ޚަބަރު

ނާއިބުރައީސް ޖިހާދު ހުންނެވީ ރައީސާއެކު ސާބިތުވެ - ސަރުކާރު


ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޢަބްދުﷲ ޖިހާދު ރައީސުލްޖުމްހޫރިއްޔާގެ ފަހަތްޕުޅުގައި ސާބިތުކަންމަތީ ހުންނެވިކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ޕީ.އެސް.އެމުން ކުރިއަށްގެންދާ ލައިވް ކަވަރޭޖްގައި ވާހަކަދައްކަވަމުން ޔޫތް މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޢަބްދުﷲ ޖިޙާދު ހުންނެވީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއެކު ސާބިތުވެކަމަށެވެ. އަދި ވަޒީރުންގެ މަޖިލީހުގެ ހުރިހާ މެމްބަރުންވެސް ތިއްބެވީ ފުރިހަމަ އިޚްލާސްތެރިކަމާއެކު ރައީސުލްޖުމްހޫރިއްޔާގެ ފަހަތްޕުޅުގައިކަމަށެވެ. އަދި ސުޕްރީމް ކޯޓުން ކުރެއްވި ޙުކުމާ ގުޅިގެން ޤާނޫނާއި ޤަވާއިދާ އެއްގޮތަށް ރައީސުލްޖުމްހޫރިއްޔާ، ކެބިނެޓަށް އިރުޝާދު ދެއްވަމުން ގެންދަވާކަމަށްވެސް ޔޫތް މިނިސްޓަރ ވިދާޅުވިއެވެ.

މީޑިއާއިން ކުރިމަތިކުރި ސުވާލުތަކަކާ ގުޅިގެން ޕީޕީއެމްގެ ނާއިބުރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވެސްވަނީ ނާއިބުރައީސް ޢަބްދުﷲ ޖިޙާދު ހުންނެވީ ރައީސް ޔާމީނާއެކު ކަމަށް ވިދާޅުވެފައެވެ. އަދި މިހާރު ހިނގަމުންދާ ކަންކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޕާލިމެންޓްރީ ގުރޫޕްގެ މެމްބަރުންނާ ގުޅުއްވައި މަޝްވަރާ ދެއްވަމުން ގެންދަވާކަމަށްވެސް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.