ޚަބަރު

ސްޓެލްކޯ ދެ ޓަވަރުގެ ޢަމަލީ މަސައްކަތް ފަށައިފި


ހިޔާ މަސްރޫޢުގެ ދަށުން ސްޓެލްކޯއިން ޢިމާރާތްކުރާ ދެ ޓަވަރުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ. މިމަސައްކަތް ފަށްޓަވައިދެއްވީ ސްޓެލްކޯގެ ސީއީއޯ އަހުމަދު ޒުހޫރާއި އެމަސައްކަތް ހަވާލުކުރި ކުންފުނި ކަމަށްވާ ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީގެ މެނޭޖިން ޑިރެކްޓަރ ޒޮއުވޭޑޮންގްއެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ސަރުކާރު ޙިއްޞާވާކުންފުނިތައް ބައިވެރިކޮށްގެން ފަށާފައިވާ ހިޔާ މަސްރޫޢުގެ ދަށުން ސްޓޭޓް އިލްކްޓިރްކް ކޮންޕެނީ ލިމިޓެޑް )ސްޓެލްކޯ(އިން ޢިމާރާތްކުރާ ދެ ޓަވަރުގެ އަމަލީ މަސައްކަތް ފަށާފަވަނީ އެކަމަށް ޓަކައި ހުޅުމާލޭ ދެވަނަފިޔަވަހީގައި ބޭއްވި ރަސްމިޔާތެއްގައެވެ. މިރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދާއި ސްޓެލްކޯގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަހުމަދު ޒުހޫރު. 16 ބުރިޔައް ޢިމާރާތްކުރާ މި ދެ ޓަވަރުގެ ޢަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިޔާތުގައި މި މަސައްކަތް ހަވާލުކޮށްފައިވާ ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލެޖީ ކޯ ލިމިޓެޑާއެކު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

ރޯޓައިމްއާއި މި މަސައްކަތް ހަވާލުކޮށްފައިވަނީ 18 މަސްދުވަހުގެ ތެރޭގައި ނިންމުމަށް. މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން ސްޓެލްކޯގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަހުމަދު ޒުހޫރު ވިދާޅުވީ މި ޓަވަރުތަކުގެ މަސައްކަތް ފެށިގެންދިޔާއީ ވަރަށް ގިނަ ބައެއްގެ ބުރަމަސައްކަތުންކަމަށާއި އެއްބަސްވުމުގައި އަށާމަސްދުވަހުން މަސައްކަތް ނިންމުމަށް އޮތް ނަމަވެސް އޭގެ ކުރިން މި މަސައްކަތް ނިންމާނެ ކަމުގެ ޔަޤީންކަން ކޮންޓްރެކްޓަރ ދެއްވާފައިވާކަމަށެވެ. އަދި މި މަސައްކަތަށް ބޭނޭންވާ ފައިސާގެ 30އިންސައްތަ ޚަރަދުކުރަނީ ކޮންޓްރެކްޓަރކަމަށާއި ސްޓެލްކޯއިން ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ 15 އިންސައްތަ ކަމަށްވެސް އޭނާ ވިދާޅުވި. އަދި ބާކީ 55 އިންސައްތަ އެހެނިހެން ގޮތްގޮތުން ހަމަޖެހިގެންދާނެކަމަށް ޒުޙޫރު ވިދާޅުވިއެވެ.

ހިޔާ މަސްރޫޢުގެ ދަށުން ސްޓެލްކޯއިން ޢިމާރާތްކުރާ ދެ ޓަވަރުގައި ހިމެނޭ ފުލެޓުގެ އެޕާޓްމަންޓްތައް ދިނުމަށް ހަމަޖެހިފައިވަނީ އެޕާޓްމެންޓެއް ޢިމާރާތްކުރުމަށް ހިނގި ޚަރަދުގެ މިންވަރަށް ކަމަށް ސްޓެލްކޯއިން ބުނެއެވެ. ހިޔާ މަޝްރޫޢު ހިނގާގޮތް ބެއްލެވުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ކޮމެޓީގައިވެސް ހިމެނިވަޑައިގަންނަވާ އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވީ މި މަޝްރޫޢު ކާމިޔާބުކަމާއެކު ނިންމާނެކަމުގެ ޔަޤީންކަން އެބައޮތްކަމަށެވެ. އަދި އެ ޔަޤީންކަން މިއަދުވެސް ހުޅުމާލެގެ ދެވަނަ ފިޔަވަހިން ފެންނަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ސްޓެލްކޯގެ ދެ ޓަވަރުގެ މަސައްކަތް ހަވާލުކޮށްފައިވާ ރޯޓައިމް އެންޖިނިއަރިން އެންޑް ޓެކްނޮލޮޖީގެ އެމްޑީ ޒޮއުވޭޑޮންގް ވިދާޅުވީ، މަސައްކަތް ނިންމަން ހަވާލުކޮށްފައިވާ މުއްދަތައްވުރެ ކުރިން މަސައްކަތް ނިންމާނެ ކަމަށެވެ. އަދި ހިޔާ މަޝްރޫގެ ދަށުން އަޅާ ޓަވަރު ތަކުގެ ތެރެއިން އެންމެ ކުރިން ނިންމާ ޓަވަރަކަށް ސްޓެލްކޯގް ދެ ޓަވަރު ވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ހިޔާ މަޝްރޫއޫގެ ދަށުން ސަރުކާރު ކުންފުނުތަކާއި ބައެއް އޮފީސްތަކުން ޓަވަރުތައް އެޅުމަށް ހަމަޖެހިފައިވާއިރު ގިނަ ކުންފުނިތަކުން ވަނީ ޓަވަރުތައް އަޅާނެ ބަޔަކު ހޯދުމަށް އިއުލާންކޮށްފައެވެ.

ބޯހިޔާވަހިކަމަށް ހަލެއް ގެނެސްދިނުމަށް ސަރުކާރުން ފަށާފައިވާ ހިޔާ މަޝްރޫގެ ދަށުން ސަރުކާރު ކުންފުނިތައް ހިމެނޭގޮތަށް 25 ބުރީގެ 62 ޓަވަރު އިމާރާތްކުރުމަށްވަނީ ހަމަޖެހިފައެވެ. މި މަޝްރޫއުގެ ސަބަބުން އެއްލައްކަ މީހުންގެ އާބާދީއަކަށް ބޯހިޔާވަހިކަން ލިބިގެންދާނެކަމަށް ސަރުކާރުން ބުނެއެވެ.