ކުޅިވަރު

ލަލީގާގައި ބާސެލޯނާ އަށް އާ ރެކޯޑެއް، ޒިދާން ހުރީ ލަދުން


ސްޕެނިޝް ލަލީގާގައި ބަލިނުވެ ބާސެލޯނާއިން 22 މެޗު ހަމަކޮށް، ކުލަބުގެ އާ ރެކޯޑެއް ހަދައިފިއެވެ.

ބޯކޮށް ވާރެވެހި ފެންބޮޑުވެފައި އޮތް އެސްޕަނިޔޯލްގެ ދަނޑުގައި ރޭ ބާސެލޯނާ މި ރެކޯޑް ހެދީ 1-1 ން މެޗު އެއްވަރުކޮށްގެންނެވެެ.

މި މެޗުގައި ބާސެލޯނާގެ ލަނޑު ޖެހީ ޖެރާޑް ޕީކޭއެވެ. މިއީ އެސްޕަނިޔޯލްގެ ޖެރާޑް މޮރޭނޯ ފުރަތަމަ ހާފުގައި ލަނޑު ޖަހާފައިވަނިކޮށް، ލަޔޮނަލް މެސީ ނަގައިދިން ހިލޭ ޖެހުމަކުން ޕީކޭ ކާމިޔާބުކޮށްދިން ގޯލެކެވެ.

މެޗަށްފަހު ބާސެލޯނާގެ ކޯޗު އާނެސްޓާ ވަލްވާޑޭ ބުނީ ދަނޑުގައި ފެންބޮޑުވެފައިވާ މިންވަރާއި، މެޗު ކުޅެން ޖެހުނު ހާލަތާ އަޅާބަލާއިރު ޕޮއިންޓެއް ލިބުމުން ހިތްހަމަޖެހޭ ކަމަށެވެ. އަދި މި ނަތީޖާއާއެކު ވެސް ޓޭބަލުގައި 9 ޕޮއިންޓްގެ ލީޑެއް ލިބިފައިވުމުން ހުރިހާ ކުޅުންތެރިން ވެސް ތިބީ ހިތްހަމަޖެހިފައި ކަމަށެވެ.

މެޗަށް ފަހު ޕީކޭ ބުނީ އޭނާއަކީ ގޯލާ ރައްޓެހި ކުޅުންތެރިއެއް ކަމަށް މީހުން ސިފަކުރާތީވެ ހިތްހަމަޖެހޭ ކަމަށެވެ. އަދި އޭނާ އަށް ލިބޭ އެންމެ ބޮޑު އެއް ހިތްހަމަޖެހުމަކީ ފޯވަޑުންނަށް ގޯލު ނުޖެހިދާ ވަގުތުތަކުގައި އޭނާގެ ގޯލުތަކުން ޓީމު މޮޅުކޮށްދެވޭތީ ކަމަށެވެ.

ސްޕެނިޝް ލީގުގައި ރޭ ލެވަންޓޭ އާ ވާދަކޮށް ވާދަވެރި ރެއާލް މެޑްރިޑް އެއްވަރުވީ 2-2 ނެވެ. މި ނަތީޖާއާއެކު ރެއާލް އޮތީ 39 ޕޮއިންޓާއެކު ހަތަރު ވަނާގައެވެ.

ރެއާލްގެ ކޯޗު ޒައިނުއްދީން ޒިދާން ބުނީ މި ސީޒަނުގައި ޖެހިޖެހިގެން 6 މެޗުން މޮޅުނުވެވިގެން އުޅޭތީ އޭނާ ހުރީ ވަރަށް ލަދުން ކަމަށެވެ. ނަމަވެސް މިއީ މާޔޫސްވާންވީ ސަބަބެއްނޫން ކަމަށާއި، ގަދަ އަޅައި މަސައްކަތް ކޮށްފިނަމަ ކާމިޔާބު ލިބުން އޮންނާނީ ވަރަށް ގާތުގައި ކަމަށެވެ. 

ޒިދާން ބުނީ ޓީމުގެ ކުޅުން ރަނގަޅު ކަމަށާއި، ރޭގެ މެޗުގައި ވެސް މައްސަލައަކީ ލިބުނު ފިރުސަތުތައް ގޯލަށް ނުޖެހުން ކަމަށެވެ. ނަމަވެސް ޑިފެންސް ލައިނުން ހަދާ ގޯސްތަކާމެދު އޭނާގެ ހިތްހަމަނުޖެހުން އެބައޮތް ކަމަށާއި، ހަދާ ކޮންމެ ގޯހަކާއެކު ބައިކޮޅަށް ލަނޑު ވަނުން ހުއްޓުވޭނެ ހަމައެކަނގޮތަކީ ކުޅުންތެރިން ފަރުވާތެރިވުން ކަމަށެވެ.