ޚަބަރު

ޙަސަން ސަޢީދު ހައްޔަރުކުރަން ނެރުނުއަމުރު ބާޠިލްކޮށްފި


ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ އެނެމް އިސްވެރިޔާ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ޙަސަން ސައީދު ޙުސައިން ހައްޔަރުކުރުމަށް ކްރިމިނަލްކޯޓުން ނެރެފައިވާ ކޯޓު އަމުރު ސުޕްރީމް ކޯޓުން ބާތިލުކޮށްފިއެވެ.

މިއަމުރު ބާޠިލްކޮށް ސުޕްރީމްކޯޓުން ނެރުނު ކޯޓުއަމުރުގައިވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅުނު ރިޝްވަތުގެ މައްސަލައަކާ ގުޅިގެންކަމަށްބުނެ ފުލުހުން ޙަސަން ސައީދު ހައްޔަރުކުރަން އުޅޭކަމަށްބުނެ ފުލުހުން ޢާއްމުކުރި ނޫސްބަޔާނުގައި ބަޔާންކޮށްފައިވާ ކަންކަމަށް ބެލުމުން އޭނާ ހައްޔަރުކުރުމުގެ އަމުރުނެރެ ތަންފީޒުކުރުމުގެ މަސައްކަތް ކުރަމުންދަނީ ހަމަޖެހިފައިވާ ޤާނޫނީ އިޖުރާއަތާ ޚިލާފަށް ޢަދުލު އިންސާފުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރުމަށް މަގުފައިވާ ގޮތަށްކަން އެނގެން އޮންނަކަމަށެވެ. އަދި އެ އަމުރަކީ ބާތިލް އަމުރެއް ކަމަށް ކަނޑައަޅައި އެ އަމުރާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ސުޕްރީމްކޯޓުންވަނީ އަމުރުކޮށްފައެވެ.މީގެ އިތުރުން ހަސަން ސަޢީދު ހައްޔަރުކުރުމުގެ އަމުރާ ގުޅޭ މައްސަލަ ކުރިމިނަލް ކޯޓަށް ހުށަހެޅުނީއްސުރެ އެ ކޯޓުން އެ މައްސަލައާ ގުޅިގެން އަޅާފައިވާ އެނެމްހައި ފިޔަވަޅުތައް އެނގޭ ގޮތަށް މައްސަލައިގެ ފައިލްގައި ހިމެނޭ އެންމެހައި ލިޔުންތަކާއެކު މައްސަލައިގެ ފައިލް މިރޭ 7:00 ގެ ކުރިން ސުޕްރީމް ކޯޓަށް ފޮނުވުމަށް ވެސް އެކޯޓުންކުރި އަމުރުގައި އަންގައި އަމުރުކޮށްފައިވެއެވެ. 

ރިޝްވަތުގެ ތުހުމަތުގައި ކޯޓް އަމުރެއްގެ ދަށުން ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ހަސަން ސައީދު ހައްޔަރުކުރުމަށް އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ފެށީ މިއަދު ހެނދުނުއެވެ. 

ފުލުހުން ނެރުނު އަމުރުގައިވަނީ ފުލުހުންނަށް ހުށައެޅުނު ރިޝްވަތުގެ މައްސަލައެއްގައި ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ހަސަން ސައީދު ހޯދަމުން ގެންދާކަމަށެވެ. އަދި މި މައްސަލަ މިހާތަނަށް ބެލިބެލުމުން މާލޭގައި ޢިމާރާތްކޮށްފައިވާ ކޮމަރޝަލް ހައުސިން އެޕާރޓްމަންޓް ޕްރޮޖެކްޓެއްގެ ދަށުން ޢިމާރާތްކޮށްފައިވާ ފްލެޓްތަކުން ފްލެޓެއް ގަތުމަށް ދާދިފަހުން ކޮށްފައިވާ މުޢާމަލާތެއްގެ ކިތާބީ ހެކި ހިމެނޭގޮތުން ރިޝްވަތުގެ މުޢާމަލާތްތަކެއްގައި ބައިވެރިވެފައިވާކަމުގެ ކިތާބީ ހެކި ލިބިފައިވާކަމަށެވެ. 

އަދި ފުލުހުންނަށް ހުށައެޅިފައިވާ މައްސަލައާއި ގުޅިގެން ހޯދުނު ހޯދުންތަކުން ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމްކޯޓްގެ ފަނޑިޔާރު ޢަލީ ހަމީދުގެ އާއިލާގެ ދެ ބޭފުޅަކުވެސް ފްލެޓް ގަތުމަށް މުޢާމަލާތުތަކެއްކޮށްފައިވާކަމުގެ ކިތާބީ ހެކި ލިބިފައިވާކަމަށްވެސް ފުލުހުންގެ ބަޔާނުގައިވެއެވެ. އަދި މިކަމުގެ މަޢުލޫމާތު ސާފުކުރަމުންދާކަމަށްވެސް ފުލުހުން ކުރިން ބުނެފައިވެއެވެ.