ޚަބަރު

ކޯޓްތަކުގެ ޙުރުމަތް ސަރުކާރުން ނަގަހައްޓާނެ- ހެލްތް މިނިސްޓަރ


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ރާއްޖޭގެ ކޯޓުތަކުގެ ޙުރުމަތް ރައްކާތެރިކުރުމާއެކު، ރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނު ނަގަހައްޓާނެކަމަށް ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހާގުޅޭގޮތުން ޕީއެސްއެމް ނިއުސްއިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމުގެ މަސައްކަތް ވަގުތުން ފެށިކަން ސަރުކާރުން ހާމަކުރުމަކީ ޝަރުޢީ ކޯޓްތަކަށް ރައީސް ޔާމީން އިޙްތިރާމް ކުރާކަން އަންގައިދޭ ކަމެއް ކަމަށެވެ. އަދި މި ހުތޫރަތްތެރި ދަނޑިވަޅުގައިވެސް، ކޯޓްތަކުގެ ޙުރުމަތް ކެނޑޭފަދަ އެއްވެސް ވާހަކައެއް ސަރުކާރުން ނުވަތަ ޕީޕީއެމުންވެސް ޢާންމުކޮށްފައި ނުވުމަކީ ދިވެހިރާއްޖޭގެ ޤާނޫނީ ޙުކޫމަތު ސަރުކާރާއި ވެރިކަންކުރާ ޕާޓީން ނަގަހައްޓާ މިންވަރު ހާމަވާ ކަމެއް ކަމަށެވެ.

ހެލްތް މިނިސްޓަރ ވިދާޅުވީ، ސުޕްރީމް ކޯޓުން އަމުރު ނެރުމާއެކު އިދިކޮޅު ފަރާތްތަކުން ބޭނުންވީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހުގެ ކަންކަން ތަކުރާރު ކުރުމަށް ކަމަށެވެ. އެހެން ނަމަވެސް އެފަދަ ގޮތަކަށް ކަންކަން ވިޔަ ނުދީ ރާއްޖޭގެ ޤާނޫނީ ޙުކޫމަތު ނަގަހައްޓާފައިވަނީ ރައީސް ޔާމީންގެ ދުރުވިސްނުންފުޅުގެ ސަބަބުން ކަމަށެވެ.

ޕީ.އެސް.އެމަށް މައުލޫމާތުދެއްވަމުން ސަރުކާރާއެކު ކޯލިޝަން ހަދާފައިވާ ޑީ.އާރު.ޕީގެ ލީޑަރ މުޙައްމަދު ނަޝީދު ވިދާޅުވީ، ޕީޕީއެމް ކޯލިޝަން އޮތީ ބަދަހި ކަމާއެކު ސަރުކާރާއެކުކަމަށެވެ. އަދި މިއީ ސަރުކާރަށް ލިބުނު ހީނަރުކަމެއް ނޫންކަމަށާއި، ސަރުކާރުން ގެންދަނީ ފުރިހަމަ ބާރާއެކު ޤާނޫނީ މަސްޢޫލިއްޔަތު އަދާކުރަމުންކަމަށް ނަޝީދު ވިދާޅުވިއެވެ.

ސުޕްރީމްކޯޓުން ރޭ ކުރި ޢަމުރު ފުރިހަމައަށް ތަންފީޛް ކުރާނެކަމަށް ސަރުކާރުގެ ފަރާތުން ދައުލަތުގެ ބަންޑާރަނާއިބު ވަނީ ވިދާޅުވެފައެވެ. އެހެން ނަމަވެސް ޙުކުމްގައިވާ ކުށްވެރިން ދޫކުރުމުގެ މަސައްކަތް ކުރަމުންދަނީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ ލަފާފުޅާއެކު ޤާނޫނީ އިޖްރާޢަތްތައް ފުރިހަމަ ކުރުމަށް ފަހުކަމަށް ބަންޑާރަނާއިބު ވަނީ ވިދާޅުވެފައެވެ.