ޚަބަރު

އީޕީއެސްއަށް 50 އަހަރު ފުރުމުގެ ރަންޔޫބީލް މިރޭ ފަށަނީ


އީޕީއެސް ސްކޫލަށް ފަންސާސް އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ ރަންޔޫބީލް ހަރަކާތްތަށް މިރޭ ފެށުމަށް ނިންމައިފިއެވެ. 

އީޕީއެސް ސްކޫލްގެ ރަންޔޫބީލް ފާހަގަކުރުމުގެ ކަންތައް ކުރިއަށްގެންދަނީ އެސްކޫލުން ތަޢުލީމް ހާސިލްކޮށްފައިވާ ދަރިވަރުންގެ ތެރެއިން މިކަމަށްޓަކައި އެކުލަވާލާފައިވާ ޚާއްޞަ ސްޓިއަރިން ކޮމެޓީއަކުންނެވެ. އީޕީއެސް ސްކޫލަށް ފަންސާސް އަހަރު ފުރޭ ރަންޔޫބީލްގެ ޙަރަކާތްތަކާބެހޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން ސްޓިއަރިން ކޮމެޓީގެ ޗެއާރޕާސަން އަދި ސިވިލް ސާރވިސް ކޮމިޝަންގެ ރައީސް ޑރ.އަލީ ޝަމީމް ވިދާޅުވީ، އެސްކޫލްގެ ރަންޔޫބީލްގެ ހަރަކާތްތައް ފެށުމުގެ ގޮތުން މިރޭ އެސްކޫލްގައި ބާއްވާ ޚާއްސަ ޖަލްސާއަށް އެސްކޫލުން ތަޢުލީމް ހާޞިލްކޮށްފައިވާ ހުރިހާ ދަރިވަރުންނަށް ދައުވަތު އަރުވާކަމަށެވެ. މި ޖަލްސާގައި މައިގަނޑު ދެކަމެއް ޙާޞިލްކުރުމަށް މަސައްކަތްކުރައްވާނެކަމަށް ޝަމީމް ވިދާޅުވިއެވެ. 

"ޖަލްސާގައި ދެކަމެއް ޙާޞިލްކުރުމަށް އަމާޒު ހިފާފައިވޭ. ފުރަތަމަކަމަކީ އީޕީއެސް ސްކޫލަށް ފަންސާސް އަހަރުފުރޭ ތާރީޚީ މުނާސަބަތު ފާހަގަކުރުމަށް ޚާއްޞަ ހަރަކާތްތަކެއް ވާރާ ހިންގަން ފެށުން ފާހަގަކުރުން. ދެވަނަ ކަމަކީ މިއަހަރުގެ ނިޔަލަށް އީޕީއެސްގެ ނަން ދިވެހި ވުޖޫދުން ފުހެވިދާނެކަމުގެ ކަންބޮޑުވުން އޮތުމާއެކު ދިވެހި ތަޢުލީމަށް އަދި ދިވެހި ޤައުމުގެ ތަރައްޤީއަށް ބޮޑު ޚިއްސާއެއް އަދާކޮށްފައިވާ އަގުހުރި ތަރިކައެއްގެ ގޮތުގައި ބެލެވޭ އީޕީއެސް ސްކޫލްގެ ނަން ދިވެހި ވުޖޫދުގައި ދަމަހައްޓާ ދިރުވޭނެ ގޮތެއްވޭތޯ މަސައްކަތް ކުރުމަށް ކެމްޕެއިނެއް ފެށުން" ޑރ. ޢަލީ ޝަމީމް ވިދާޅުވިއެވެ.

އީޕީއެސް ސްކޫލަކީ މިހާރު ބިލަބޮންގް ހައި އީޕީއެސް އިންޓަރނޭޝަނަލް ސްކޫލެވެ. އެސްކޫލުގެ ނަން ބަދަލުކޮށް އިންޓަރނޭޝަނަލް ސްކޫލަކަށް ބަދަލުކޮށްފައިވަނީ 2008ވަނަ އަހަރު. ރަންޔޫބީލް ފެށުމުގެ ގޮތުން މާދަމާރޭ ބާއްވާ ޖަލްސާ އޮންނާނީ ބިލަބޮންގް ހައި އީޕީއެސް އިންޓަރނޭޝަނަލް ސްކޫލް ހޯލުގައެވެ. 

83 ދިރިވަރުންނާއެކު 21 ޖޫން 1968 ވަނަ އަހަރު މި ސްކޫލް ފަށާފައިވަނީ ގަލޮޅު ބޮޑުފެންވަޅުގޭގައެވެ. މިހާތަނަށް 26772 ދަރިވަރުން އެސްކޫލުން ތަޢުލީމް ޚާޞިލްކޮށްފައެވެ.