ކުޅިވަރު

ދެމެޗުގެ ނާކާމިޔާބީއަށްފަހު ލިވަޕޫލަށް ރަނގަޅު މޮޅެއް!


ލިވަޕޫލްގެ އަސްލު ފެންވަރު ދައްކާ ނުލެވުނަސް މެޗުން ތިން ޕޮއިންޓް ލިބުމުން މާބޮޑު ޝަކުވާއެއް ނެތްކަމަށް ލިވަޕޫލްގެ ކޯޗް ޔާގެން ކްލޮޕް ބުނެފިއެވެ. 

ލީގުގައި ރޭ ހަޑާސްފިލްޑް އަތުން 3-0 ން މޮޅުވި މެޗަށްފަހު ކޯޗު ޔާގެން ކްލޮޕް ބުނީ ޖެހިޖެހިގެން ދެ މެޗުން ބަލިވެ، ޓީމްގެ މޯޓިވޭޝަން ދަށްވެފައިވާ ދަނޑިވަޅެއްގައި މިއީ މުހިންމު މޮޅެއްކަމަށެވެ. ލީގުގައި ކުރިއަށް ޓޮޓެންހަމާއި ވާދަކުރާ މެޗު އޮތްއިރު، މިއީ އެ މެޗަށް ޓީމް ތައްޔާރުކުރަން ލިބުނު ހިތްވަރެއްކަމަށެވެ. 

މެޗުގެ ނަތީޖާ ރަނގަޅުވިޔަސް ޓީމްގައި ރަނގަޅު ކުރަންޖެހޭ ކަންތައްތައް ހުރިކަން ފާހަގަކުރަމުން ކޯޗު ބުނީ، ކައުންޓާރ އެޓޭކުގައި ލިބޭ ފުރުސަތުތައް ނިންމާލަން މަސައްކަތްކުރަންޖެހޭކަމަށެވެ. ލިވަޕޫލަކީ މުޅި ޕްރިމިއަރ ލީގަށް ބަލާއިރުވެސް އެންމެ ސްޕީޑް ރަނގަޅު ޓީމްކަމަށާއި، އެކަމުގެ ފައިދާ ބޮޑެތި ޓީމްތަކާއި ދެކޮޅަށް ނަގަންޖެހޭކަމަށެވެ. 

ރޭ ލިވަޕޫލްގެ ލަނޑުތައް ޖަހައިދިނީ އެމްރޭ ކޭން، ރޮބާޓޯ ފިރްމީނޯ އަދި މުހައްމަދު ސަލާއެވެ.