ޚަބަރު

ފުނަދުއާއި، މާވަރުލު އެއަރޕޯޓްގެ ޢަމަލީ މަސައްކަތް ފަށަނީ


ށ ފުނަދުއާއި ގދ މާވަރުލު އެއަރޕޯޓް ހެދުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް ހުޅުވާލާއިފިއެވެ. މިގޮތުން ށ. ފުނަދޫއާއި ގދ މާވަރުލުގެ އެއަރޕޯޓްގެ ރަންވޭގެ އިތުރުން ޓެކްސީވޭއާއި، އޭޕްރަންވެސް ހެދުމަށް ވަނީ ހމަޖެހިފައިއެވެ.

މި މަސައްކަތްތައް ކުރުމަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަކަށްވަނީ ބީލަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ.

ށ.ފުނަދޫގެ ރަންވޭއާއި، ޓެކްސީވޭއާއި، އޭޕްރަންގެ މަސައްކަތްކުރުމަށް ބިޑް ސެކިއުރިޓީގެ ގޮތުގައި ކަނޑައަޅާފައިވަނީ ދެ މިލިއަން އަށްޑިހަހާސް ރުފިޔާ ނުވަތަ އެއަދަދަށްވާ އެމެރިކާ ޑޮލަރުއެވެ. ގދ. މާވަރުލު އެއަރޕޯޓް ރަންވޭއާއި، ޓެކްސީވޭ އާއި، އޭޕްރަންގެ މަސައްކަތް ކުރުމަށް ބިޑް ސެކިއުރިޓީގެ ގޮތުގައި ކަނޑައަޅާފައިވަނީ ދެ މިލިއަން ފަސްދޮޅަސް ފަސްލައްކަ ރުފިޔާ ނުވަތަ އެއަދަދަށްވާ އެމެރިކާ ޑޮލަރުއެވެ.

ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 148ދުވަސްއެވެ. ބީލަމުގައި ބައިވެރިވުމަށް ރެޖިސްޓްރީ ކުރުމަށް ހުޅުވާލާފައިވަނީ މިމަހުގެ ފަސްވަނަ ދުވަހުން ފެށިގެން 13ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ޕްރޮޖެކްޓްތަކުގެ ޕްރީ ބިޑް ބައްދަލުވުން އޮންނާނީ 8 ފެބްރުއަރީ ބުރާސްފަތިދުވަހުއެވެ. ބީލަން ހުޅުވުން އޮންނާނީ ފެބްރުއަރީ 15 ގައެވެ.

ށ.ފުނަދޫގައި އެއަރޕޯޓް ތަރައްޤީކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްގެން މިހާރުވަނީ ފަށާފައެވެ. ފުނަދުގައި ހަދާ ރަންވޭއަކީ ދިގުމިނުގައި 1200 މީޓަރު ހުންނަ ރަންވޭއެކެވެ. މި މަޝްރޫޢުއަށް މި އަހަރުގެ ބަޖެޓުގައި 89 މިލިއަން ރުފިޔާވަނީ ހިމަނާފައެވެ. ފުނަދޫގައި އެއަރޕޯޓް އެޅުމުގެ މަސައްކަތުގެ ދަށުން ޓަރމިނަލާއި، ފަޔަރ އެންޑް ރެސްކިއު އިމާރާތާއި، އެއަރ ޓްރެފިކް ކޮންޓްރޯލް ޓަވަރު އަޅާނެ ބަޔަކު ހޯދުމަށް ރީޖަނަލް އެއަރޕޯޓްސްއިންވަނީ މީގެކުރިން ހުޅުވާލާފައެވެ.

މި ދެ އެއަރޕޯޓްގެ ތެރެއިން ގދ.މާވަރުލު އެއަރޕޯޓްއަކީ 2011ވަނަ އަހަރު ފަށާފައިވާ މަސައްކަތެކެވެ. ނަމަވެސް މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ މުއްދަތައް މަސައްކަތް ނިންމާފައި ނުވުމުގެ ސަބަބުން އެ މަސައްކަތުގެ ކޮންޓްރެކްޓަރ މޫވިންގ އިންޓަރނޭޝަނަލްއާއިއެކު ވެފައިވާ އެއްބަސްވުންވަނީ ބާތިލުކޮށްފައެވެ. މި އެއަރޕޯޓް އަލުން ތަރައްޤީކޮށް މަސައްކަތް ނިންމުމަށް މިއަހަރުގެ ބަޖެޓުގައިވަނީ 53މިލިއަނަށްވުރެ ގިނަ ރުފިޔާ ހިމަނާފައެވެ.

މިއަހަރުގެ ބަޖެޓުގައި ސަރުކާރުންވަނީ ހަތަރު އެއަރޕޯޓް އެޅުމަށް ހިމަނާފައެވެ. އޭގެތެރޭގައި ހިމެނެނީ ހދ ކުޅުދުއްފުއްޓާއި، ށ ފުނަދޫއާއި، ފ.ނިލަންދޫއާއި، ގދ.މާވަރުލު. މި މަސައްކަތްތައް މިއަހަރުގެ ނިޔަލަށް ނިންމުމަށް ސަރުކާރުންގެންދަނި މަަސައްކަތް ކުރަމުންނެވެ.