ކުޅިވަރު

ސިޓީގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް ބޮޑު ޗުއްޓީއެއް


އިނގިރޭސި ލީގުގެ އެހެން ޓީމުތަކާ ހިލާފަށް، މެންޗެސްޓާ ސިޓިގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް ހަތަރު ދުވަހުގެ ޗުއްޓީއެއްދޭން އެ ޓީމުން ނިންމައިފިއެވެ.

ކޯޗު ޕެޕް ގާޑިއޯލާ ބުނީ މި ގޮތަށް ނިންމީ މިދިޔަ ޖެނުއަރީ މަހު ޓީމުގެ ކުޅުންތެރިން ވަރަށް ގާތްގާތުގައި މެޗުތައް ކުޅެންޖެހިފައިވުމުން ކަމަށެވެ. ގާޑިއޯލާ ބުނީ މިއީ މުޅި ޓީމަށް ދިން ޗުއްޓީއެއް ކަމަށާއި، ބޭނުންވަނީ އަންނަ ހަފުތާގައި ކުޅޭ ޗެމްޕިއަންސް ލީގުގެ މެޗުގެ ކުރިން މުޅި ޓީމު ހެޔޮ ހާލުގައި އޮތުން ކަމަށެވެ.

"މިއީ އެންމެނަށް ދިން ޗުއްޓީއެއް. ކުޅުންތެރިންނާއި އޮފިޝަލުންނާއި ފިޒިއޯއިންނާއި މެނޭޖްމަންޓްވެސް. މި ހަތަރު ދުވަހު އެންމެން ވެސް އާއިލާއާއެކު ވަގުތު ހޭދަކޮށް، އެމީހަކު ބޭނުންތަނެއްގައި އުޅެފައި އުފަލުން އެނބުރި އައުމަށް ބޭނުންވަނީ. މިއީ ވަރަށް ބުރަކޮށް ރެސްޓެއްނެތި އަހަރުމެން މަސައްކަތް ކުރަން ޖެހުމުން ގެނައި ބަދަލެއް،" ކޯޗު ބުންޏެވެ.

ސިޓީ މިވަގުތު އޮތީ އެހެން ހުރިހާ ޓީމަކަށްވުރެ މާ ތަފާތު ބޮޑުކޮށް އިނގިރޭސި ލީގުގެ ކުރީގައެވެ. އަދި ޗެމްޕިއަންސް ލީގުގައިވެސް އެޓީމު މި އަހަރު އަންނަނީ ވަރަށް ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. ސިޓީގެ މިޑްފީލްޑަރު ކެވިން ޑެބްރޫނޭ ބުނީ ކޯޗު ދީފައިވާ ޗުއްޓީއަކީ ކުޅުންތެރިންނަށް ވަރަށް ބޭނުންތެރި ޗުއްޓީއެއް ކަމަށެވެ. ސަބަބަކީ މިދިޔަ ދޮޅު މަސް ދުވަހު ސިޓީ ކުޅެފައިވަނީ 15 ނުވަތަ 16 ކުޅުންތެރިން ބޭނުންކޮށްގެން ކަމަށްވާތީ ކަމަށެވެ.