ކުޅިވަރު

ޖިރޫޑް ވިއްކާލީ ދެ ސަބަބަކާހުރެ: ވެންގާ


އާސެނަލްގައި މަޤުބޫލު ކުޅުންތެރިއަކަށްވި ނަމަވެސް ފްރާންސްގެ ފޯވަޑް އޮލިވިއާ ޖީރޫޑް ވާދަވެރި ޗެލްސީއަށް ވިއްކާލީ ދެ ސަބަބަކާ ހުރެ ކަމަށް ކޯޗު އާސެން ވެންގާ ބުނެފި އެވެ.

އޭނާ ބުނީ އާސެނަލްއަށް ބޮރޫޝިޔާ ޑޯޓްމުންޑްގެ ގެބޯން ފޯވަޑް ޕެޓްރިކް އައުބަމިޔަންގް ގެނައުމުން ޖީރޫޑަކީ ޓީމުގެ ތިން ވަނަ ފޯވަޑަކަށް ބަދަލުވެފައިވާ ކަމަށެވެ. ނަމަވެސް އުމުރުން 31 އަހަރުގެ ފޯވަޑުގެ އާއިލާ ކަންކަން ހުރިގޮތުން ލަންޑަން ދޫކޮށް ދިއުން އުނދަގޫވި ކަމަށެވެ.

"އޭނާ ބޭނުންވޭ ފުރަތަމަ 11 ގައި ކުޅެން. އެކަމަކު އައުބަމިޔަންގ އައުމުން އޭނާ ވަނީ އާސެނަލްގެ ތިން ވަނަ ބޭބީއަށް. މިއީ އޭނާ ދޫކޮށްލަން ޖެހުނު އެއް ސަބަބު. އަނެއް ކަމަކީ އޭނާ ބޭނުންވޭ ވޯލްޑް ކަޕުގައި ކުޅެން ކުލަބުގައި ކުޅުމުގެ ފުރުސަތު ހޯދަން. މިއީ ދެ ވަނަ ސަބަބު. އޭނާގެ އާއިލާގެ ކަންކަން ހުރި ގޮތުން ބޭނުންވީ ލަންޑަނުގައި ހުންނަން. ޗެލްސީގެ އޮފާ ދޫކޮށްލަން އޭނާ އަށް އުނދަގޫވީ މިހެންވެ،" ވެންގާ ބުންޏެވެ.

2012 ވަނަ އަހަރު އާސެނަލްއަށް ބަދަލުވެ މިހާތަނަށް 105 ގޯލު އާސެނަލް އަށް ޖަހައިދިން ފޯވަަޑަކީ އެކުލަބުގެ ސަޕޯޓަރުންނާއި ކުޅުންތެރިންގެ މެދުގައި ވެސް މަޤުބޫލު ކުޅުންތެރިއެކެވެ.

ވެންގާ ބުނީ ކުޅުންތެރިޔާ ކުލަބު ދޫކޮށްދާން ބޭނުންވުމުން ދެ ފަރާތަށް ވެސް އެންމެ ރަނގަޅު ގޮތް އިހްތިޔާރުކުރީ ކަމަށެވެ.