މިދިޔަ ބުރާސްފަތި ދުވަހުގެރޭ ސުޕްރީމްކޯޓުން ނެރުއްވި އަމުރާ ގުޅިގެން 3 މައްސަލައެއް ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ސުޕްރީމްކޯޓަށް ހުށައަޅުއްވައިފިއެވެ.
މި މައްސަލަތައް ހުށައެޅުއްވިކަން ހާމަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް އެފައަރޒް މިނިސްޓަރ އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ މި ތިން މައްސަލަ ކޯޓަށް ހުށައެޅުއްވީ ޤާނޫނު އަސާސީގެ 115ވަނަ މައްދާގެ ހ އާއި ނ ގެ ދަށުން ރައީސުލްޖުމްހޫރިއްޔާއާއި ހަވާލުކުރައްވާފައިވާ މަސްއޫލިއްޔަތުގެ ދަށުން ކަމަށެވެ.
އުއްތަމަ ފަނޑިޔާރަށް އެޑްރެސްކުރައްވާ ރައީސުލްޖުމްހޫރިއްޔާ ސުޕްރީމްކޯޓަށް ހުށައެޅުއްވި ފުރަތަމަ މައްސަލާގައި ވިދާޅުވެފައިވަނީ ބުރާސްފަތި ދުވަހުގެރޭ ސުޕްރީމްކޯޓުން ނެރުއްވި އަމުރުގެ ސަބަބުން ދައުލަތުގެ ހިންގުމުގެ ބާރުތައް އޮޅުން ބޮޅުންވެ ޤާނޫނު އަސާސީން ވަކިވަކި ބާރުތައް ލިބިދީފައިވާ މުއްސަސާތައް ހިންގުމުގެ ނިޒާމްތަކަށް ބުރޫއަަރާ ޤައުމީ ސަލަމާތާއި ރައްޔިތުންގެ ރައްކާތެރިކަމާއި ގުޅީފައިވާ އެތައް މަސްލަހަތުތަކެއް ގެއްލޭ ހިސާބަށް ގޮސް ދައުލަތުގެ ހިންގުން އެ އަމުރާއި އެއްގޮތަށް ހިންގަން ފަށައިފިނަމަ ޤާނޫނު އަސާސީގެ ބޭނުން ކެނޑިދާފަދަ ހިސާބަށް ކަންކަން ދާނެކަމަށެވެ.
ސުޕްރީމްކޯޓުން ނެރުނު އަމުރު ތަންފީޒުކުރުމަށް ހުރި ކަންބޮޑުވުންތައް ދައުލަތުގެ ޕްރޮސެކއިުޓަރ ޖެނަރަލް ހުށައެޅުމުން އެކަމނާ ހުށައެޅުއްވި ކަންކަމަށް ހައްލެއް ހޯއްދަވާ ނުދެއްވާ ކޯޓް އަމުރު ތަންފީޒުކުރުމަށް ހުރަހެއް ނެތްކަމަށް ވިދާޅުވެ ފަހުން ނެރުއްވި އަމުރުގައި ނިންމަވާފައިވުމުން ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން އެކަމަށް ޤާނޫނީ ފަރުވާއެއް ހޯއްދަވާދެއްވުމަށް ޕްރޮސެކއިުޓަރ ޖެންރަލް އިލްތިމާސެއް ހުށައަޅުއްވާފައިވާކަމަށް ރައީސުލްޖުމްހުރިއްޔާ ވަނީ ވިދާޅުވެފައެވެ.
ސުޕްރީމްކޯޓްގެ އަމުރުގެ ސަބަބުން ޤާނޫނު އަސާސީއާއި ޤާނޫނުތަކުން ކަނޑައަޅާދީފައިވާ ކޯޓްތަކާއި ކޯޓްތަކުގެ އޮނިގަޑާއި ކޯޓްތައް ތަރުތީބުކުރެވިފައިވާ ގޮތާއި ބާރުތަކުގެ ހަމަތައް ގެއްލި ޝަރުއީ މަރުހަލާގެ ކޯޓްތަކުން ނިންމާފައި ހުކުމް ކޮށްފައިވާ މައްސަލަތަކެއް އެ މައްސަލަތަކުގެ ހުކުމްތައް ބާތިލުކުރެއްވުމެއްނެތި ދަށުކޯޓަކުން ބެލުމަށް އަމުރުކޮށް އެކަން ނުކޮށްފި ބަޔަކީ ޖިނާއީ ކުށްވެރިންކަމަށް ދޭހަވާ ގޮތަށް ކަންޑައޅުއްވާފައިވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ހުށައެޅުއްވި މައްސަލާގައި ފާހަގަކުރައްވާފައިވެއެވެ. އަދި ޝަރުއީ ފަހު މަރުހަލާއާ ހަމައިން ހުކުމްކޮށްފައިވާ މީހުންނާއި އަދި ޝަރުއީ އެކި އެކި މަރުހަލާތަކުގައި މައްސަލަ ހުރި މީހުންނާއި ތަހުޤީޤުގެ މަރުހަލާގައި މައްސަލަތައް ހުރި މީހުން ހިމެނޭގޮތުން އެތައް ކުށްވެރިންނެއް ވަގުތުން މިނިވަންކޮށް ދޫކޮށްލަން އަމުރުކޮށްފައިވުމުން މިކަމުގެ ސަބަބުން ޖިނާއީ އަދުލުގެ ނިޒާމުގައި ހުކުމްކުރެވިފައި ތިބި އެތައް ބަޔަކަށާއި ގާނޫނީ އިޖްރާއަތުގެ އެކި މަރުހަލާގައި ތިބި އެތައް ބަޔަކަށް ދިވެހި ރާއްޖޭގެ ގާނޫނޫ އަސާސީން ހަމަ އެފުރުޞަތު ލިބިދޭކަން ޤަބޫލުކުރެވޭކަމަށްވެސް ރައީސް ހުށައެޅުއްވި މައްސަލާގައިވެއެވެ. އަދި މިކަމުގެ ސަބަބުން މަރުގެ މައްސަލަތަކާއި ކުޑަކުދިންގެ ހުރުމަތް ކެނޑުންފަދަ ކުށްތައް ކޮށްފައިވާ މީހުންނަށްވެސް ދޮރުތަކެއް އަބަދަށް ހުޅުވިގެންދާނެކަމަށް ފެންނަކަމަށްވެސް ރައީސް ހުށައެޅުއްވި މައްސަލާގައި ފާހަގަކުރައްވާފައިވެއެވެ.
ޕްރޮސެކިއުޓަރ ޖެނަރަލްގެ މުއައްސަސާއަކީ ޤާނޫނު އަސާސީން ވަކި ބާރުތަކެއް ހަވާލުކޮށްފައިވާ މުއައްސަސާއަކަށްވެފައި ސުޕްރީމްކޯޓަށް އެކަމަނާ ހުށައެޅުއްވި ކަންކަމަށް ރިއާޔަތްކުރުމުން ޤާނޫނު އަސާސީއާއި ޤާނޫނީ ހަމަތަކުގެ މަތިން ސުޕްރީމްކޯޓުން ނެރެފައިވާ އަމުރު ތަންފީޒުކުރެވިދާނެކަމަށް ޤަބޫލުފުޅު ނުކުރެއްވޭކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ. އަދި ޕީޖީ ހުށައަޅުއްވާފައިވާ ވަކިވަކި މައްސަލަތަކާއި ވަކިވަކި ޤާނޫނުތަކުގެ ތެރެއިން ކަންކުރެވޭނެގޮތަށް ކަނޑައަޅާދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ސުޕްރީމްކޯޓަށް ހުށައެޅުއްވި މައްސަލާގައި އެދިވަޑައިގެންފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ސުޕްރީމްކޯޓަށް ހުށައެޅުއްވި ދެވަނަ މައްސަލާގައި ވިދާޅުވެފައިވަނީ ފަނޑިޔާރުން އައްޔަންކުރުމާއި ވަކިކުރުމާއި ފަނޑިޔާރުން ޒިންމާދާރުކުރުވުމަށް ޤާނޫނޫ އަސާސީން އުފައްދަފާއިވާ ޖުޑީޝަލް ސަރވިސް ކޮމިޝަނަކީ ދުސްތޫރީ މުއްސަސާއަކަށްވާއިރު އަދުލުއިންސާފު ހިންގުމުގެ ބާރުގައި ހިމެނޭ ކޮންމެ މީހެއްގެ މައްޗަށް އެ ކޮމިޝަންގެ އިހްތިސާސް ހިންގާނެކަމަށް ސަރީހަ އިބާރާތުން ބުނެފައިވާކަން ފާހަގަކުރައްވާފައިވެއެވެ. ސުފްރީމްކޯޓުން ބުރާސްފަތިދުވަހުގެ ރޭ ނެރުނު އަމުރުގައި ސުޕްރީމްކޯޓްގެ ފަނޑިޔާރުންގެ މައްސަލައެއް ބެލުމުގެ ބާރު ޖޭއެސްސީއަށް ލިބިދީފައިނުވާކަމަށް ކަނޑައަޅާފައިވާ ކަނޑައެޅުމަކީ ގާނޫނު އަސާސީން 157 ވަނަ މާއްދާގެ ށ ބާރު ކަނޑުވާލާ ޖޭއެސްސީގެ މަސައްކަތައް ހުރަސް އެޅޭ މާއްދާއެއްކަމަށް ފެންނާތީ އަދި އެއީ ސުޕްރީމްކޯޓަށްވިޔަސް ލިބިދީފައިވާ ބާރަކަށް ނޫވާތީ ޖޭއެސްސީގެ މަސައްކަތް ކުރިޔަށް ގެންދެވޭނެ ގޮތަށް ސުޕްރީމްކޯޓްގެ އަމުރު ބަދަލުކޮށްދެވުމަށް ދަންނަވާފައިވެއެވެ.
ރައީސުލްޖުމްހުރިއްޔާ ސުޕްރީމްކޯޓަށް ހުށައެޅުއްވި ތިންވަނަ މައްސަލާގައި ވިދާޅުވެފައިވަނީ ރިޝްވަތުގެ ތުހުމަތުގައި ހައްޔަރުކުރަން އެދިފައިވާ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ޙަސަން ސައީދު ޙުސެއިން ހައްޔަރުކުރުމަށް ދަށުކޯޓުން ނެރުނު އަމުރު ބާތިލްކޮށްފައިވުމުން ރިޝްވަތުގެ މައްސަލައެއްގެ ތަހުޤީގު ހުއްޓި މޯލްޑިވްސް ޕޮލިސް ސަރވިސް އާއި ޕްރޮސެކިއުޓަރ ޖެނެރަލްގެ ޤާނޫނީ ޒިންމާ އަދާކުރުމަށް ހުރަސްއެޅިފައިވާކަން ވަނީ ފާހަގަކުރައްވާފައެވެ. މި ހާލަތުގައި އެކަމަށް ހައްލެއް ހޯއްދަވައިދެއްވާ ޤާނޫނޫ އަސާސީއާއި ޤާނޫނުތަކުގައިވާ ގޮތުގެ މަތިން ދައުލަތުގެ މުއައްސަސާތައް ހިގާނެކަން ކަށަވަރުކުރުމަކީ ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނޫ އަސާސީގެ 115 ދަށުން މަތިކޮށްފައިވާ ޒިންމާއަކަށްވާތީ ސުޕްރީމްކޯޓްގެ އެ އަމުރު ބާތިލުކޮށްދެއްވުމަށްވެސް އެދިވަޑައިގެންފައިވެއެވެ.