ކުޅިވަރު

ރާއްޖޭގެ ޤައުމީ ޓީމު ނަމުގައި އިންޑިޔާ މީހުން ފުޓްބޯޅަ ކުޅެނީ!


ރާއްޖޭގެ ޤައުމީ ޓީމުގެ ނަމުގައި އިންޑިޔާ މީހުން ކަމަށް ބެލެވޭ ބަޔަކު ނޭޕާލްގައި ބާއްވާ ފުޓްބޯޅަ މުބާރާތެއްގައި ކުޅޭކަން ފަޅާ އަރައި މައްސަލަ ހޫނުވެއްޖެއެވެ.

ދެކުނު އޭޝިޔާގެ ސެވަންއަސައިޑް ފުޓްބޯޅަ ފެޑަރޭޝަނުން ނޭޕާލްގައި ބާއްވާ މުބާރާތުގައި ރާއްޖޭގެ އިތުރުން ބޫޓާނުގެ ޤައުމީ ޓީމުގެ ނަމުގައިވެސް ބައިވެރިކޮށްފައިވަނީ ފޭކް ޓީމެކެވެ. ނޭލާޕްގެ މަޝްހޫރު ގޯލް ޑޮޓްކޮމްއިން ލަފާކުރާ ގޮތުގައި ޖެނުއަރީ 13 އިން 20 އަށް ކުރިއަށްދިޔަ މުބާރާތުގައި ރާއްޖެ އާއި ބޫޓާންގެ ޤައުމީ ޓީމުގެ ނަމުގައި ކުޅެމުން އަންނަނީ އިންޑިޔާ މީހުންނެވެ.

މިކަން ފަޅާއެރުމާ ގުޅިން މިހާރު މި މައްސަލަ ބަލަމުން އަންނަ ކަމަށް މުބާރާތް އިންތިޒާމް ކުރާ ނޭޕާލްގެ ސެވަން އަ ސައިޑް ފުޓްބޯޅަ ފެޑަރޭޝަނުން ވަނީ ބުނެފައެވެ.

ނޭޕާލްގެ މަޝްހޫރު ގޯލްޑޮޓްކޮމްއަށް ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒް ވިދާޅުވީ ދިވެހިރާއްޖެއަށް ނޭނގި ރާއްޖޭގެ ނަމުގައި ބަޔަލު މި މުބާރާތުގައި ރާއްޖެ ތަމްސީލުކޮށްފައިވާތީ އަޖައިބުވެފައި ހުރި ކަމަށާއި، ނޭޕާލުން މި މައްސަލަ ބަލަންޖެހޭނެ ކަމަށެވެ.

ޖަވާޒް ވިދާޅުވީ މުބާރާތާ ބެހޭ އެއްވެސް މައުލޫމާތެއް މިހާތަނަށް އެފްއޭއެމަށް ލިބިފައިނުވާ ކަމަށާއި، ރާއްޖޭގައި ސެވަން އަ ސައިޑް ފުޓްބޯޅަ ފެޑަރޭޝަނެއްވެސް ނެތް ކަމަށެވެ.

img:http://s4.psmnews.mv/images/660x400/15174634839762.jpg|މުބާރާތުގައި ކުޅޭ ރާއްޖޭގެ ޓީމްކަމަށް ބުނާ ޓީމްގެ ކީޕަރުގެ ޖަރޒީގައިވެސ ްރާއްޖޭގެ ނަން ޖަހާފަ

"އަހަރުމެން މި ތިބީ ތިޔަ ފޮޓޯ (ރާއްޖޭގެ ނަމުގައި ކުޅެމުން އަންނަ ޓީމު) ފެނިފައި ވަރަށް ހައިރާންވެފައި. ރާއްޖޭގެ އެންމެ ކުޅުންތެރިއަކު ވެސް ތިޔަ ޓީމުގައި ނެތް. ނޭޕާލްގެ ފުޓްބޯޅަ ފެޑަރޭޝަނުން މި މައްސަލަ ބަލަންޖެހޭނެ. އަހަރުމެންގެ (ރާއްޖޭގެ) ބައިވެރިވުމެއް (މި މުބާރާތުގައި) ނެތް. އަހަރުމެންގެ ނެތް ސެވަން އަސައިޑް ފެޑަރޭޝަނެއްވެސް އަދި ޤައުމީ ޓީމެއް ވެސް. ތިޔަ ޓީމާ (ރާއްޖޭގެ ނަމުގައި ކުޅެމުން އަންނަ ޓީމު) ބެހޭ އެއްވެސް މައުލޫމާތެއް (އެފްއޭއެމަށް) ލިބިފައި ނެތް،" ޖަވާޒް ވިދާޅުވި އެވެ.

ނޭޕާލްގެ ސެވަން އަ ސައިޑް ފުޓްބޯޅަ ފެޑަރޭޝަނަކީ އެ ޤައުމުގެ ސަރުކާރުން ހިންގަމުން އަންނަ ތަނެކެވެ. އެތަނުގެ ރައީސް ނަބީލް ޕުން ވިދާޅުވީ މުބާރާތަކީ ސާކް ރީޖަނުގެ ސެވަން އަ ސައިޑް ފެޑަރޭޝަނުން އިންތިޒާމްކުރި މުބާރާތެއް ކަމަށާއި، ހުރިހާ ޓީމުތަކަކީ ވެސް ސައްހަ ޓީމުތަކެއް ކަމަށް ބުނެފައިވާ ކަމަށެވެ. ނޭޕާލްގައި މުބާރާތްތައް ހިންގަނީ އެ ޤައުމުގެ ނެޝަނަލް ސްޕޯރޓްސް ކައުންސިލުން ހުއްދަ ނައިގެން ނަމަވެސް މި މުބާރާތަށް އެފަދަ ހުއްދައެއް ހޯދާފައިނުވާކަމަށްވެއެވެ.

img:http://s3.psmnews.mv/images/660x400/15174635120493.jpg|މުބާރާތުގައި ވާދަކުރާކަމަށް ބުނާ ރާއްޖޭގެ ޓީމް

ޗެމްޕިއަން ޓީމަށް 2000 ޑޮލަރު އަދި ބައިވެރިވާ ކޮންމެ ޤައުމަކަށް މި މުބާރާތުގައި 1000 ޑޮލަރު ދީފައިވެއެވެ. މުބާރާތުގައި ރާއްޖޭގެ ނަމުގައި ކުޅުނު ޓީމު ބަނގްލަދޭޝް އަތުން ބަލިވީ 16-0 ނެވެ.