ޚަބަރު

ބަޣާވާތެއްކުރާނަމަ އެކަމާ ދެކޮޅަށް ރައްޔިތުން ނުކުންނާނެ- ނިހާން


އިދިކޮޅު ފަރާތްތަކުން ޤައުމުގެ ހަމަޖެހުން ނަގާލާ މަގުތަކަށް ނުކުމެ ސަރުކާރު ވައްޓާލަން މަސައްކަތްކުރި ނަމަވެސް، މިޤައުމަށް އިޚުލާސްތެރި ރައްޔިތުން އެކަމާ ދެކޮޅަށް ތެދުވާނެ ކަމަށް ޕީޕީއެމްގެ ޕީޖީ ލީޑަރު އަދި ވިލިމާފަންނު ދާއިރާގެ މެންބަރު އަޙްމަދު ނިޙާން ޙުސައިން މަނިކު ވިދާޅުވެއްޖެއެވެ.

ޕީޕީއެމް "ރުމާލު 2" ޖަގަހައިގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނިހާން ވިދާޅުވީ، ރާއްޖޭގައި ޤާއިމްވެފައި އޮތް ޤާނޫނީ ވެރިކަން ބަޣާވާތަކުން ވައްޓާލުމުގެ ފުރުޞަތު އެއްވެސް ފަރާތަކަށް ނުދޭނެކަމަށެވެ. އަދި ވެރިކަން ވައްޓާލުމަށް ބަޔަކު ނުކުތްނަމަވެސް މިޤައުމަށް އިޚުލާސްތެރި ރައްޔިތުން އެކަމާ ދެކޮޅަށް ތެދުވާނެ ކަމަށެވެ.

"މި ރާއްޖޭގައި ހިނގަމުންމިދާ ގާނޫނީ ވެރިކަން ބަގާވާތަކުން ވައްޓާލަ ދޭނޭ އެއްވެސް ގޮތެއް ނޯންނާނެ، އަޅުގަނޑުމެން ބިމާއި ހަމައަށް ޗިސްކޮށް މެއާ ވަކި ކުރުމަށްފަހު ނޫނީ ލާހިކެއް ނޫން އަޅުގަނޑުމެން މި ފުރުސަތު އެއްވެސް ބަޔަކަށް ދޭކަށް." ނިޙާން ވިދާޅުވިއެވެ.

ނިޙާން ވިދާޅުވީ، ބޭރުގެ ބަޔަކު މި ރާއްޖޭގެ ކަންތައްތަކާއި ޒަމާނުއްސުރެ ދޯޅުވެ އުޅުނު ކަމަށާއި، މިހާރު އެފަރާތްތަކުން އެއުޅެނީ އެއަށްވުރެ ރަނގަޅު ފަންތިއަކުން މިޤައުމުގެ ކަންތައްތަކުގެ ތެރެއަށް ވަނުމަށް ކަމަށެވެ.

"މި މަސައްކަތަކީ ޒަމާނުއްސުރެ އެބޭފުޅުން ބޭނުންވާ ހިސާބަށް ޚާއްސަކޮށް ރަނގަޅުވެރިކަމާއި ހެޔޮ ވެރިކަމާއި މޮޅު އީޖާދާއެކު ގެންނަން ޒަމާނުއްސުރެ މަސައްކަތްކޮށް އެއްބައި ދިމަދިމާލުގައި ކާމިޔާބުކޮށްފައި ހުރި ކަންތައްތައް." އަޙުމަދު ނިޙާން ވިދާޅުވިއެވެ.

ނިޙާން ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލް ދިފާއުކުރުމުގައި ދިވެހި ސިފައިންނާއި ފުލުހުން އަބަދުވެސް ދެމިތިބޭނެކަމަށެވެ. ޕީޕީއެމުން ބޭއްވި މި ޖަލްސާގައި، ގިނަ އަދަދެއްގެ އާންމުން ބައިވެރިވެފައިވޭ. މި ޖަލްސާގައި ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވަނީ އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައެވެ.