ކުޅިވަރު

ޗެލްސީ ދޫކޮށްލާ ވާހަކަ ކޮންޓޭ ދޮގުކޮށްފި


މި ސީޒަން ނިމުމުން ޗެލްސީ ދޫކޮށް އިޓަލީގެ ޤައުމީ ޓީމާ ހަވާލުވާން އުޅޭ ވާހަކަ ކޯޗު އެންޓޯނިއޯ ކޮންޓޭ ދޮގުކޮށްފިއެވެ.

އޭނާ ބުނީ 2016 ވަނަ އަހަރުން ފެށިގެން އޭނާ އަދާކުރަމުން އަންނަ މަޤާމުގެ ކޮންޓްރެކްޓްގައި ބާކީ 18 މަސްދުވަސް އެބައޮތް ކަމަށާއި، އޭނާގެ ވިސްނުމަކީ ކޮންޓްރެކްޓް ފުރިހަމަ ކުރުންކަމަށެވެ.

މިދިޔަ ސީޒަނުގައި ޗެލްސީ އަށް ޕްރެމިއާ ލީގު ކާމިޔާބު ކޮށްދިން ނަމަވެސް މި ސީޒަނުގައި ޗެލްސީ އޮތީ އެއްވަނާގައިވާ މެންޗެސްޓާ ސިޓީއަށް ވުރެ ބޮޑު ތަފާތުން ފަހަތުގައި ހަތަރު ވަނާގައެވެ.

"އަހަރެންގެ ވިސްނުމަކީ ކުލަބުގައި މަޑުކުރުން. މިވަގުތު ދެވެން އޮތް ޖަވާބަކީ މިއީ. އަހަރެންނާ ބެހޭ ގޮތުން މި ސީޒަން ފެށުމާއެކު ކުލަބު ދޫކުރާ ވާހަކަ ދެކެވޭ. ފަހަރުގައި މިއީ ޗެލްސީ ފަދަ ކުލަބެއްގައި ހުރީމަ ދައްކާ ވާހަކައަކަށްވުން އެކަށީގެންވޭ. އަހަރެން މި ކުލަބުގައި ހުރީ އުފަލުން،" ކޮންޓޭ ބުންޏެވެ.

އޭނާ ބުނީ ޗެލްސީގައި އޭނާއަށް އޮތް ޕްރެޝަރަކީ ތަށި ހޯދުން ކަމަށާއި، ހުސްވި ސީޒަން ފަދައިން މި ސީޒަނުގައި ވެސް އެ ޕްރެޝަރު އެބައޮތް ކަމަށެވެ.

ޓީމު ދޫކޮށްލާ ވާހަކަ ކޮންޓޭ ދޮގު ކުރި ނަމަވެސް އަންނަ ސީޒަނުގައި ޗެލްސީގެ ކޯޗަކަށް ބާސެލޯނާގެ ކުރީގެ ކޯޗު ލުއިސް އެންރިކޭ ގެނައުމަށް ކުލަބުން ތައްޔާރުވާ ކަމަށްވެސް އިނގިރޭސި މީޑިޔާތަކުން ވަނީ ބުނަން ފަށާފައެވެ.