ވިޔަފާރި

500,000އާ ހަމަޔަށް ފައިނޭންސް ކުރެވޭ ލޯނެއް ތަޢާރަފްކޮށްފި


ގެދޮރުވެރިންނަށް އަމާޒުކޮށްގެން "ލައިފް ސްޓައިލް ލޯނު" ގެ ނަމުގައި ބެންކް އޮފް މޯލްޑިވްސް އިން އައު ލޯނެއް ތަޢާރަފްކޮށްފިއެވެ. މިއީ ކަސްޓަމަރުން ބޭނުންވާ ފައިނޭންސިންގެ އިތުރު ފުރުޞަތު ހޯދައިދިނުމަށް ބީއެމްއެލުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ތަޢަރަފްކުރި ލޯނެއްކަމަށް އެ ބޭންކުން ބުނެއެވެ.

'ލައިފް ސްޓައިލް ލޯން' ފަރުމާކޮށްފައިވަނީ ގެދޮރުވެރިންނަށް އަމިއްލަ ގެދޮރު ރަހުނުކުރުމަށްފަހު ލުއިފަސޭހަކަމާއެކު 500,000 ރުފިޔާ އާ ހަމަޔަށް ލޯނު ލިބޭނެ ގޮތަށެވެ.

މި ލޯނު މެދުވެރިކޮށް އަމިއްލަ ބޭނުންތަކަށާއި ވިޔަފާރި ބޭނުންތަކަށް ފައިނޭންސް ކުރެވޭނެއެވެ. މި ގޮތުން ގެއަށް ބޭނުންވާ ފަރުނީޗަރު ނުވަތަ އިލެކްޓްރޯނިކް ސާމާނު ހޯދުމަށާއި ކުދިންނަށް ތަޢުލީމް ޙާސިލްކޮށްދިނުމަށާއި، ވިޔަފާރިވެރިންނަށް ދިމާވާ ނާޒުކު ޙާލަތްތަކުގައި ކުއްލިއަކަށް ބޭނުންވާ ފައިސާ ހޯދުމަށް ވެސް މި ލޯނު ބޭނުންކުރެވޭނެކަމަށް، ބީއެމްއެލުން ބުނެއެވެ.

ބީއެމްއެލްގެ ޑައިރެކްޓަރ އޮފް ބިޒްނަސް ކުލްދިޕް ޕަލިވާލް ވިދާޅުވީ ބީއެމްއެލް ލައިފްސްޓައިލް ލޯނަކީ ފަސޭހަކަމާއެކު ކްރެޑިޓެއް ހޯދުމަށް ބޭނުންވާ ކަސްޓަމަރުންނަށް ވަރަށް އެކަށީގެންވާ ލޯނެއްކަމަށާއި، މި ލޯނު ކަސްޓަމަރުންގެ މެދުގައި މަޤްބޫލް ލޯނަކަށް ވެގެންދާނެކަމަށް އުންމީދު ކުރައްވާކަމަށެވެ.

ބީއެމްއެލުން އަލަށް ތަޢާރަފްކުރި "ލައިފް ސްޓައިލް ލޯނު"އާއި ގުޅޭ އިތުރު މަޢުލޫމާތު ބީއެމްއެލްގެ ބްރާންޗްތަކުންނާއި، އެ ބޭންކުގެ ވެބްސައިޓުން ލިބެންހުންނާނެއެވެ.