އަމިއްލައަށް ކުނިއުކަން ބޭނުންވާ ފަރާތްތަކުގެ ތެރެއިން ރަޖިސްޓްރޭޝަން ކާޑް ނެތި ކުނި އުކާ ފަރާތަކުގެ އަތުން ތިރީސް ރުފިޔާގެ ފީއެއް ނެގުމަށް ވެމްކޯއިން ނިންމައިފިއެވެ.
ވެމްކޯއިން ބުނީ ރަޖިސްޓްރޭޝަން ކާޑް ނެތި ކުނި އުކާ ފަރާތްތަކުގެ އަތުުން ގޭޓް ފީ މާދަމާއިން ފެށިގެން ނަގަމުން ގެންދާނެކަމަށެވެ.
ވެމްކޯއިން ބުނީ ގޭޓްފީ ނަގަން ނިންމީ ސާފުވެއްޓެއް ޤާއިމުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އެ ކުންފުނިީގެ ފުރިހަމަ ބެލުމުގެ ދަށުން ކުނިއުކުމުގެ ކަންކަން ކުރިއަށް ދިއުމަށްކަމަށެވެ.
ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުން ޓްރާންސްފަރ ސްޓޭޝަންގައި މަސައްކަތްކުރާ ޑިއުޓީ އޮފިސަރުންނަށް ރަޖިސްޓްރޭޝަން ކާޑު ދެއްކުމުން އެއްވެސް އަގެއް ނެތި ކުނި އުކާލެވޭނެކަމަށްވެސް ވެމްކޯއިން ބުނެއެވެ. އަދި އަމިއްލައަށް ކުނި އުކުމަށް ތިން ހާސް ހަސަތޭކައަށްވުރެ ގިނަ މީހުން ރަޖިސްޓްރީކޮށްފައިވާކަމަށްވެސް ވެމްކޯއިން ބުނެއެވެ.
އަމިއްލައަށް ކުނިއުކަން ބޭނުންވާ ފަރާތްތަކަށް އަދިވެސް އެ ފުރުސަތު ހުޅުވާލާފައިވާކަމަށާއި ރަޖިސްޓްރީކުރުމުގެ ހިދުމަތް އިންޑަސްޓްރިއަލް ވިލެޖުގައި ހުންނަ ވެމްކޯގެ ފްރަންޓް އޮފީހުން ލިބޭނެކަމަށްވެސް ވެމްކޯއިން ބުނެއެވެ.