ސިއްހަތު

ނަރސިންގ ސްކޫލަކީ ސިއްޙީ ދައިރާގެ ތަރައްޤީއަށް އިތުރުވި ބޮޅެއް


މޯލްޑިވްސް ނެޝަނަލް ފެކަލްޓީ އޮފް ހެލްތް ސައިންސުން ހިންގަމުން އައި ނާރސިންގެ ކޯސްތައް ވަކިކޮށް ޤައުމީ ޔުނިވަރސިޓީން ނާރސިންގ ސްކޫލް ހުޅުވައިފިއެވެ. މި ސްކޫލް ހުޅުވާދެއްވީ ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމެވެ.

ފާއިތުވެދިޔަ 4 އަހަރުދުވަހުގެ ތެރޭގައި ސިއްޙީ ދާއިރާއިން ރާއްޖެ ވަނީ ބޮޑެތި ކާމިޔާބީތަކެއް ޙާސިލުކޮށްފައެވެ. ދަރުމަވަންތަ ހޮސްޕިޓަލުގެ 25 ބުރީގެ ޢިމާރާތާއި ހުޅުމާލޭގައި ޤާއިމްކުރާ ޓްރީ ޓޮޕް ހޮސްޕިޓަލާއި، އައްޑޫގައި ތަރައްޤީކުރާ ޓަރޝީއަރީ ހޮސްޕިޓަލުގެ އިތުރަށް ކުޅުދުއްފުށީގައި އަޕްގްރޭޑްކުރާ ހޮސްޕިޓަލާއެކު ސިއްޙީ ދާއިރާގެ އިންސާނީ ވަސީލަތްވެސް ތަރައްޤީކޮށް ފުޅާކުރަންޖެހެއެވެ. 

ޑޮކްޓަރުންނާއި ނަރުހުން ތަމްރީނުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއްކުރަމުންދާއިރު މިއަދު މިވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަށުން ނަރުހުން ތަމްރީނުކުރުމަށް ޚާއްސަ ސްކޫލެއް ހުޅުވާފައެވެ. މިސްކޫލް ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ ނާޒިމް އިބްރާހީމެވެ. މިސްކޫލް ހުޅުއްވާދެއްވުމަށްފަހު މިނިސްޓަރ ވަނީ އެމްއެނޔޫގެ ނަރސިންގ ސްކޫލް ބައްލަވާލައްވާފައެވެ. މީގެ ކުރިންވެސް ފެކަލްޓީއެއްގެ ގޮތުގައި ނަރުހުން ތަމްރީނުކުރިނަމަވެސް މިހާރުމިވަނީ ނަރުހުން ތަމްރީނުކުރުމަށް ވަކި ޚާއްސަ ސްކޫލެއް ޤާއިމްކޮށްފައެވެ. ނަރުހުން ތަމްރީނުކުރުމަށް އަމާޒުކޮށް ހުޅުވި މިސްކޫލްގެ ސަބަބުން ރާއްޖެއަށް ބޭނުންވެފައިވާ އެކިދާއިރަތަކުގެ ސްޕެޝަލިސްޓް ނަރުހުން ތަމްރީނުކުރުމަށް ތަފާތު ޕްރޮގްރާމްތައް ފެށުމަށްވަނީ ހަމަޖެހިފައެވެ. މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. އަލީ ފަވާޒް ޝަރީފް ވިދާޅުވީ މިސްކޫލްގެ ސަބަބުން ރާއްޖޭގެ ސިއްޙީ ދާއިރާއަށް އެކަށީގެންވާ މިންވަރަށް ކޮލިޓީ ނަރުހުން ތަމްރީނުކޮށްދެވޭނެކަމަށެވެ. 

ފެކަލްޓީ އޮފް ހެލްތް ސައިންސަސްގެ ދަށުން ކުރިން ނަރުހުން ތަމްރީނުކޮށްފައިވަނީ ހަމައެކަނި ކްރިޓިކަލް ކެއަރ އާއި މިޑްވައިފަރީގެ ދާއިރާއިންނެވެ. އެހެން ނަމަވެސް މިސްކޫލާއެކު ނަރުހުން ސްޕެޝަލައިޒްވުމުގެ ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާނެކަމަށް އެމްއެންޔޫއިން ބުނެއެވެ. މިހާރުވެސް ނަރސިންގ ދާއިރާއިން އެމްއެންޔޫގައި ހާހެއްހާދަރިވަރުން ދަނީ ތަމްރީނުވަމުންނެވެ. އެމްއެންޔޫގެ އެންމެ ބޮޑު ތަރުޙީބެއް އޮންނަ ނަރސިންގ ކޯހަށް މިސްކޫލްގެ ސަބަބުން އިތުރަށް ކުދިން ކުރިމަތިލާނެކަމަށް ޔުނިވަރސިޓީން ލަފާކުރެއެވެ. ނަރސިންގ ސްކޫލް މާލޭގައި ހުރިނަމަވެސް ޔުނިވަރސިޓީގެ އަމާޒަކީ އަތޮޅުތެރޭގެ ރަށްތަކަށްވެސް މިކޯސްތައް ފުޅާކޮށްގެން ކުރިއަށް ގެންދިއުމެވެ.