ޚަބަރު

ކްލަބްފަރު ހިންގި ސަރަޙައްދު ޕިކްނިކް އައިލެންޑަކަށް ބަދަލުކުރަނީ


ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިމެނޭ، ކުރިން ކްލަބްފަރު ރިސޯޓް ހިންގި ސަރަޙައްދު، ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ތަރައްޤީކޮށް ޢާންމުނަށް ހުޅުވާލުމަށް ވާންޖެހޭ ތައްޔާރީތައް އެޗް.ޑީ.ސީން ވާން ފަށައިފިއެވެ. 

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރާ ހެރިޓޭޖް އައިލެންޑްވެސް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވަނީ މި ސަރަޙައްދުގައެވެ. 

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ސައިމަން ވިދާޅުވީ ކްލަބްފަރު ރިސޯޓް ސަރަޙައްދު ތަރައްޤީކޮށް އާންމުންނަށް ހުޅުވާލުމަށް ނިންމީ، މާލެ ސަރަޙައްދުގައި ޕިކްނިކް ދާނެ ވަކިތަނެއް ނެތުމުން އެކަމުގައި ހުރި ކަންބޮޑުވުންތަކަށް ޙައްލު ގެނައުމަށް ކަމަށެވެ. މާލެ ސަރަޙައްދުގެ މީހުން ކުރިން އާންމުކޮށް ޕިކްނިކް ދިޔައީ ކުޑަބަނޑޮހަށެވެ. ނަމަވެސް މިހާރު އެރަށުގައި ދަނީ ރިސޯޓެއް ހިންގަމުންނެވެ.

ސައިމަން ވިދާޅުވީ މިހާރު ތައްޔާރުވަމުންދަނީ ކްލަބްފަރު ރިސޯޓްގައި ކުރިން އަޅާފައި އޮތް ނަރުދަމާ ނިޒާމު އަޕްގްރޭޑް ކުރުމަށްކަމަށެވެ. ނަރުދަމާ ނިޒާމްގެ މައްސަލަ ޙައްލު ކުރުމަށްފަހު މަރާމާތުކޮށް، އާންމުންނަށް ހުޅުވާލާނެ ކަމަށް ވިދާޅުވިއެވެ. ސައިމަން ވިދާޅުވީ ޕިކްނިކް އައިލެންޑް ސަރަޙައްދުގައި ކޮޓަރިއާއި، ކެފޭ ރެސްޓޯރަންޓްތަކާއި، އަދި ސްވިމިން ޕޫލްވެސް ހުންނާނެ ކަމަށެވެ. ދެވަނަ ފިޔަވަހީގެ މަގުތައް ހަދާ ނިމުމުން، ބަސް މެދުވެރިކޮށް ޕިކްނިކް އައިލެންޑަށް އާދެވޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށްވެސް ސައިމަން ވިދާޅުވިއެވެ. 

ކުނޑަބަޑޮހުގައި ރިސޯޓް ހެދުމުން، ޕިކްނިކް ދާނެ ޚާއްސަ ރަށެއް މާލެ ކައިރީގައި ނެތުމަކީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރާ ކަމެކެވެ. ސައިމަން ވިދާޅުވީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރާ ޕިކްނިކް ސަރަޙައްދަކީ، ކުޑަބަނޑޮހަށް ވުރެ ފެންވަރު ރަގަޅު ގިނަ ޚިދުމަތްތަކާއެކު ތަރައްޤީކުރާ ތަނެއް ކަމަށެވެ.