ވިޔަފާރި

ފުރަތަމަ ފަހަރަށް ގޫގުލްއަށް 100 ބިލިއަން ޑޮލަރު..!


ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވިޔަފާރިކުރާ މަޝްހޫރު ގޫގުލް ކުންފުނީގެ އާމްދަނީ ފުރަތަމަ ފަހަރަށް ސަތޭކަ ބިލިއަން ޑޮލަރަށް އަރައިފިއެވެ.

ގޫގުލްގެ ބެލެނިވެރި ކުންފުނި، އެމެރިކާގެ އެލްފަބެޓް ކުންފުނިން ޢާއްމުކުރި މިދިޔަ އަހަރުގެ މާލީ ހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު އެކުންފުންޏަށް ޢާމްދަނީގެ ގޮތުގައި 110 ބިލިއަން އެމެރިކާ ޑޮލަރު ވަނީ ލިބިފައެވެ. އޭގެ ކުރީ އަހަރު އެކުންފުންޏަކަށް ލިބުނީ 90 ބިލިއަން ޑޮލަރެވެ. މިއީ އެކުންފުނީގެ 20 އަހަރުވީ ތާރީޙުގައި 100 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނު ފުރަތަމަ ފަހަރެވެ.

img:http://s3.psmnews.mv/images/660x400/15176604722439.jpg|ގޫގުލް ކުންފުނީގެ މައި އޮފީސް / އެ ކުންފުނީގެ މިދިޔަ އަހަރުގެ އާމްދަނީ ވަނީ 100 ބިލިއަން ޑޮލަރަށް އަރާފައި

ގޫގުލްއަށް މިހާ ބޮޑު އާމްދަނީއެއް ލިބުނީ އިޝްތިހާރުގެ ވިޔަފާރިންކަމަށްވާއިރު، އިތުރު ދާއިރާތަކުންވެސް ވިޔަފާރި ފުޅާކުރުމަށް އެކުންފުނިން ދަނީ މަސައްކަތް ކުރަމުންނެވެ. މިގޮތުން މިދިޔަ އަހަރު ގޫގުލްގެ އެހެނިހެން ބައެއް ވިޔަފާރިތަކުން 15 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނެވެ. މީގެ ތެރޭގައި އެކުންފުނީގެ ސްމާޓް ފޯނު "ޕިކްސެލް" ގެ ވިޔަފާރިއާ، އެކުންފުނިންދޭ ކްލައުޑް ސަރވިސް ހިމެނެއެވެ. 

ޓެކްނޮލޮޖީގެ ކުންފުނިތަކުގެ ތެރެއިން އަހަރަކު 100 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭ ކުންފުންޏަކަށް ގޫގްލްވެފައިވާއިރު، އެމޭޒަން ކުންފުންޏަށް 2015 ވަނަ އަހަރުން ފެށިގެން އަހަރަކު މަދުވެގެން 100 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބެއެވެ. އަދި މަޝްހޫރު އެޕަލް ކުންފުނިން ދަނީ 2011 ވަނަ އަހަރުން ފެށިގެން އަހަރަކު މަދުވެގެން 100 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދަމުންނެވެ.