ޚަބަރު

ރާއްޖެއަށް ދަތުރުތައް ފެށުމަށް ދެއެއަރލައިނަކާއެކު މަޝްވަރާކުރަނީ


ރާއްޖެއަށް މިއަހަރުތެރޭ ތާވަލު ދަތުރުތައް ފެށުމަށް ބައިނަލްއަޤްވާމީ ދެ އެއަރލައިނަކާއެކު މަޝްވަރާ ކުރަމުންދާ ކަމަށް އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އާދިލް މޫސާ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޑެޓް، އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އާދިލް މޫސާ ވިދާޅުވީ ރާއްޖެއަށް އަލަށް ދަތުރުތައް ފެށުމަށް މަޝްވަރާކުރަނީ މެދުއިރުމަތީގެ އެއަރލައިނަކާ ޔޫރަޕްގެ އެއަރލައިނަކާއެކު ކަމަށެވެ. އެހެންނަަމަވެސް އެއީ ކޮން އެއަރލައިންތަކެއްކަމެއް އާދިލް ވިދާޅެއްނުވއެވެ.

އާދިލް މޫސާ ވިދާޅުވީ މާލޭ ވައިގެ ބަނދަރުގެ ތާރީޚަށް ބެލި ކަމުގައިވިޔަސް ހުސްވި އަހަރަކީ ކާމިޔާބު އަހަރެއްގެ ގޮތުގައި ފާހަގަކޮށްލެވޭ އަހަރެއް ކަމަށެވެ.

"ވޭތުވެދިޔަ ހިސްޓްރީއަށް ބެލިކަމުގައިވިޔަސް ފާއިތުވެދިޔަ އަހަރަކީ އެންމެ ރަގަޅު އެއް އަހަރު، ޔޫރަޕުންވެސް އިތުރު ފުލައިޓްތަކެއް ރާއްޖެއަށް އޮޕަރޭޓްކުރަންފަށާ ކޮންޓިނިއުކުރަން އެފެށީ، މިއަހަރުތެރޭގައިވެސް އިތުރު ރިކުއެސްޓްތައް އަޅުގަނޑުމެންނަށް ލިބެމުން މިދަނީ، އެއީ މިޑިލް އީސްޓްގެ އެއަރލައިން އަކާއި، ޔޫރަޕްގެ އެއަރލައިނެއް" އާދިލް މޫސާ ވިދާޅުވިއެވެ.

އާދިލް މޫސާ ވިދާޅުވީ މިހާރު ރާއްޖެއަށް ދަތުރު ކުރަމުންދާ އެއަރލައިންތަކުންވެސް ރާއްޖެއަށް ކުރާ ދަތުރުތަކުގެ ޢަދަދު އިތުރު ކުރުމަށް އެދިފައިވާ ކަމަށެވެ.

"ސިލްކް އެއަރލައިން އެބަ ރިކުއެސްޓްކުރޭ ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރުމަށް، އަދި އެމިރޭޓްސްއުންނާއި އެއަރއޭޝިއާއިންވެސް ރާއްޖެއަށް ކުރާ ދަތުރުތައް އިތުރު ކުރުމަށްދަނީ މަޝްވަރާ ކުރަމުން، އަދި އެހެން އިތުރު ދެ އެއަރލައިންއަކުންވެސް ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރުމަށް ދަނީ މަޝްވަރާކުރަމުން. އާ އެއަރލައިންތަކުން ރާއްޖެއަށް ދަތުރުތައް ނުފެށި ނަމަވެސް، އިތުރު އެއަރލައިންއަކުން އިތުރު ފްރީކުއެންސީއެއް އެޅުމަކީ އިތުރު އެއަރލައިންއެއް އައުންކަހަލަ ކަމެއް" އާދިލް މޫސާ ވިދާޅުވިއެވެ. 

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމަށް ސަރުކާރުން ހިންގާ އެއް ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއާއެކު، މިހާރު އެންމެ ބާރަށް ކުރިޔަށްދަނީ އައު ރަންވޭއެއް ހެދުމުގެ މަސައްކަތެވެ. އައު ރަންވޭއަކީ ދުނިޔޭގައި އޮޕަރޭޓްކުރާ އެންމެ ބޮޑެތި މަތިންދާބޯޓު ކަމުގައިވާ A380 ގެ މަރުކާގެ ބޯޓު ފަހަރަށްވެސް ފަސޭހަކަމާއެކު ބޭނުންކުރެވޭނެ ރަންވޭއެކެވެ. އައު ރަންވޭއާއެކުވެސް ރާއްޖެއަށް ދަތުރުކުރާ ފްލައިޓުތަކުގެ އަދަދު އިތުރުވާނެ ކަމަށް ސަރުކާރުން ލަފާކުރެއެވެ.