ޚަބަރު

ރައީސް ޔާމީންގެ ކެމްޕެއިން ފެށިކަން ޢިއުލާންކުރައްވައިފި


ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ފެށްޓެވިކަން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދާދި ދެންމެ ޢިއުލާން ކުރައްވައިފިއެވެ. 

"މި އިއުލާން ކުރަނީ އަޅުގަނޑު ރަސްމީކޮށް މި ކެމްޕޭން ފެށީކަން" މިހެން ވިދާޅުވެ ރައީސް ޔާމީން އެމަނިކުފާނުގެ 2018 ވަނަ އަހަރުގެ ރިޔާސީ ކެމްޕެއިން ފެށިކަން ޢިއުލާންކުރެއްވީ މިހާރު ވެސްޓް ޕާކް ސަރަޙައްދުގައި ކުރިއަށްދާ ޕީޕީއެމްގެ އެއްވުމެއްގައި ވާހަކަފުޅުދައްކަވަމުންނެވެ. 

ރައީސް ވިދާޅުވީ މިއަށް ވުރެ ދަތި ފަސް އަހަރުގެ ޒަައާމަތެއް ދިވެހި ތާރީހަކުން ފެންނާކަށް ނެތްކަމަށާއި ކުރިއަށް މިވަޑައިގަންނަވަނީ އެކިކަހަލަ ދަތި ކަންތައްތައް ނުފެންނާތީ ނޫންކަމަށެވެ. 

މިއަދުގެ ވާހަކަފުޅު ފަށްޓަވަމުން ރައީސްވަނީ ސުޕްރީމް ކޯޓުގެ އަމުރާ ގުޅޭގޮތުން ވާހަކަފުޅުދައްކަވާފައެވެ. އެމަނިކުފާނު ވިދާޅުވީ ސުޕްރީމްކޯޓުގެ އަމުރު ތަންފީޒުކުރަުންމަތީގައި އެމަނިކުފާނު ދެމިހުންނަވާނެކަމަށެވެ. "އިރާދަކުރެއްވިއްޔާ މަސައްކަތްތައް ދަނީ ރަނގަޅަށް" ކަމަށާ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ވާހަކަ ދައްކައިގެން މިހާރު ދިމަވެފައިވާ މައްސަލަތައް ޙައްލުކުރުމުގެ ކަންކަން ކުރިއަށްދާކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެމަނިކުފާނަށް އުއްތަމަ ފަނޑިޔާރާ ގުޅިފައިވާކަމަށާއި، ކޯޓުން ނެރެފައިވާ އަމުރަކީ ނެރިދާނެކަމަށް ހީއްކޮށްގެން ތިބި އަމުރެއް ނޫންކަމަށެވެ. އެހެންކަމުން މި ހަފްތާގެ ހަފްތާ ބަންދު މިވީ ޕީޕީއެމްއާއި ސަރުކާރަށް ވަރަށް ބުރަ ހަފްތާ ބަންދަކަށްކަމަށެވެ. 

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމްވެސް މި އެއްވުމުގައި ރައީސްގެ އަރިހުގައި ބައިވެރިވެވަޑައިގަތެވެ. 

img:http://s3.psmnews.mv/images/660x400/15176609873235.jpg|

މި އެއްވުމުގައި ރައީސް ވަނީ އިދިކޮޅު ސިޔާސީ ލީޑަރުންނަށް ވަރަށްބޮޑަށް ފާޑުވިދާޅުވެފައެވެ. ދައުލަތުގެ އިސްވެރިޔަކީ ރައީސުލްޖުމްހޫރިއްޔާކަން ފާހަގަކުރައްވައި ރައީސް ވަނީ ހަމަޖެހުމާއި ކެތްތެރިކަމާއެކު ތިބުމަށް ޤާނޫނު ތަންފީޒުކުރާ ފަރާތްތަކަށް ގޮވާލައްވާފައެވެ. މިހާރު ރާއްޖޭގެ ސިޔާސީ މަސްރަޙު މިއޮތް ޙާލަތުގައި ބައެއް އެހެން ނިޒާމުތަކުގައި އޮންނަ ގޮތަށް އަވަސް އިންތިހާބެއް ބޭއްވޭނެ ނަމަ އޭ ހިތްޕުޅަށް އަރާ ވަޑައިގަންނަވާކަމަށާ، އިންތިހާބު އަވަސްކޮށްގެން ނަމަވެސް މިކަންކަން ރަނގަޅު ކުރެވޭނެ ނަމައޭ ހިތްޕުޅަށް އަރާވަޑައިގަންނަވާކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް މިއަދު ވިދާޅުވީ އެމަނިކުފާނަކީ ރައްޔިތުންނަށް ދަތިކަމެއް ދިމާވުމުން ފިލައިގެން ދާނެ ބޭފުޅެއްނޫންކަމަށެވެ. އިދިކޮޅު ސިޔާސީ ބޭފުޅުންނަށް ވަކިވަކިން ފާޑުވިދާޅުވަމުން ރައީސް ވިދާޅުވީ ކުރީގެ ރައީސް ނަޝީދު އެއޮތީ ފިއްލަވާކަމަށާ ނަޝީދަށް ތާއީދު ކުރާ މީހުން ވެސް ތިއްބީ ފިލާކަމަށެވެ. އަދި ޤާސިމް އިބްރާހީމްއަކީ ދައުލަތަށް ދައްކަވަންޖެހޭ އެތައް ބައިވަރު ފައިސާއެއް ނުދައްކަވާ ހުންނެވި ބޭފުޅެއްގެގޮތުގައި ފާހަގަކުރައްވައި ރައީސް ވިދާޅުވީ ރައްޔިތުންގެ ކުރިމަތީގައި ވާހަކަފުޅުދެއްކެވުމުގެ ހައްޤެއް ޤާސިމަށް ނެތްކަމަށެވެ. ކުރީގެ ނާއިބުރައީސް އަޙްމަދު އަދީބަކީ ކުރިން އެމަނިކުފާނާ ވަރަށް ގާތް މީހެއްކަމަށާ، އެހެންނަމަވެސް އަދީބަކީ ބޮޑެތި ކުށްތަކެއް ކުރައްވާފައި ހުންނެވި ބޭފުޅެއްކަން ރައީސް ފާހަގަކުރެއްވިއެވެ. ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ޙާދިސާއަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ، އަދީބު އުޅުއްވީ ހަމައެކަނި އެމަނިކުފާނު އަވަހާރަކޮށްލަން ނޫންކަމަށާއި، އެމަނިކުފާނުގެ މުޅި ޢާއިލާ އަވަހާރަކޮށްލަންކަމަށެވެ. އަދި އެދުވަހު ލޯންޗުކޮޅު މުޅިން ގޮވިނަމަ އެތައް ބަޔަކު މިދުނިޔެއާ ވަކިދާނެކަން ރައީސް ފާހަގަކުރެއްވިއެވެ.