ޚަބަރު

އަމުރާ ގުޅޭ ޤާނޫނީ ނުކުތާތައް ހުށަހަޅައިފި


ސުޕްރީމް ކޯޓުގެ އަމުރުގައި ދޫކޮށްލަށް އަންގާފައިވާ ފަރާތްތައް ދޫކޮށްލުމުގައި ހުރި ޤާނޫނީ ނުކްތާތައް ޕްރޮސެކިއުޓަރ ޖެނެރަލް އާއި މޯލްޑިވްސް ޕޮލިސް ސަރވިސް އިން ފާހަގަކޮށް އިލެކްޓްރޯނިކް ވަޞީލަތްތައް މެދުވެރިކޮށް ސުޕްރީމްކޯޓަށް ހުށަހަޅާފައިވާކަމަށް ބަންޑާރަނާއިބު އަލްއުސްތާޛު މުޙަންމަދު އަނިލް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ބަންޑާރަނާއިބު ވިދާޅުވީ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސައީދަށް ގުޅުއްވޭތޯ މިއަދު ވަރަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށާއި އެހެންނަމަވެސް މިހާތަނަށް އެކަން ކާމިޔާބުވާ ގޮތް ނުވާކަމަށެވެ. އަދި ވިހާވެސް އަވަހަކަށް ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށް، ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކުން މަސައްކަތްކުރަމުންދާކަމަށާ،  މިމަސައްކަތުގައި ސުޕްރީމް ކޯޓުން މިކަމަށް އިރުޝާދު ދެއްވުން ލަސްވަމުންދާތީ ކެތްތެރިކަމާއެކު ތިބުމަށް ރައްޔިތުންގެ ކިބައިން އެދޭކަމަށްވެސް ބަންޑާރަނާއިބު ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރުގައިވާ ކަންކަން ތަންފީޒުކުރުމަށްޓަކައި ކުރަމުންދާ މަސައްކަތުގެތެރެއިން ފާހަގަކުރެވޭ ޤާނޫނީ އަދި ޝަރުޢީ ކަންކަމުގެ ތަފްސީލްތައް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާކަމަށް އެއޮފީހުންވެސް ވަނީ ހާމަކޮށްފައެވެ.

 މިކަން ހާމަކޮށް އެ އޮފީހުންނެރެފައިވާ ނޫސްބަޔާނުގައިވަނީ އަމުރާގުޅިގެން ފާހަގަކޮށްފައިވާ ކަންކަމާގުޅޭ ވަކިވަކި ނިންމެވުންތަކެއް ކަނޑައަޅުއްވައި ދެއްވުމަށްވެސް ސުޕްރީމްކޯޓުގައި ދަންނަވާފައިވާނެކަމަށެވެ.