ކުޅިވަރު

މޮޅަށް ކުޅެވޭތީވެ އަހަރެން މިހުރީ އުފަލުން: އަނަޓޯލީ


ޓީސީ އަށް ބަދަލުވެ މޮޅު ކުޅުމެއް ދެއްކޭތީވެ އޭނާ ހުރީ ވަރަށް އުފަލުން ކަމަށް ކިރިގިސްތާނުގެ ޤައުމީ ޓީމުގެ ކުޅުންތެރިޔާ ވަލްސިއޭވް އަނަޓޯލީ ބުނެފިއެވެ.

ބަނގްލަދޭޝްގެ ސައިފް ސްޕޯޓްސް ދެ މެޗުގެ ނަތީޖާއިން 4-1 ން ބަލިކޮށް، އޭއެފްސީ ކަޕުގެ ޕްލޭއޯފަށް ރާއްޖޭގެ ޓީސީ ސްޕޯޓްސް ރޭ ދަތުރުކުރީ އޭނާ ޖެހި ހަތަރު ލަނޑުންނެވެ. ރޭގެ މެޗުގައި އޭނާ ހެޓްރިކް ހެދިއިރު މީގެ ހަފުތާއެއްގެ ކުރިން ބަނގްލަދޭޝްގައި ކުޅުނު މެޗުގައި ވެސް ލަނޑު ޖެހީ އޭނާއެވެ.

އުމުރުން 29 އަހަރުގެ މިޑްފީލްޑަރު ބުނީ މޮޅަށް ކުޅެ ޓީމު މޮޅުކޮށްދެވޭއިރު ލަނޑު ޖެހޭތީ ވެސް އޭނާ އުފާވާ ކަމަށެވެ.

"އަހަރެން ވަރަށް އުފާވޭ މޮޅަށް ކުޅެވޭތީވެ. އަހަރެން މިހުރީ ވަރަށް ބޮޑަށް އުފާވެފައި. ރަނގަޅަށް ލަނޑު ޖެހުމުން ވެސް ވަރަށް އުފާވި،" ކިރިގިސްތާނުގެ ގައުމީ ޓީމަށް 13 މެޗު ކުޅެދީފައިވާ ކުޅުންތެރިޔާ ބުންޏެވެ.

ޓީސީ އަށް އައުމުގެ ކުރިން އަނަޓޯލީ ވަނީ އޮމާން ލީގުގައި ވެސް ކުޅެފައެވެ.