްތައް ހިމެނޭކަމަށް ޓިވެޓް އޮތޯރިޓީން ބުނެއެވެ.

2007 ވަނަ އަހަރުން ފެށިގެން ޓިވެޓް ކޯސްތައް ހިންގާފައިވަނީ ޓިވެޓް ޑިވިޝަންގެ ނަމުގައި،މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް، ޔޫތް ސްޕޯޓްސްގައި ޤާއިމްކޮށްފައިވާ ޚާއްޞަ ޑިވިޝަނަކުންނެވެ.

ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަނަލް އެންޑް ޓްރެނިންގ އޮތޯރިޓީގެ ނަމުގައި ވަކި  އޮތޯރިޓިއެއް އެކުލަވާލައި އެޑިއުކޭޝަން މިނިސްޓްރީގެދަށަށް އެ ޑިވިޝަން ބަދަލުކޮށްފައިވަނީ 2011 އަހަރެވެ. އެގޮތުން އެ އޮތޯރިޓީ އުފެދި 2013ވަނަ އަހަރާއި ހަމައަށް ކޯސްތަކާއި ޓްރެއިނިންގްތައް ކުރިއަށް ގެންގޮސް ތަމްރީން ކޮށްފައިވަނީ ހާހަކާއި ގާތްކުރާ އަދަދެއްގެ ދަރިވަރުންނެވެ.

ޓިވެޓް އޮތޯރިޓީ އެޑިއުކޭޝަން މިނިސްޓްރީގެ ދަށަށް ބަދަލުކޮށް 2014ވަނަ އަހަރުވަނީ ޓިވެޓްގެ އާ ސިޔާސަތުތައް އެކުލަވާލައި، ކޯސްތައް އިތުރުކޮށް، ދަރިވަރުންނަށްއޮތް ފުރުސަތުތައް ފުޅާކޮށްފައެވެ.

ޓިވެޓް އޮތޯރިޓީގެ ސަބަބުން ތަޢުލީމީ ފެންވަރު ދަށްވުމުގެ ސަބަބުން ކުރިނޭރިފައިތިބި ގިނަ ޢަދަދެއްގެ ޒުވާނުންނާއި، ކިޔެވުމުގައި ދަތިތައް ދިމާވާ ސްކޫލް ދަރިވަރުންނަށް ވަޒީފާގެ މައިދާނަށް ނިކުތުމަށް އާ ފުރުޞަތުތައް ހުޅުވިގެން ދިޔައެވެ. 2014 އަދި 2015ވަނަ ޓިވެޓުންވަނީ ހަ ދާއިރާއަކުން މީހުން ތަމްރީންކޮށްފައެވެ. އޭގެތެރޭގާއި ސްކޫލްކުދިންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ ދަސްވާރު ޕްރޮގްރާމާއި، ޓުއަރިޒަމް ދާއިރާއާއި، ފަރމަސީ އާއި ޕޮޓޯ ނެގުމުގެ ދާއިރާ ހިމެނެއެވެ

 2014އިން 2015ވަނަ އަހަރުގެ ނިޔަލަށް ޓިވެޓްގެ ތަފާސް ހިސާބުތަކަށް ބަލާއިރު، އެ ދެ އަހަރުގެ ތެރޭގައި ޓިވެޓުންވަނީ އެއްހާސް އަށްސަތޭކައަށްވުރެ ގިނަ ދަރިވަރުން ތަމްރީންކޮށްފައިވެއެވެ. އޭގަތެރޭގައި ހިމެނެނީ 1022 ފިރިހެން، އަދި 861 އަންހެން ދަރިވަރުންނެވެ.

2016އާއި 2017ވަނަ އަހަރަށް ބަލާއިރު ޖުމްލަ 6252 ދަރިވަރުންވަނީ ތަމްރީންކޮށްފައިވެއެވެ. މިއީ އެހެން އަހަރުތަކާ އަޅާ ބަލާއިރު ހަތަރުހާހަށްވުރެ ގިނަ ޢަދަދެކެވެ. އެގޮތުން 3118 ފިރިހެން ދަރިވަރުންނާއި 3134 އަންހެން ދަރިވަރުން ހިމެނެއެވެ.

ޓިވެޓް އޮތޯރިޓީގެ ޑިރެކްޓަރ އާމިނަތު އާސްރާ ވިދާޅުވީ މިދިޔަ އަހަރުގެ ނިޔަލަށް ޓިވެޓުުން ފާހަގަކޮށްލެވޭ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާކަމަށެވެ. އާސްރާ ވިދާޅުވީ މި ފުރުސަތުގެ ސަބަބުން ކުދިން އަމިއްލަ ކުދި ވިޔަފާރީގެ ތެރެއަށް ވަނުމަށްވެސް މަގުފަހިވެގެންދާކަމަށެެވެ.

2016ވަނަ އަހަރުން ޓިވެޓުންވަނީ އާ ކޯސްތަކެއް ތަޢާރަފްކޮށްފައެވެ. އޭގެތެރޭގައި ނަރުސްކަމާއި، ކަރަންޓު ވައިރުކުރުމާއި، އިމާރާތްކުރުމާއި، އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާ ހިމެނެއެވެ.

ޓިވެޓް އޮތޯރިޓީން ކުރިއަށް ގެންދަނީ މޯލްޑިވްސް ކުއަލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ލެވަލް އެކަކުން ފެށިގެން ލެވަލް ހަތަރެއްގެ ކޯސްތަކެކެވެ. އެގޮތުން 13 ދާއިރާއިންް ޖުމްލަ  ސާޅީސް ތިން ކޯހެއް މިހާރުވެސް އެއޮޠޯރިޓީން ކުރިއަށްގެންދެއެވެ.