ކުޅިވަރު

ޓީސީ ޕްލޭއޯފްއަށް! ތަރިއަކީ އަނަޓޮލީ


ދެވަނަ ލެގުގައި މިރޭ 3-1 ން ބަނގްލަދޭޝްގެ ސައިފް ސްޕޯރޓިންގ ކްލަބް ލިމިޓެޑް ބަލިކޮށް، އޭއެފްސީކަޕް ޕްލޭއޯފްގެ ޖާގައެއް ޓީސީ ސްޕޯރޓްސް ކްލަބުން ކަށަވަރުކޮށްފިއެވެ.

ޕްރިލިމިނަރީ ބުރުގެ ދެވަނަ ލެގުގައި މިރޭ ޓީސީ ހޯދި މޮޅާއެކު ޕްލޭއޯފްގެ ޖާގަ ކަށަވަރުކުރީ 4-1 ގެ އެގްރިގޭޓުންނެވެ. އެއީ ފުރަތަމަ ލެގުގެ މެޗު ބަނގްލަދޭޝްގައި ކުޅެ 1-0 ން ކާމިޔާބުކޮށްގެންނެވެ. މިރޭ ރަސްމީ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ޓީސީގެ ތިން ލަނޑުވެސް ޖެހީ ކިރްގިސްތާނުގެ މިޑްފީލްޑަރ އަނަޓޮލީއެވެ. މިރޭގެ މެޗުގައި ފުރަތަމަ ލަނޑު ޖަހާ ޓީސީއަށް އޭނާ ކުރި ހޯދައިދިނީ މުޙައްމަދު ސާމިރު ނަގައިދިން ކޯނަރު ބޮލުން ގޯލްގެ ކަނަށް ފޮނުވާލައިގެންނެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ބަނގްލަދޭޝް ޓީމުން ލަނޑު ޖަހާ، ދަނޑުގައި ފޯރި ނަގަމުން ދިޔަ ބަނގްލަދޭޝްގެ ސަޕޯޓަރުންނަށް ހިތްހަމަ ޖެހުން ގެނެސްދިނެވެ. އަނަޓޮލީ ޓީސީއަށް ދެވަނަ ފަހަރަށް ކުރި ހޯދައިދިނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އަށް މިނިޓަށް ވެފައިވަނިކޮށް ލިބުނު ޕެނަލްޓީއަކުންނެވެ. މިޕެނަލްޓީއަކީ ދެވަނަ ހާފްގައި ކުޅެން ނިކުއިން އަހުމަދު އާރިފަށް ޕެނަލްޓީ އޭރިޔާ ތެރެއިން ފައުލްކުރުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ. އަނަޓޮލީ ހެޓްރިކް ފުރިހަމަ ކުރީ ލިބުނު ހިލޭޖެހުމަކުންނެވެ. 

img:http://s4.psmnews.mv/images/660x400/15173364357641.jpg|ފުރަތަމަ ލަނޑަށްފަހު ޓީސީ ކުޅުންތެރިން އުފާފާޅުކުރަނީ: ފޮޓޯ-ޕީއެސްއެމް

ބަނގްލަދޭޝްގައި ކުޅުނު ފުރަތަމަ ލެގުގައިވެސް ޓީސީއަށް ލަނޑު ޖަހައިދިނީ އޭނާއެވެ. ދެމެޗުން ހަތަރު ލަނޑު ޖަހާ އޭނާ ވަނީ ޓީސީގެ ކޯޗިންގ ޓީމާއި، މެނޭޖްމަންޓް އަދި ސަޕޯޓަރުން ހިތްހަމަޖައްސައިދީފައެވެ. 

ޕްލޭއޯފްގައި ޓީސީ ވާދަކުރަން ޖެހޭނީ އިންޑިޔާގެ ބެންގަލޫރު އެފްސީއާއެވެ. ބެންގަލޫރު އެފްސީއަކީ އެންމެ ފަހުގެ މުބާރާތުގެވެސް ސެމީފައިނަލްގައި ވާދަކުރި ޓީމެކެވެ.