ޚަބަރު

ހުޅުމާލޭ ދެވަނަ ފިޔަވައްސަށް 1.5 ބިލިއަން ޑޮލަރު އިންވެސްޓްކޮށްފި


ހުޅުމާލޭ ދެވަނަ ފިޔަވައްސަށް 1.5 ބިލިއަން ޑޮލަރު، މިހާތަނަށް އިންވެސްޓް ކުރެވިފައިވާ ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ބުނެފިއެވެ.

އެޗް.ޑީ.ސީގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ސައިމަން ވިދާޅުވީ މަގު ހެދުމާއި، ކަރަންޓާއި، ފެނާ ނަރުދަމާ ފަދަ އަސާސީ ޚިދުމަތްތައް ޤާއިމްކުރުމުގެ އިތުރުން، ރައްޔިތުންގެ އުންމީދުތަކާ ގުޅިފައިވާ ހައުސިންގެ ބިޔަ މަޝްރޫޢުތައް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިހާރު ކުރިއަށްދާއިރު، ޖުމްލަ އިންވެސްޓްމަންޓުގެ އަގު 1.5 ބިލިއަން ޑޮލަރަށް މިހާރު އަރާފައިވާ ކަމަށެވެ. ސައިމަން ވިދާޅުވީ މީގެ ތެރެއިން ބޮޑު ބަޔަކީ ބޭރު ޤައުމުތަކާއި، ބޭންކުތަކުން ނަގާފައިވާ ލޯން އެހީ ކަމަށްވާއިރު، އެ ލޯންތައް ނަގާފައިވަނީ ލޯން ދެއްކުމުގެ ޤާބިލުކަން ސަރުކާރުގައި އޮތުމުން ކަމަށެވެ. އަދި އިންވެސްޓްމެންޓް އަނބުރާ ދެއްކޭނެ ކަމުގެ ހެއްކަކީ މިއަދު ހަމައެކަނި އެޗް.ޑީ.ސީއަށް ބަލާއިރުވެސް 3 ބިލިއަން ޑޮލަރުގެ އެސެޓް އެ ކޯޕަރޭޝަނުގައި ހުރުން ކަމަށްވެސް ސައިމަން ވިދާޅުވިއެވެ. އަދި ހުޅުމާލޭގެ ދެވަނަ ފިޔަވަހިން މިއަދު ފެންނަ މަންޒަރުތަކުން ސިފަކުރެވެނީ، ޒުވާނުންގެ ޝަހަރުގެ ފޮނި މީރުކަން ޒުވާނުންނަށް ވީހާވެސް އަވަހަކަށް ހޯއްދައިވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދެއްވާ އަހައްމިއްޔަތުންކަން ކަމަށެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބިންހިއްކުމަށްފަހު ފާއިތުވެދިޔަ ދެއަހަރާއި 10 މަސްދުވަހުގެ ތެރޭގައި ކުރެވުނު އިންވެސްޓްމަންޓްތަކުގެ އަދަދު 1.5 ބިލިއަން ޑޮލަރަށް އަރާއިރު، ދެވަނަ ފިޔަވަހި އެއްކޮށް ތަރައްޤީ ކުރުމަށް 7 ބިލިއަން ޑޮލަރާ ގާތްކުރާ އަދަދެއް ހަރަދުވާނެ ކަމަށް އެޗް.ޑީ.ސީން ލަފާކުރެއެވެ. ނަމަވެސް ފާއިތުވެ ދިޔަ ކުރު މުއްދަތުގެ ތެރޭގައި 1.5 ބިލިއަން ޑޮލަރު އިންވެސްޓްކުރުމަކީ ސަރުކާރުން ޢަމަލީގޮތުން ނަތީޖާ ދައްކާކަމުގެ ހެއްކެއް ކަމަށް އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސައިމަން ވިދާޅުވިއެވެ.

ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސަކީ 60،000 މީހުންގެ އާބާދީއަކަށް އަމާޒުކޮށްގެން ތަރައްޤީކުރަމުންދާ ތަނަކަށްވީ ނަމަވެސް، ހުޅުމާލޭގެ ދެވަނަ ފިޔަވަހި ތަރައްޤީކުރަނީ  100،000 މީހުންގެ އާބާދީއަކަށް އަމާޒުކޮށްގެން ޒުވާނުންގެ ޝަހަރުގެ ގޮތުގައެވެ. އެހެންކަމުން ހުޅުމާލޭ ފުރަތަމަ ފިޔަވައްސަށް ކުރެވުނު ޚަރަދާ އަޅާބަޅާއިރު، އެންމެ ޒަމާނީ ފެންވަރަށް ތަރައްޤީކުރާ ހުޅުމާލޭ ދެވަނަ ދެވަނަ ފިޔަވައްސަށް ކުރާ އިންވެސްޓްމެންޓްގެ އަގު އެތައް ގުނައެއް އިތުރުކަން ސައިމަން ފާހަގަކުރެއްވިއެވެ.

ދެވަނަ ފިޔަވަހި ތަރައްޤީކުރުމުގެ މަސައްކަތްތައް ރެއާ ދުވާލު ކުރަމުންދާއިރު، މިހާ ބޮޑެތި އިންވެސްޓަމަންޓްތަކެއްގެ މަސައްކަތްތައް އެއްފަހަރާ ކުރިއަށްގެންދިއުމަކީ ގޮންޖެހުން ބޮޑު ކަމެއްގެ ގޮތުގައި ސައިމަން ސިފަކުރެއްވިއެވެ. ނަމަވެސް އެޗް.ޑީ.ސީ އޮތީ ދެން އިތުރަށް އިންވެސްޓެއް ކުރަން ޖެހުނަސް ތައްޔާރަށް ކަމަށް ސައިމަން ވިދާޅުވިއެވެ.

" އަޅުގަނޑުމެން މަސައްކަތް ކުރަމުންމިދަނީ ވަރަށް ޔަގީން ކަމާއެކު. ފޭސް ދޭއް އެއީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ވަރަށް ޗެލެންޖިންގ ޕްރޮޖެކްޓެއް. ޗެލެންޖިން ޕްރޮޖެކްޓަކަށް މިވަނީ އެއްފަަހަރާ އެތައް އިންވެސްޓްމެންޓެއްކޮށް، އެއްފަހަރާ އެތައް ކަމެއް އެއް ގަޑިއެއްގައި ކުރަމުންދާތީ. މިހާރު ފައިނޭންސް ބޭނުންވާ ދާއިރާތައް ބަލާ އެކަމަށް ހައްލުގެނައުމަށް ބޭރުގެ ފަރާތްތަކާއި މަޝްވަރާ ކުރެވެމުންދަނީ. މިސާލަކަށް ފެނާއި ނަރުދަމާ ފަދަ ކަންކަން ކުރަމުން އަންނަ ސަރުކާރު ކުންފުނިތަކަށްވެސް މުޅި ދެވަނަ ފިޔަވަހި ކަވަރ ކުރެވެން އަންނަނީ އަދިވެސް އިތުރު ފައިސާ ލިބިގެން. އެކަމާ ގުޅޭގޮތުން ބޭރުގެ ފަރާތްތަކާއި މަޝްވްރާކޮށް އެ ފައިސާ މިހާރު ހަމަޖެހި، ފެނާއި ނަރުދަމާގެ މަސައްކަތްތައްވެސް މިދަނީ ކުރަމުން. ހުރިހާ ކަމެއް ކުރުމަށްވެސް އޮންނަ އެންމެ ބޮޑު ދައްޗަކަށް މިއޮތީ ފައިނޭންސް. އެކަން ހަމަޖެހުނީމަ ބާކީ ހުރި ހުރިހާ ކަމަކަށް ދަތިތައް ފިލައިގެންދޭ. ހުޅުމާލޭ ދެވަނަ ފިޔަވަހި ތަރައްޤީ ކުރުމުގައި ލޯން ނަގައިގެން ކުރެވޭ މަސައްކަތުގައި އަޅުގަނޑުމެންނަށް ޔަޤީންކަން އެބައޮތް ހުޅުމާލެތެރެއިން މި ފައިސާ އަނބުރާ ލިބި، ލޯންތައް ދައްކާ، ރައްޔިތުންނަށް މީގެ މަަންފާ ލިބޭނެ ހުރިހާ ކަމެއް ފޭސް ދޭކުން ހަަމަޖެހުން. އަޅުގަނޑުމެން މަސައްކަތް ކުރަނީ މިއަހަރުތެރޭ ފޭސް ދޭއްގައި މީހުން އާބާދުވުން. އެ އުންމީދުގައި މަަސައްކަތް ކުރެވެމުން މިދަނީ " ސައިމަން ވިދާޅުވިއެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ނިންމާފައިވަނީ 2015 އަހަރުގެ މާޗް މަހުގައެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މާސްޓަރ ޕްލޭނަށް ބަލާލާއިރު، މިހާރު ކުރިއަށްދާ މަޝްރޫއުތަކުގެ އިތުުރުން، އަދިވެސް ކުރިއަށް ބިޔަ މަޝްރޫއުތަކެއް ރޭވިފައިވެއެވެ. އެގޮތުން ކުރިއަށްގެންދާ ބައެެއް މަޝްރޫއުތަކަށް ބަލާއިރު، ބޯހިޔާވަހިކަމުގެ އިތުުރު މަޝްރޫއުތަކާއި، ޓޫރިޒަމް ޒޯނާއި، ޔޮޓް މެރީނާއާއި، ކްރޫޒް ޓާމިނަލާއި، އައިޓީ ޕާކަކާއި ހެރިޓޭޖް އައިލެންޑް މަޝްރޫއު ފާހަގަކޮށްލެވެއެވެ.ހުޅުމާލޭ ދެވަނަ ފިޔަވަހީފައި މިހާރު އެންމެ ބާރަށް ކުރިއަށްދާ މަގުހެދުމާއި، ކަރަންޓާއި، ފެނާއި ނަރުދަމާގެ ޚިދުމަތްތައް މިއަހަރުގެ ތެރޭގައި ނިންމާ، ހިޔާ މަޝްރޫޢުގެ ދަށުން އަޅާ ހައުސިންގ ޔުނިޓްތަކުގައި މީހުން އާބާދު ކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.