އެއްވެސް ވަޒީރަކު އިސްތިއުފާއެއް ނުދޭނެކަމަށާ ދިވެހިސަރުކާރު އޮތީ ވަރަށް ބަދަހި ކަންމަތީގައިކަަމަށް ވެރިކަންކުރާ ޕާޓީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)އިން ބުނެފިއެވެ.
ޕީޕީއެމްއިން މިހެން ބުނެފައިވަނީ ސްޕްރީމްކޯޓުން އިއްޔެ ނެރުނު އަމުރާ ގުޅިގެން ޕީޕީއެމްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ޕީޕީއެމްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެ ޕާރޓީގެ ނާއިބް ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ ޕީޕީއެމުން އޮތީ ރައީސް ޔާމީނާއި އެމަނިކުފާނުގެ ސަރުކާރުގެ ފަހަތުގައި ސާބިތުކަމާއިއެކުކަމަށެވެ. އަދި ސްޕްރީމް ކޯޓުން ނެރުނު ބަޔާނާ އެއްގޮތަށް މި ސަރުކާރުން ގާނޫނީ ވާޖިބް ޢަދާކުރުންމަތީ ދެމިއޮންނާނެކަމަށެވެ. އެގޮތުން މިހާރުވެސް މަސައްކަތްތައް ކުރަމުންދަނީ ސަރުކާރުުގެ ސިޔާސަތުތައް ނަގަހައްޓައި ތަންފީޒުކުރުމަށްކަމަށް އޭނާ ވިދާޅުވިއެވެ.
ޢަބްދުއްރަހީމް ޢަބްދުﷲ ވަނީ ރައްޔިތުން ކަންބޮޑު ނުވުމަށާއި، ސަލާމަތީ ބާރުތަކުން ޤައުމު އަނދަވަޅެއްގެ ތެރެއަށް ވެއްޓުމުގެ ފުރުސަތު ނުދޭޭނެކަމަށް ވިދާޅުވެފައެވެ.
ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓުއަރިޒަމް މިނިސްޓަރ މޫސާ ޒަމީރައި، އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދުގެ އިތުރުން ފިޝަރީޒް މިނިސްޓަރ ޑރ.ޝައިނީވެސްވަނީ ބައިވެރިވެ ވަޑައިގަންފައެވެ. މިނިސްޓަރުންވަނީ ސްޕްރީމްކޯޓުން ނެރެފައިވާ ހުކުމާގުޅިގެން ސަރުކާރުގެ ހިންގުމަށް އެއްވެސް ލޮޅުމެއް ނާންނާނެކަމަށް ވިދާޅުވެފައެވެ. އަދި މި ދަނޑިވަޅުގައި ސަރުކާރު ބައިބައިނުވާނެކަމަށާއި، ޤާނޫނަށް ކަމޭހިތާނެކަމަށާއި، ޖުޑީޝަރީގެ ނިންމުންތަކަށް ކަމޭހިތާނެކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރ ސަޢީދުގެ ވާހަކަފުޅުގައި ވަނީ ސަރުކާރުން ރާއްޖެއަށް ގެންނަމުންދާ ތަރައްޤީއާމެދު ޙަސަދަވެރިވާ ބައެއް އުޅެމުންއަންނަކަމާށާ، ނަމަވެސް މިފަދަ ކަންކަމާއިހުރެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އެއްވެސް ފަސްޖެހުމެއް ނާންނާނެކަމަށް ވިދާޅުވެފައެވެ.