މިދިޔަ ހަފްތާގައި މަޤާމާ ހަވާލުވެވަޑައިގަތް ލައިބީރިއާގެ ރައީސް، ޖޯޖް ވިޔާގެ މުސާރަ ކުޑަކުރެއްވުމަށް ނިންމަވައިފިއެވެ.
މުސާރައާއި ޢިނާޔަތް ކުޑަކުރެއްވުމަށް ނިންމެވިކަން ޖޯޖް ވިޔާ އިޢުލާންކުރެއްވީ، މަޤާމާ ހަވާލުވެވަޑައިގަތުމަށްފަހު، ފުރަތަމަ ފަހަރަށް ޤާނޫނު ހަދާ މަޖިލީހުގައި ތަޤްރީރުކުރައްވަމުންނެވެ. ވިޔާ ވިދާޅުވީ އެމަނިކުފާނަށް މަހަކު ލިބިވަޑައިގަންނަވާ 8000 އެއްހާ ޑޮލަރުން 25 އިންސައްތަ އުނިކުރައްވާނޭކަމަށެވެ. އަދި މިއީ އިނދަޖެހިފައިވާ އެޤައުމުގެ އިޤްތިޞާދު އަލުން ކޮޅަށް ޖެހުމަށް ކުރާ މަސައްކަތުގެ ތެރެއިން އެޅުއްވި ފިޔަވަޅެއްކަމަށް ވިޔާ ވިދާޅުވިއެވެ.
img:http://s1.psmnews.mv/images/660x400/15173079564881.jpg|ލައިބީރިއާގެ ރައީސް އަދި ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ، ޖޯޖް ވިޔާ
"އަހަރެމެންގެ އިޤްތިޞާދު ވަނީ ހަލާކުވެފައި. ސަރުކާރު ވަނީ ރޫޅިފައި.. ފައިސާގެ އަގެއް ނެތް.. ތަކެތީގެ އަގު ދަނީ އުފުލެމުން.. ވަޒީފާ ނެތް މީހުންގެ އަދަދު ހީނުކުރާހާ މަތީގައި އުޅެނީ... ދައުލަތުގެ މާލިއްޔަތު ވަނީ އެއްކޮށް އަޑި އަޅާލާފައި" ޤާނޫނު ހަދާ މަޖިލީހުގައި ފުރަތަމަ ފަހަރަށް ތަޤްރީރުކުރައްވަމުން ވިޔާ ވިދާޅުވިއެވެ.
4.6 މިލިއަން މީހުންގެ އާބާދީއެއް އޮންނަ އެފްރިކާގެ ޤައުމެއްކަމަށްވާ ލައިބީރިއާގެ ރައީސްކަމުގެ ހުވާ، ޖޯޖް ވިޔާ ކުރެއްވީ މިމަހުގެ 23 ވަނަ ދުވަހުއެވެ. ޖޯޖް ވިޔާއަކީ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިއެކެވެ.
img:http://s1.psmnews.mv/images/660x400/15173079855047.jpg|ޖޯޖް ވިޔާ އޭސީ މިލާނަށް ކުޅުނު ދުވަސްވަރު
ޖޯޖް ވިޔާ ވަނީ މޮނާކޯ، ޕީއެސްޖީ، އޭސީ މިލާން، މެންޗަސްޓަރ ސިޓީ އަދި ޗެލްސީ ފަދަ ޔޫރަޕްގެ ބޮޑެތި ކްލަބްތަކަށް ފުޓްބޯޅަ ކުޅެފައެވެ. ޖޯޖް ވިޔާއަކީ ޕްރޮފެޝަނަލް ފެންވަރުގައި ފުޓްބޯޅަ ކުޅުނު ކުޅުންތެރިންގެ ތެރެއިން ޤައުމެއްގެ ވެރިކަމަށް ވަޑައިގެންނެވި ފުރަތަމަ ބޭފުޅާއެވެ.