ކުޅިވަރު

އަމާޒަކީ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުން - ނަޗޯ


ރެއާލް މެޑްރިޑުގެ ކުޅުންތެރިންގެ އަމާޒަކީ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުން ކަމަށް ޑިފެންޑަރު ނަޗޯ ބުނެފިއެވެ.

ވެލެންސިއާ އަތުން 4-1 ން މޮޅުވި މެޗަށް ފަހު އޭނާ ބުނީ ސްޕެނިޝް ކަޕުން ކަޓައި ސްޕެނިޝް ލީގު ކާމިޔާބު ކުރެވޭވަރަށްވުރެ ފަހަތަށް ވެއްޓުނަސް ރެއާލް މެޑްރިޑް އޮތީ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމަށް ވަރަށް ވަރުގަދަ އަޒުމަކާއެކުގައި ކަމަށެވެ.

ނަޗޯ ބުނީ ލީގުގައި ރެއާލްއަށް ގޯސް ނަތީޖާތަކެއް ކުރިމަތިވުމުން ޗެމްޕިއަންސް ލީގުގައި އެ ޓީމަށް އެއްވެސް ކަމެއް ނުވެ މުބާރާތުން ކަޓާނެ ކަމަށް އުއްމީދު ކުރާ ބަޔަކުތިބިނަމަ އެއީ ކުރެވޭ ވަރަށް ބޮޑު ކުށްހީއެއް ކަމަށެވެ.

ފާއިތުވެދިޔަ ދެ އަހަރުގެ ޗެމްޕިއަން ރެއާލް ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި ކުޅެން ޖެހިފައިވަނީ މި ސީޒަނަށް މޮޅު ކުޅުންތެރިން ހޯދާ ޓީމު ވަރުގަދަ ކޮށްފައިވާ ޔޫރަޕުގެ އެންމެ ވަރުގަދަ އެއް ޓިމު ފްރާންސްގެ ޕީއެސްޖީއާ ދެކޮޅަށެވެ.

"އަހަރުމެންނަކީ ރެއާލް މެޑްރިޑް. އަހަރުމެން ބަލިވާނެ ކަމަށް އުއްމީދު ކުރާ މީހުން އެކުރަނީ ކުށްހީއެއް. ޕީއެސްޖީ އަހަރުމެންނާ ކުޅެން ޖެހިލުންވާނެ. އަހަރުމެން ޗެމްޕިއަންސް ލީގު ކާމިޔާބު ކުރާނަން. އަހަރުމެންގެ އަޒުމް ނިކަމެތިކޮށް ނުލެވޭނެ،" 28 އަހަރުގެ ޑިފެންޑަރު ނަޗޯ ބުންޏެވެ.