ޚަބަރު

އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ޤާނޫނީގޮތުން ތައްޔާރު


ރާއްޖޭގައި މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ކުރަންޖެހޭ މަސައްކަތް ކުރުމުގައި ޤާނޫނީގޮތުން ކުރަންޖެހޭ ހުރިހާކަމެއް ކުރާނެކަމުގެ ޔަޤީންކަން ދިވެހި ސަރުކާރުން ދީފިއެވެ.

ސަރުކާރުން މިހެން ބުނެފައިވަނީ ސްރީލަންކާގައި ހުންނަ އީޔޫ ހެޑްސް އޮފް މިޝަނުން މިދިޔަ އަންގާރަދުވަހު ރާއްޖެއާބެހެގޮތުން ނެރުނު ބަޔާނަށް ރައްދުދެއްވަމުން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައެވެ.

މި ބަޔާނުގައި ބުނެފައިވަނީ 2008 ވަނަ އަހަރު ތަސްދީޤު ކުރެވުނު ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ ދަށުން، ކޮންމެ ރައްޔިތަކަށްވެސް ރައްކާތެރިކަމާއި، ލިބެންޖެހޭ ޙައްޤުތައް ކަަށަވަރުކޮށްދީފައިވާކަމަށެވެ. އަދި އެ ޤާނޫނުއަސާސީގެ ދަށުން ދިވެހި ދައުލަތް ހިންގަމުންދަނީ، ދަޢުލަތުގެ ބާރުތަކަކީ މުސްތަޤިއްލު އެހެންނަމަވެސް އެއް ބާރުން އަނެއް ބާރަށް އެހީތެރިކަން ފޯރުކޮށްގެން ފުރިހަމަވާ ނިޒާމެއްގެ ގޮތުގައިކަމަށެވެ.

ސްރީލަންކާގައި ހުންނަ އީޔޫ ހެޑްސް އޮފް މިޝަނުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މަޢުމޫން ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓާފައިވަނީ ޤާނޫނާ ޚިލާފަށްކަމަށާ، މިކަމުން ދޭހަވަނީ ދިވެހި ދައުލަތުގެ ބާރުތައް އެއްބާރުން އަނެއް ބާރަށް ނުފޫޒު ފޯރުވަމުންދާކަން ކަމަށެވެ. އަދި މިއަހަރު ބާއްވާ އިންތިޚާބަކީ ހުރިހާ ސިޔާސީ ޕާޓީތަކަކަށް ބައިވެރިވެވޭނެ މިނިވަން އިންސާފުވެރި އިންތިޚާބެއް ބާއްވަން ޖެހޭކަމަށްވެސް އެ ބަޔާނުގައިވެއެވެ.

މި ބަޔާނަށް ރައްދުދީ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ދިވެހި ސަރުކާރުން އެއްވެސް ތަފާތުކުރުމެއްނެތި ކޮންމެ ރައްޔިތެއްގެ މައްޗަށްވެސް ޤާނޫނު ތަންފީޒް ކުރާނެކަމުގެ ޔަޤީންކަން ދޭކަމަށެވެ. އަދި ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މަޢުމޫން ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓާފައިވަނީ ކްރިމިނަލް ކޯޓުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ކަމަށާ، އޭނާ ހައްޔަރުކޮށްފައިވަނީ ރާއްޖޭގައި ޖިނާއީ ކުށުގެ ތުހުމަތުގައި މީހުން ހައްޔަރު ކުރުމުގެ އިޖުރާޢަތްތަކުގެ ދަށުންކަމަށްވެސް މި ބަޔާނުގައިވެއެވެ. އަދި ޤާނޫނީގޮތުން ފާރިސްއަށް ލިބިދޭންޖެހޭ ހުރިހާ ހައްޤެއް އޭނާއަށް ދީފައިވާނެކަމަށާ، އެ ހައްޤުތައް އޭނާއަށް ލިބޭނެކަމުގެ ކަށަވަރުކަން ދިވެހި ދައުލަތުން ދޭކަމަށް މިބަޔާނުގަވެއެވެ.

މި ބަޔާނުގައި ބުނެފައިވަނީ، ދިވެހިރާއްޖޭގައި 2008ވަނަ އަހަރު އާ ޤާނޫނުއަސާސީ ތަންފީޒްކުރަންފެށިފަހުން ދެ ރިޔާސީ އިންތިޚާބަކާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބެއްވެސް މިނިވަންކަމާއެކު ބާއްވާފައިވާކަމަށެވެ. އަދި މިއަހަރުގެ ރިޔާސީ އިންތިޚާބަކީ މިނިވަން އިންސާފުވެރި އިންތިޚާބަކަށް ހެދުމަށް ކުރަންޖެހޭ ހުރިހާކަމެއް، ރާއްޖެއާއި ރާއްޖޭން ބޭރުގެ ފަރާތްތަކާއެކު ކުރަމުންދާކަމަށެވެ. މީގެ ތެރޭގައި ޔޫރަޕިއަން ޔޫނިއަންއާއެކުވެސް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަން މި ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.