ޚަބަރު

ރާއްޖެއާއި ސްރީލަންކާ އަބަދުވެސް ތިބޭނީ އެކުގައި- ރައީސް


ދަތި އުނދަގޫ ޙާލަތްތަކުގައާއި އުފާވެރި ވަގުތުތަކުގައިވެސް ދިވެހިރާއްޖެއާ ސްރީލަންކާއަކީ އަބަދުވެސް އެކުގައި ސާބިތުވެ ތިބޭ ދެޤައުމު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ސްރީލަންކާގެ މިނިވަންދުވަހުގެ މުނާސަބަތުގައި، އެޤައުމުގެ ރައީސް މައިތްރިޕާލަ ސިރިސޭނައަށް ތަހުނިޔާ ވިދާޅުވެ ފޮނުއްވި މެސެޖުގައެވެ.

‏ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ދަތި އުނދަގޫ ޙާލަތްތަކުގައާއި، އުފާވެރި ވަގުތުތަކުގައި ވެސް ގާތްއެކުވެރި އަވަށްޓެރި ޤައުމެއްގެ ޙައިސިއްޔަތުން ދިވެހިރާއްޖެއާއި ސްރީލަންކާއަކީ އަބަދުވެސް އެކުގައި ސާބިތުވެ ތިބޭ ދެޤައުމު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައިވެއެވެ. އަދި ރާއްޖެއާއި ސްރީލަންކާއާ ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ޒަމާންވީ ގާތް ގުޅުން، ކުރިމަގުގައިވެސް ‏‏އިތުރަށް ބަދަހިވެގެންދާނެ‏‎ ‎‏ކަމަށާއި، އިޤުޞާދީ ތަރައްޤީގެ ބައިވެރިންގެ ގޮތުގައި ދެޤައުމު އެކުގައި ސަރަޙައްދުގެ އަމާންކަން ދެމެހެއްޓުމާއެކު ސުލްޙައަށް މަސައްކަތް ކުރައްވާނެ ކަމުގައި ޔަޤީން ކުރައްވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

‏ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ރާއްޖެއާއި ސްރީލަންކާއާ ދެޤައުމުގެ ދެމެދުގައި އޮތް ގާތް އެކުވެރި ގުޅުން ބިނާވެފައި ވަނީ ތާރީޚާއި، ދެޤައުމުން ޤަބޫލުކުރާ އުސޫލުތަކާއި، ދެޤައުމުގެ ދެމެދުގައި އޮތް އިތުބާރުގެ މައްޗަށް ކަމަށް ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި މިއަދު ފާހަގަކުރަމުންދާ ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާޞަބަތުގައި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އަދި ‏‏‏ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، ސްރީލަންކާގެ ސަރުކާރަށާއި ރައްޔިތުންނަށް ހޫނު މަރްޙަބާއެއް ވިދާޅުވެ، މިނިވަންދުވަހުގެ ހެޔޮއެދުންތައް ފޮނުއްވާފައިވެއެވެ. އަދި ސްރީލަންކާގެ ރައީސަށް އިތުރު ކާމިޔާބީއަށް އެދިވަޑައިގެން ސްރީލަންކާގެ ރައްޔިތުންނަށް ފާގަތި، އުފާވެރި މުސްތަޤްބަލަކަށް އެދިވަޑައިގެންފައިވެއެވެ.