ވިޔަފާރި

އެއަރކަރގޯގެ އާމްދަނީ ތިންސަތޭކަ އިންސައްތަ އިތުރުވެއްޖެ


ދެހާސް ތޭރައިން ދެހާސް ސަތާރައިގެ ނިޔަލަށް އެއަރ ކަރގޯއިން ލިބުނު އާމްދަނީ ތިންސަތޭކަ އިންސައްތައަށް އިތުރުވެފައިވާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީގެ މެނޭޖިންގ ޑިރެކްޓަރ ޢާދިލް މޫސާ ވިދާޅުވެއްޖެއެވެ.

ޢާދިލް މޫސާ މިހެން ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި އަލަށް ތަރައްޤީކުރާ ކަރގޯ ޓަރމިނަލް ކޮމްޕްލެކްސްގެ ޢަމަލީ މަސައްކަތް ފެއްޓުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކަރގޯ ޓަރމިނަލްގެ ބިންގާއާޅާ ރަސްމީކޮށް ޢަމަލީ މަސައްކަތް ފަށްޓަވައިދެއްވީ އިކޮނިމިކް މިނިސްޓަރ މުޙައްމަދު ސަޢީދެވެ. މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދް ފުޅާކޮށް ކުރިއެރުވުމުގައި އެއަރ ކަރގޯގެ ދައުރު ވަރަށް ބޮޑުކަމަށެވެ. އެގޮތުން ރާއްޖޭގައި 50،000 ޓުއަރިސްޓް އެނދު ތަރައްޤީކޮށް ފަތުވެރިކަން ފުޅާވަމުންދާއިރު މި ކަރގޯގެ ޚިދުމަތް ފުޅާވެގެން އައުމަކީ ލިބޭ ކުރިއެރުމެއްކަމަށެވެ. އަދި މިދާއިރާ ފުޅާވެެގެން އަންނަ ވަރަކަށް ރާއްޖޭގެ ވިޔަފާރިވެރިންގެ ވިޔަފާރިތައް ފުޅާވެ ރާއްޖެއިން އެކްސްޕޯޓް ކުރާ މުދާ މިހާރަށްވުރެ ފުޅާދާއިރާއެއްގައި އެކްސްޕޯޓްކުރުމުގެ ފުރުޞަތު ހުޅުވިގެންދާނެކަމަށެވެ. އަދި ރާއްޖެ އޮފް ސަރަހައްދުގެ ގޮތުންވެސް، ރާއްޖޭގައި އެއަރކާގޯ ފުޅާ ކުރުމަކީ މުހިންމު ކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ ޢާދިލް މޫސާ ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ކާގޯގެ ޚިދުމަތް ފުޅާދާއިރާއެއްގައި ދެމުންދިޔަނަމަވެސް ޖާގައިގެ ދަތިކަން ވަރަށް ބޮޑުކަމަށެވެ. ނަމަވެސް އާ ޓަރމިނަލާއެލު މިކަމަށް ފުރިހަމަ ހައްލެއް ލިބިގެންދާނެކަމަށް އާދިލް ވިދާޅުވިއެވެ. އެގޮތުން އަލަށް އަޅާ ކާގޯ ޓަރމިނަލަކީ ޖާގައިގެ ގޮތުން ބޮޑު އަދި ބޭނުންކުރާ ވަސީލަތްތައްވެސް އިތުރު ކަރގޯ ކޮމްޕްލެކްސްއަކަށް ވެގެންދާނެކަަމަށް އާދިލް ވިދާޅުވިއެވެ. މި ކަރގޯ ޓަރމިނަލްގައި އިތުރު ޖެޓީއަކާއި ކެރޭންތައްވެސް ބެހެއްޓުމަށް ހަމަޖެހިފައިވާކަމަށް އާދިލް ވިދާޅުވިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ދެމުންގެންދާ ކާގޯގެ ޚިދުމަތުގައި 200 އަށްވުރެ ގިނަ މީހުން މިހާރުވެސް ހަރަކާތްތެރިވަމުން އަންނައިރު، އާ ކާގޯ ޓަރމިނަލް ކޮމްޕްލެކްސްއާއެކު މިދާއިރާއިން އިތުރު ދެގުނައަށް ވަޒީފާގެ ފުރުޞަތު ހުޅުވިގެންދާނެކަމަށްވެސް އެމްއޭސިއެލްއިިން ބުނެއެވެ. މި ޓަރމިނަލް ތަރައްޤީކުރުމަށް ހަވާލުކޮށްފައިވަނީ، ރަންވޭއާއި ސީޕްލޭން ޓަރމިނަލް ތަރައްޤީކުރަމުން އަންނަ ޗައިނާ ބެއިޖިންގ އަރބަން ކޮންސްޓްރަކްޝަން ގްރޫޕާއެވެ.