ކުޅިވަރު

ޗެރިޓީ ޝީލްޑް މެޗު ސީރިއަސްކޮށް ނެގޭކަށް ނެތް - ނިޒާމް


ޗެރިޓީ ޝީލްޑް މެޗު ސީރިއަސްކޮށް ނަގަން ބޭނުންވިޔަސް، އެކަން ކުރެވެން ނެތްކަމަށް ޓީސީން ބުނެފިއެވެ. 

ކޯޗު މުޙައްމަދު ނިޒާމް ބުނީ އޭއެފްސީކަޕް ޕްލޭއޯފް ދެ މެޗު ކުރިއަށް އޮތުމުން އެދެމެޗަށް ދޭން ޖެހޭ ސަމާލުކަން މާބޮޑުކަމަށެވެ. ސާދަ ދުވަސް ތެރޭގައި އެއްވަރުގެ ބޮޑު ތިން މެޗު ކުޅެން ޖެހުމުން، ސީޒަން ފަށަން ކުޅޭ ޗެރިޓީ ޝީލްޑް މެޗު ސީރިއަސްކޮށް ނަގަން ބޭނުންވިޔަސް، ބޭނުންވާ ވަރަށް އެމެޗަށް ސަމާލުކަން ދެވެން ނެތީކަމަށް ނިޒާމް ބުންޏެވެ. އެސަމާލުކަން އެވަރަށް ދެވެން ނެތީ ސީޒަންގެ ކުރީކޮޅު ސާދަ ދުވަސް ތެރޭގައި ތިން މެޗަށް ބޮޑު ސަމާލުކަމެއް ދެވެން ނެތުމުންކަމަށް ނިޒާމް ބުންޏެވެ.

" މިހާރު މީނަ ގޮތުން ޗެރިޓީ ޝީލްޑް މެޗު ހަމަ އެހާ ސީރިއަސްކޮނެއް ނުނެގޭނެ. މެޗު ވިން ކުރަން ނިކުންނާނީ. އެކަމަކު އެމެޗު 100 ޕަސަންޓް ސިކުނޑިއަށް ލައިގެން ނުނެގޭނެ. ޤަބޫލުކުރަން ޖެހޭ ހަޤީޤަތަކީ އޭއެފްސީގެ ގްރޫޕް ސްޓޭޖަށް ވަންނަން މުޙިއްމު. އެހެންވީމާ އެމެޗަށް ބޮޑަށް ފޯކަސް ކުރާނީ " ނިޒާމް ބުންޏެވެ.

ނިޒާމް ބުނީ ސީޒަން ފޯރި ގެނައުމަށް ސީޒަންގެ ފުރަތަމަ މެޗު މުޙިއްމުކަންވެސް ޤަބޫލުކުރާކަމަށާއި، އެހެންވީމާ އެކަމަށްވެސް ވިސްނަމުންދާކަމަށެވެ. ކުޅުންތެރިންގެ މެކްސިމަމް ދެވޭނެ ގޮތަކާމެދުވެސް އޭނާ ވިސްނާނެކަމަށް ކޯޗު ބުންޏެވެ.

ސީޒަން ހުޅުވަން ކުޅޭ ޗެރިޓީ ޝީލްޑް މެޗުގައި ނިއުރޭޑިއަންޓާ ދެކޮޅަށް ޓީސީ ނިކުންނާނީ މާދަމާ ރެއެވެ. އަދި ޕްލޭ އޮފްގެ ފުރަތަމަ ލެގުގައި ބެންގަލޫރު އެފްސީއާ ދެކޮޅަށް މިމަހުގެ 13 ވަނަ ދުވަހު ޓީސީ ނިކުންނަން ޖެހޭނެއެވެ.