ކުޅިވަރު

ޕްރިމިއަރ ލީގުގައި ކޭން 100 ލަނޑު ހަމަކޮށް ރެކޯޑް ހަދައިފި


އިނގިރޭސި ޕްރިމިއަރ ލީގުގައި ދެވަނައަށް އެންމެ އަވަހަށް 100 ގޯލް ކާމިޔާބުކުރި ކުޅުންތެރިއާގެ ރެކޯޑް ޓޮޓްނަމްގެ ފޯވާޑް ހެރީ ކޭން ހޯދައިފިއެވެ.

ޕްރިމިއަރ ލީގުގައި ކޭން 100 ލަނޑު ހަމަކުރީ ރޭ ލީގުގައި ލިވަޕޫލާއި ވާދަކުރި މެޗުގެ އިތުރު ވަގުތުގައި ކާމިޔާބުކުރި ޕެނަލްޓީންނެވެ. އޭގެކުރިން ލިބުނު ޕެނަލްޓީ ކޭން އަތުން ވަނީ ނާކާމިޔާބުވެސްވެފައެވެ.

ކޭން ޕްރިމިއަރ ލީގުގައި 100 ލަނޑު ކާމިޔާބުކޮށްފައި މިވަނީ 141 މެޗުންނެވެ.

އެންމެ އަވަހަށް 100 ލަނޑު ކާމިޔާބުކޮށްފައިވާ ކުޅުންތެރިއަކީ އިނގިރޭސި ލީގުގައިވެސް މިހާތަނަށް އެންމެ ގިނަ ލަނޑު ޖަހާފައިވާ އިންގްލޭންޑްގެ ކުރީގެ ފޯވާޑް އެލެން ޝިއެރަރއެވެ.

ޝިއެރަރ 100 ލަނޑު ހަމަކުރީ 124 މެޗުންނެވެ.

މިލިސްޓުގެ ތިން ވަނާގައި ހުރީ މެންޗެސްޓަރ ސިޓީގެ ފޯވާޑް ސާޖިއޯ އެގުއޭރޯއެވެ. އެގުއޭރޯ 100 ލަނޑު ހަމަކުރީ 147 މެޗުންނެވެ.

މިހާތަނަށް ޕްރިމިއަރ ލީގުގައި 27 ކުޅުންތެރިއަކު ވަނީ 100 ލަނޑު ހަމަކޮށްފައެވެ.