ޚަބަރު

"ޤައުމީ ސަލާމަތަށް ނުރައްކާވާފަދަ ވާހަކަ ނުފަތުރަން ގޮވާލައިފި"


ސުޕްރީމްކޯޓުގެ އަމުރު ތަންފީޒުރުމަށްޓަކައި ބޭރުގެ ސިފައިން ގެންނަން ޖެހިދާނެކަމަށްބުނެ އިދިކޮޅު ސިޔާސީ ފަރާތްތަކުން ސޯޝަލް މިޑިއާގައި ވާހަކަތައް ފަތުރަމުންދާކަމަށާ، މިއީ ޤައުމީ ސަލާމަތަށް ނުރައްކާވާފަދަ ނުރައްކާތެރި ވާހަކަތަކެއްކަމަށް ޕީޕީއެމްއިން ހާމަކޮށްފިއެވެ.

ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ނާއިބުރައީސް ޢަބްދުއްރަޙީމް އަބްދުﷲ ވިދާޅުވީ މިފަދަ ވާހަކަތައް އިދިކޮޅު ފަރާތްތަކުން ފަތުރަމުންޑާއިރު، މިއީ ރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކުގެދަށުން ކުރެވޭނެކަމެއްނޫންކަމަށާ، ރާއްޖޭގެ ސަލާމަތީ ބާރުތަކުން މިފަދަކަމަކަށް ފުރުސަތެއް ނުދެއްވާނެކަމަށެވެ. އަދި މިއީ ރައީސް ޔާމީންގެ ސަރުކާރުން ދޫކޮށްލާނެކަމެއްނޫންކަމަށާ، ދިވެހިރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދައި، ދިވެހި ޤައުމުގެ ސަލާމަތާއި އިސްތިޤުލާލަށް ގެއްލުންހުރި މިފަދަ ވާހަކަތައް ނުފެތުރުމަށް ވެރިކަންކުރާ މައި ޕާޓީގެ ޙައިސިއްޔަތުން ޕީޕީއެމްއިން ގޮވާލާކަމަށެވެ.

ޢަބްދުއްރަޙީމް ވިދާޅުވީ، އިދިކޮޅުފަރާތްތަކަކީ ދިވެހި ޤައުމާއި، މި ޤައުމުގެ މިނިވަންކަމާއި، ދިވެހިރައްޔިތުނާމެދު އެއްވެސް މިންވަރަކަށް ވިސްނާ ބައެއްނޫންކަން މިފަދަ ވާހަކަތަކުން ދޭހަވާކަމަށެވެ. 

ދިވެހި ރާއްޖޭގެ ސަލާމަތީ ބާރުތަކާމެދު ވަރަށްބޮޑު ޔަޤީންކަމެއް އެބައޮތްކަމަށާ، ދިވެހި ސިފައިންނަކީ ޤައުމަށް މެދުވެރި ކޮންމެ ނުރައްކާތެރި ޙާލަތެއްގައި ޤައުމުގެ ދިފާޢުގައި ޤުރުބާންވެފައިވާ ބައެއްކަން ހަނދާންކުރަން ޖެހޭކަމަށްވެސް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.