ޚަބަރު

ފަނޑިޔާރު ޢަލީ ޙަމީދު ސަސްޕެންޑްކޮށްފި


މިހާރު ހައްޔަރުކޮށްފައިވާ ފަނޑިޔާރު ޢަލީ ޙަމީދު ސަސްޕެންޑްކޮށް އޭނާގެ މައްސަލަ ތަހްޤީޤު ކުރުމަށް ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ނިންމައިފިއެވެ.

މި ފަނޑިޔާރު ސަސްޕެންޑްކުރަން ޖޭއެސްސީން ނިންމީ ޤައުމަށް ޚިޔާނާތްތެރިވުމާއި، ރިޝްވަތު ހިފުމާއި ޤާނޫނީ ސަރުކާރު ބަޣާވާތަކުން ވައްޓާލަން މަސައްކަތްކުރިކަމުގެ ސާބިތު ހެކި ލިބުމާއި ގުޅިގެންކަމަށް ޖޭއެސްސީން ބުނެއެވެ.

ޖޭއެސްސީން ބުނީ ދައުލަތުގެ ތަހުޤީޤީ އިދާރާތަކުން ބަލަމުންދާ މައްސަލައިގައި އެ އިދާރާތަކުން ގޮތެއް ކަނޑައަޅައި ކޮމިޝަނަށް އަންގައި، ކޮމިޝަނުން ގޮތެއް ކަނޑައަޅަންދެން، ޢަލީ ޙަމީދު ސަސްޕެންޑޮށް ފަނޑިޔާރުކަމުގެ މަސްޢޫލިއްޔަތުތަކާއި، ވާޖިބުތަކުން އެކަހެރިކޮށް ބެހެއްޓުމާއި، އަދި ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް އަންގަވާފައިވާކަމަށެވެ.ޖޭއެސްސީން މިގޮތަށް ނިންމެވީ، ޢަލީ ޙަމީދު މުޙައްމަދު ހައްޔަރުކުރެވިފައިވާކަމުގެ މަޢުލޫމާތު މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދެއްވާފައިވާތީ، އެ ކޮމިޝަނުން މިއަދު  ބޭއްވި ބައްދަލުވުމުގައިކަމަށެވެ.

ޤައުމީ ސަލާމަތަށް ނުރައްކާވެ ދައުލަތް ހިންގުމަށްދަތިވުމާއެކު، މިމައްސަލަ ހައްލުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ކުއްލި ނުރައްކަލުގެ ޙާލަތު ޢިއުލާންކުރެއްވުމަށްފަހު އަޅުއްވަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، ޢަލީ ޙަމީދާއި ޢަބްދުﷲ ސައީދު ހައްޔަރުކުރީ ހޯމަދުވަހުގެ ރެއެވެ.