ތަރައްްޤީ

ފުވައްމުލަކު ގޮނޑުގައި ހުރި ކުނި ވެމްކޯއިން ހުސްކުރަނީ


ފުވައްމުލަކުގެ އައިލޭންޑް ވޭސްޓް މެނޭޖްމެންޓް ސެންޓަރުގައި ހުރި ކުނި ހުސްކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރު ވަމުންދާ ކަމަށާއި، މަސައްކަތް ފަށާތާ ދެހަފްތާތެރޭގައި ނިންމާލެވޭނޭކަމަށް ވެމްކޯއިން ބުނެފި.

ފުވައްމުލަކުގެ ކުނި މެނޭޖްކުރުމުގެ މަސައްކަތުގެ ތަފްޞީލް ޕީއެސްއެމް ނިއުސްއާ ޙިއްސާކުރަމުން އައްޑޫސިޓީގައި ހުންނަ ވެމްކޯގެ ރީޖަނަލް ވޭސްޓްމެނޭޖްމެންޓް ސެންޓަރުގެ ފެސިލިޓީ މެނޭޖަރ އަބްދުﷲ ނާފިޒް ވިދާޅުވީ, ވެމްކޯއިން ފުވައްމުލަކުގެ ކުނި  މެނޭޖްކުރުމުގެ މަސައްކަތާ ޙަވާލުވީއިރު، އެރަށުގެ އައިލޭންޑް ވޭސްޓްމެނޭޖްމެންޓް ސެންޓަރު ފުރިފައިވާކަމަށެވެ. އެހެންކަމުން މިހާރު އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދެނީ އެތަން ހުސްކުރުމަށްކަމަށެވެ. އަދި އެތަން ހުސްކުރުމުގެ ގޮތުން އެތާ ހުރި ކުނި ތިލަފުށްޓަށް ގެންދިއުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށްޓަވާނެކަމަށާއި، މަސައްކަތް ފަށާތާ ދެހަފްތާގެ ތެރޭގައި އެއްކޮށް ހުސްކޮށްލެވޭނޭކަމަށް ނާފިޒް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނާއި ހަވާލުވީއިރުގަ މުޅިތަންއޮތީ ފުރިފަ. އެހެންވެ އެތަން ހުސްކުރުމުގެ ވަރަށް ބޮޑު ޕްރޮޖެކްޓެއް އަޅުގަނޑުމެން ފަށައިގެން މިއުޅެނީ އެތަން ކްލީންއަޕް ކުރުމަށްޓަކައި. މިހާރު ކުނި ގެންދާނީ ތިލަފުއްޓަށް. ތިލަފުށީގައި މިހާރު އަޅުގަނޑުމެންގެ އިންސިނެރޭޓަރ އެއް ޤާއިމްކުރެވުމުގެ މަސައްކަތްދަނީ ވަރަށް ބާރަށް ކުރިއަށް. ވަންދޫގައި އަހަރުމެންގެ އިންސިނެރޭޓަރއެއް މިހާރުވެސް އެބަ ކުރިއަށް ހިންގާ. އެ އިންސިނެރޭޓަރތަކަށް ފީޑްކުރުމަށް އަޅުގަނޑުމެންނަށް ޖެނެރަލް ވޭސްޓް ބޭނުންކުރެވިދާނެ. އަދި އެކްލިއަރކޮށްލަން އަޅުގަންޑުމެން މާ ގިނަ ދުވަހެއް ބޭނުމެއް ނުވާނެ. އަޅުގަނޑުމެން މިހާރު މިބަލަނީ ތަންކޮޅެއް ބޮޑު ލޭންޑިންގް ކްރާފްޓެއް ގެނެސް އޭގެއިން ގާތްގަނޑަކަށް ދެ ހަފްތާ ތެރޭގައި ނިންމާލެވިދާނެކަމަށް "   ވެމްކޯގެ ރީޖަނަލް ވޭސްޓްމެނޭޖްމެންޓް ސެންޓަރުގެ ފެސިލިޓީ މެނޭޖަރ އަބްދުﷲ ނާފިޒް ވިދާޅުވިއެވެ.



ފުވައްމުލަކުގެ ކުނި މެނޭޖް ކުރުމުގެ މަސައްކަތް ވެމްކޯއާއި ރަސްމީ ގޮތުން ޙަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ މޭއިމަހުގެ ތެރޭގައެވެ. އަދި އައްޑޫސިޓީގައި ހުންނަ ވެމްކޯގެ ރީޖަނަލް ސެންޓަރުން  ފުވައްމުލަކު ސިޓީގެ ކުނި މެނޭޖްކުރުމުގެ ޢަމަލީ މަސައްކަތް ފެށީ މިދިޔަމަހުގެ ބާވީސް ވަނަ ދުވަހުއެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން ވެމްކޯއާއެކު  އެކުލަވާލާފައިވާ އެއްބަސްވުމުގެ ދަށުން ފުވައްމުލަކުގެ ހުރިހާ ގެތަކަކަކުންނާއި ވިޔަފާރިކުރާ ތަންތަނުން އުފައްދާ ކުނި ކަނޑައެޅިފައިވާ ތާވަލެއްގެ ދަށުން ވޭސްޓް މެނޭޖްމަންޓް ސައިޓަށް ގެންގޮސް ރަނގަޅުގޮތުގައި ނައްތާލަންޖެހެއެވެ. އަދި ފުވައްމުލަކު ސިޓީން އެއްކުރާ ކުނިތަކުގެ ތެރެއިން ނައްތާނުލެވޭ ޒާތުގެ ކުންޏާއި ރީސައިކަލް ކުރާ ތަކެތި ގެންދިޔުމަށް ހަމަޖެހިފައިވަނީ އައްޑޫސިޓީގައި ހުންނަ ރީޖަނަލް ވޭސްޓްމެނޭޖްމެންޓް ސެންޓަރަށެވެ.

ރީޖަނަލް ވޭސްޓްމެނޭޖްމެންޓް ސެންޓަރުން މަޢުލޫމާތުދޭ ގޮތުގައި މިހާރު ފުވައްމުލަކުގެ 600 ގޭބިސީއަކުން ވެމްކޯގެ ޚިދްމަތް ހޯދައެވެ. އަދި އަންނަ ހަފްތާގައި ވިޔަފާރިތަކުން އުފައްދާ ކުނި ނެގުމުގެ ޚިދްމަތް ފަށާނެކަމަށް ރީޖަނަލް ވޭސްޓްމެނޭޖްމެންޓް ސެންޓަރުން ބުނެއެވެ.

ފުވައްމުލަކުގައި ވެމްކޯގެ މަސައްކަތްތަކުގައި 72 މުވައްޒަފުން ޙަރަކާތްތެރިިވަމުންދާއިރު، މިމަސައްކަތުގައި 4 ކޮމްޕެކްޓަރާއި 1 ޑަމްޕާއި،1 އެސްކެލޭޓަރު ބޭނުން ކުރަމުންދާކަމަށް ރީޖަނަލް ވޭސްޓްމެނޭޖްމެންޓް ސެންޓަރުން ބުނެއެވެ.