ވިޔަފާރި

ސޮނީ ކުންފުނި އަލުން ކޮޅަށް ޖެހި ސީއީއޯ މަޤާމުން ވަކިވަނީ


މުނިފޫހިފިލުވުމާއި އިލެކްޓްރޯނިކްސް ވިޔަފާރީގައި މަޝްހޫރު ޖަޕާނުގެ ސޮނީ ކުންފުނީގެ ސީއީއޯކަމުގެ މަޤާމުގައި ހުންނެވި ކަޒޫއޯ ހިރާއީ، އެމަޤާމުން ވަކިވާން ނިންމަވައިފިއެވެ.

2012 ވަނަ އަހަރުގެ ތެރޭގައި ސޮނީ ކުންފުނި އަޑިއަޅާލާފައި ވަނިކޮށް، އެކުންފުނި އަލުން ކޮޅަށް ޖަހައިދިން ކަޒޫއޯ މަޤާމުން ވަކިވާކަން އިޢުލާންކުރަމުން ބުނީ މިއީ، ޒުވާން ޖީލަކާ ކުންފުނި ހަވާލުކުރަންވީ ވަގުތުކަމަށެވެ.

މުޅި އުމުރުހެން ސޮނީ ކުންފުނީގެ މަސައްކަތުގައި އުޅުނު ކަޒޫއޯ އެކުންފުންޏާ ފުރަތަމަ ގުޅުނީ 1984 ވަނަ އަހަރުއެވެ. އެއަށްފަހު އޭނާ ފާހަގަވެގެންދިޔައީ ސޮނީގެ އުފެއްދުމެއްކަމަށްވާ ޕްލޭ ސްޓޭޝަން ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ އެއްޗަކަށް ހެދުމަށް ކުރި މަސައްކަތުންނެވެ. 

img:http://s1.psmnews.mv/images/660x400/15177510434677.jpg|ސޮނީ ކުންފުނީގެ ސީއީއޯ ކަޒޫއޯ ހިރާއީ / އޭނާ ވަނީ އޭޕްރީލްމަހު މަޤާމުން ވަކިވުމަށް ނިންމާފައި

2012 ވަނަ އަހަރު ސޮނީ ކުންފުނީގެ ސީއީއޯކަމުގެ މަޤާމާ ކަޒޫއޯ ހަވާލުވިއިރު އެކުންފުނި އޮތީ އެއްކޮށް އަޑިއަޅާލާފައެވެ. ޖެހިޖެހިގެން ހަތަރު އަހަރު ގެއްލުންވެފައެވެ. ހިއްސާގެ ބާޒާރުގައި ކުންފުނީގެ އަގު ދިޔައީ ދަށަށެވެ. އެއް އިރެއްގައި އިލެކްޓްރޯނިކްސް ވިޔަފާރީގެ އެންމެ ކުރީގައި އޮތް ކުންފުނީގެ މުސްތަޤްބަލް އޮތީ ނޭގުމެއްގެ ތެރޭގައެވެ.

ނަމަވެސް ކުންފުނި އަލުން ކޮޅަށްޖަހާ، ފައިދާވާ ކުންފުންޏަށް ސޮނީ ހެދުމަށް ގިނަ މަސައްކަތްތަކެއް ކަޒޫއޯ ކުރިއެވެ. އަދި އިތުރު އުފެއްދުން ތަޢާރަފްކޮށް، ސޮނީ ކުންފުނީގެ ނަން ވިޔަފާރި ބަޒާރުގައި އަނެއްކާވެސް ގަދައަށް އިވެންފެށިއެވެ. މިދިޔަ ކުއާޓަރުގައިވެސް އެކުންފުންޏަށް 3.2 ބިލިއަން ޑޮލަރުގެ ފައިދާއެއްވިއެވެ.

އޭޕްރީލްމަހު ކަޒޫއޯ ރަސްމީކޮށް ސޮނީ ކުންފުނީގެ ސީއީއޯކަމުގެ މަޤާމުން ވަކިވުމުން އެމަޤާމަށް ހަމަޖެއްސުމަށް ނިންމާފައިވަނީ ސޮނީ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރ ކެނިޗީރޯ ޔޮޝިޑާއެވެ. ނަމަވެސް ކަޒޫއޯ ސޮނީ ކުންފުންޏާ ދުރަކަށް ނުދާނެއެވެ. އޭނާ ހުންނަވަނީ ހިންގުމުގައި މާބޮޑު ދައުރެއް ނޯންނަ އެކުންފުނީގެ ބޯޑުގެ ޗެއަރމަންގެ މަޤާމުގައެވެ.