ޚަބަރު

މި ޤައުމު ހަލަބޮލި ކުރުމަކަށް ފުރުޞަތެއް ނެތް- މޫސަ


އިދިކޮޅު ފަރާތްތަކުން ޤައުމު ހަލަބޮލިކޮށް، ބޭރު މީހުން ރާއްޖެއައުމަށް ގޮވާލާއިރު އެކަން ކުރުމުގެ ފުރުޞަތު މި ސަރުކާރުން ނުދޭނެކަމަށް ރައްޔިތުން މަޖިލީހުގެ ނާއިބު ރައީސް، ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މޫސާމަނިކު ވިދާޅުވީ ރާއްޖެ ސަލާމަތުގެ އައްސޭރިއަކަށް ގެންދިއުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ. އަދި ރާއްޖޭގެ ރައްޔިތުން މަޑުމައިތިރިކަމާއެކު އެފަރާތްތަކުގެ މަސައްކަތްތަކުގައި މަސްއޫލުވެ އުޅުމަށް ފުރުޞަތު އޮތްއިރު، ކުރިއަށް އޮތް ތަނުގައިވެސް މިޤައުމުގައި ހަމަޖެހުން ޤާއިމުކުރެއްވުމަށްޓަކައި ސާބިތުކަމާއެކު ސަރުކާރާއެކު ހުންނެވިކަމަށްވެސް މޫސަ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަކަށް ނެތް އެކަން ކުރެވޭކަށް، މި ދިދައިގެ ހިޔާވަހިކަމުގެ ދަށުގައި މިނިވަންކަމާއެކު އަޅުގަނޑުމެންގެ ޤައުމު ދެމިއޮންނަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުމަށް އަޅުގަނޑުމެން މިޕާޓީގެ ފަރާތުން ކުރާނަން، އެގޮތަށް ހުރިހާ ދިވެހިންވެސް ތިބިކަމުގެ ޔަޤީންކަން އަޅުގަނޑު އަރުވާނަން." ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު ވިދާޅުވިއެވެ.

މަޖިލީހުގެ ނައިބު ރައީސް ފިއްލަވައިގެން އުޅޭ ކަމަށްބުނެ އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަށް ރައްދު ދެއްވަމުން މޫސާ މަނިކު ވިދާޅުވީ، ފިލައިގެން އުޅެންޖެހޭވަރުގެ ކަމެއް ރާއްޖޭގައި އޮތް ކަމަކަށް ނުދެކޭ ކަމަށެވެ. އަދި ރައީސް ޢަބްދުﷲ ޔާމިން ހުންނެވީ ހެޔޮ ޙާލުގައި ކަމަށާއި އެމަނިކުފާނުގެ ވެރިކަންވެސް އޮތީ ސަލާމަތުންކަމަށެވެ.